ޗައިނާއަށް ޖާސޫސްކޮށްދިން އެމެރިކާގެ ފުލުސް އޮފިސަރެއްގެ މައްޗަށް ދައުވާކުރަނީ

ޗައިނާއަށް ޖާސޫސްކޮށްދޭކަމަށް ބުނެ ހައްޔަރުކުރި ބައިމަޑަޖީ އަންގްވޭންގް--

ޗައިނާއަށް ޖާސޫސްކޮށްދިންކަމަށް ބުނެ އެމެރިކާގެ ނިއުޔޯކް ސިޓީގެ ފުލުސް އޮފިސަރެއްގެ މައްޗަށް ދައުވާކުރަން ފޮނުވައިފި އެވެ.

ޗައިނާއަށް އުފަން ބައިމަޑަޖީ އަންގްވޭންގް މިދިޔަ ހޯމަ ދުވަހު ހައްޔަރުކުރީ އެމެރިކާގައި ދިރިއުޅޭ ޓިބެޓް ދަރިކޮޅުގެ މީހުންގެ މައުލޫމާތު އެމެރިކާގައި ހުންނަ ޗައިނާގެ ކޮންސިއުލޭޓްއަށް ފޯރުކޮށްދިނުމުގެ ތުހުމަތުގަ އެވެ.

ޕްރޮސިކިއުޓަރުން ބުނީ ބައިމަޑަޖީ ދަނީ 2014 އިން ފެށިގެން ޗައިނާއަށް ޖާސޫސީ މައުލޫމާތު ފޯރުކޮށްދެމުން ކަމަށެވެ.

ދޮގު މައުލޫމާތު ދިނުމާއި ވަޔާ ފްރޯޑް ހިންގުމުގެ ދައުވާވެސް އޭނާގެ މައްޗަށް ވަނީ އުފުލައިފަ އެވެ.

އެފްބީއައިއީން ބުނީ ބައިމަޑަޖީ، އެންވައިޕީޑީގެ މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ޗައިނާއަށް ޖާސޫސް ކޮށްދޭން އިންޓަލިޖެންސް އޭޖެންޓުން ރެކްރޫޓްކޮށް ދޭން ވެސް މަސައްކަތްކޮށްފައިވާ ކަމަށެވެެ.

ޗައިނާއިން އެމެރިކާއަށް ޖާސޫސް ކުރާކަމަށް އެމެރިކާއިން މިފަހަކަށް އައިސް ވަރަށް ގިނައިން ދަނީ ތުހުމަތު ކުރަމުންނެވެ. އެމެރިކާއިން ތުހުމަތު ކުރާ ގޮތުގައި ޗައިނާއިން ދަނީ އެގައުމުގެ އެކި މިލިޓަރީ އަދި އެހެނިހެން ސިއްރުތައް ވަގަށް ނެގުމަށް މަސައްކަތްކުރަމުންނެވެ. --އަލްޖަޒީރާ

comment ކޮމެންޓް