ގެސްޓްހައުސްތަކަށް އިންޝުއަރެންސް ކަވަރޭޖު ހޯދަން މަޝްވަރާތައް ފަށައިފި

ގޭމް އިން އިންޝުއަރެންސް ކުންފުނިތަކާ ބައްދަލުކުރުން -- ފޮޓޯ: ގޭމް

ގެސްޓުހައުސްތަކަށް އިންޝުއަރެންސް ކަވަރޭޖު ހޯދުމަށް ރާއްޖޭގައި އިންޝުއަރެންސްގެ ހިދުމަތްދޭ ކުންފުނިތަކާ އެކު މަޝްވަރާ ފަށައިފި އެވެ.

ގެސްޓްހައުސް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ގޭމް) އިން ބުނީ ގެސްޓްހައުސްތައް ހުޅުވާ އިރު ގެސްޓް މީހާ ކޮވިޑް އިންޝުއަރެންސް ކުރެވިފައި އޮތުމަކީ މުހިއްމުކަމެއް ކަމަށް އެ ޖަމްއިއްޔާ އިން ދެކޭ ކަމަށެވެ.

އެހެންކަމުން އެކަމާ ބެހޭ މަޝްވަރާތައް އިންޝުއަރެންސްގެ ހިދުމަތްދޭ ކުންފުނިތަކާ އެކު ކުރަމުންދާ ކަމަށް އެ ޖަމްއިއްޔާ އިން ބުންޏެވެ.

މާލެ ސަރަހައްދު ފިޔަވައި ރާއްޖޭގެ އެހެން ރަށްރަށުގައި ހިންގާ ގެސްޓްހައުސްތައް އަންނަ މަހުގެ 15ގައި ހުޅުވަން މިހާރު ވަނީ ނިންމައިފަ އެވެ.

ގެސްޓްހައުސްތަކަށް އިންޝުއަރެންސް ކަވަރޭޖު ހޯދުމަށް މަޝްވަރާ ކުރަމުންދާ އިރު ރާއްޖޭގެ ރައްކާތެރިކަން ޔަގީންކުރުމުގެ ގޮތުން ރާއްޖެ އަންނަ ޓޫރިސްޓުންނަށް ކޮވިޑްގައި ބޭސްފަރުވާ ކުރެވޭނެ އިންޝްއަރެންސް ސުކީމްތަކެއް ރާއްޖެއަށް ހާއްސަކޮށް ތައާރަފްކުރަން މަޝްވަރާކުރަމުން އަންނަ ކަމަށް ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް ވަނީ ވިދާޅުވެފަ އެވެ.

އެ ސްކީމްތަކާ އެކު ރާއްޖެއަށް ޓޫރިސްޓުންގެ އިތުބާރު ބޮޑު ކުރެވޭނެ ކަމަށް މިނިސްޓަރު ވަނީ ވިދާޅުވެފަ އެވެ.

comment ކޮމެންޓް