އިންޑިއާ، ޕާކިސްތާން، ޔޫއޭއީއަށް އާ ސަފީރުން އައްޔަނުކުރައްވައިފި

ޔޫއޭއީއަށް ކަނޑައެޅި އާ ސަފީރު ފާތިމަތު ޝަބީނާ، ޕާކިސްތާނަށް ކަނޑައެޅި އާ ސަފީރު ފަރްޒާނާ ޒާހިރު އަދި އިންޑިއާއަށް ކަނޑައެޅި އާ ސަފީރު ޑރ. ހުސައިން ނިޔާޒު -- ފޮޓޯ/ ރައީސް އޮފީސް

އިންޑިއާ، ޕާކިސްތާނު އަދި ޔޫއޭއީއަށް ރާއްޖެއިން ކަނޑައަޅާ ސަފީރުންގެ މަގާމަށް ބޭފުޅުން އައްޔަނު ކުރައްވައިފިއެވެ.

މި ތިން ބޭފުޅުންނަށް ސަފީރުކަމުގެ ފަތްކޮޅު ހަވާލުކޮށްފައިވަނީ މިއަދު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ރަސްމިއްޔާތުގައެވެ.

އިންޑިއާގައި ހުންނަވާރާއްޖޭގެ ސަފީރުކަމުގެ މަގާމަށް ކަނޑައަޅުއްވާފައި ވަނީ ހ.ނިޔާސާ ޑރ. ހުސައިން ނިޔާޒެވެ.

ޑރ. ނިޔާޒު އެންމެ ފަހުން ހުންނެވީޔޫއޭއީ އަށް ރާއްޖެއިން ކަނޑައަޅާފައި ހުންނަވާ ސަފީރުކަމުގެ މަގާމުގައެވެ. އެ މަނިކުފާނު ވަނީ އަބޫ ދާބީގެ އިންޓަރނޭޝަނަލް ރިނިއުބަލް އެނާޖީ އޭޖެންސީގެ ދާއިމީ މަންދޫބުގެ މަގާމާއި، މިނިސްޓްރީ އޮފް ފޮރިން އެފެއާޒްގެ އެކި މަގާމުތަކުގައި ގިނަ ދުވަސްތަކެއް ވަންދެން މަސައްކަތްކުރައްވާފައެވެ. ހުސައިން ނިޔާޒަކީ ނިއުޒިލެންޑުން ޑިމޮގްރަފި އެންޑް ޑިވެލޮޕްމަންޓްގެ ދާއިރާއިން ޑޮކްޓަރޭޓް އޮފް ފިލޯސަފީ ހާސިލުކުރައްވާފައިވާ ބޭފުޅެކެވެ.

ރާއްޖެއިން އިންޑިއާއަށް ކަނޑައަޅުއްވާ ސަފީރު ޑރ. ހުސައިން ނިޔާޒަށް ސަފީރުކަމުގެ ފަތްކޮޅު އަރުވަނީ -- ފޮޓޯ/ ރައީސް އޮފީސް

ޔޫއޭއީ ގައި ހުންނަވާ ރާއްޖޭގެ ސަފީރުކަމުގެ މަގާމަށް ކަނޑައަޅުއްވާފައި ވަނީ ހ.މިސްޓީލޮޖް އާމިނަތު ޝަބީނާއެވެ. ޝަބީނާ އެންމެ ފަހުން ހުންނެވީ މިނިސްޓްރީ އޮފް ފޮރިން އެފެއާޒްގެ ޖޮއިންޓް ސެކްރެޓަރީގެ މަގާމުގައެވެ. ޝަބީނާ ވަނީ ގިނަ ދުވަސްތަކެއް ވަންދެން ފޮރިން މިނިސްޓްރީގެ އެކި މަގާމުތަކުގައި މަސައްކަތްކުރައްވާފައެވެ. ޝަބީނާ އަކީ މާސްޓާ އޮފް ބިޒްނަސް އެޑްމިނިސްޓްރޭޝަން ހާސިލުކުރައްވާފައިވާ ބޭފުޅެކެވެ.

ރާއްޖެއިން ޔޫއޭއީއަށް ކަނޑައަޅުއްވާ ސަފީރު ފާތިމަތު ޝަބީނާއަށް ސަފީރުކަމުގެ ފަތްކޮޅު އަރުވަނީ -- ފޮޓޯ/ ރައީސް އޮފީސް

ޕާކިސްތާނުގައި ހުންނަވާ ރާއްޖޭގެ ސަފީރުކަމުގެ މަގާމަށް އައްޔަންކުރައްވާފައި ވަނީ ގ.ޗޭނުގެ ފަރުޒާނާ ޒާހިރެވެ. ފަރުޒާނާ ޒާހިރު އެންމެ ފަހުން ހުންނެވީ މިނިސްޓްރީ އޮފް ފޮރިން އެފެއާޒްގެ ޖޮއިންޓް ސެކްރެޓަރީގެ މަގާމުގައެވެ. ފަރުޒާނާ ވެސް ވަނީ ގިނަ ދުވަސްތަކެއް ވަންދެން ފޮރިން މިނިސްޓްރީގެ އެކި މަގާމުތަކުގައި މަސައްކަތްކުރައްވާފައެވެ. ފަރުޒާނާ ޒާހިރަކީ ނިއުޒީލެންޑުން މާސްޓާ އޮފް ޑިވެލޮޕްމަންޓް ސްޓަޑީޒް ހާސިލުކުރައްވާފައިވާ ބޭފުޅެކެވެ.

ރާއްޖެއިން ޕާކިސްތާނަށް ކަނޑައަޅުއްވާ ސަފީރު ފަރްޒާނާ ޒާހިރަށް ސަފީރުކަމުގެ ފަތްކޮޅު އަރުވަނީ -- ފޮޓޯ/ ރައީސް އޮފީސް

comment ކޮމެންޓް