ސުޝާންތުގެ މަރު: ރިއާގެ ބަންދުގެ މުއްދަތު އިތުރުކޮށްފި

ބަތަލާ ރިއާ ޗަކްރަބޯޓީ--

ހުނަރުވެރި އެކްޓަރު ސުޝާންތު ސިންހް ރާޖްޕުތް ގެ މަރުގެ ތަހުގީގުން ފެންމަތިވި ޑުރަގު މައްސަލައިގައި މި މަހު އަށް ވަނަ ދުވަހު ހައްޔަރުކުރި އޭނާގެ ލޯބިވެރިޔާ ރިއާ ޗަކްރަބޯޓީގެ ބަންދުގެ މުއްދަތު އިތުރުކޮށްފި އެވެ.

އިއްޔެ އޭނާގެ ބަންދުގެ މުއްދަތު ހަމަވުމާ ގުޅިގެން ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ބޭއްވި ޝަރީއަތުގެ މަޖިލީހެއްގައި ކޯޓުން ވަނީ އޭނާގެ ބަންދުގެ މުއްދަތު އަންނަ މަހުގެ ހަވަނަ ދުވަހާ ހަމައަށް އިތުރުކޮށްފަ އެވެ. ރިއާގެ ވަކީލުން ވަނީ ކަފާލާތުގެ ދަށުން ރިއާ ދޫކޮށްލުމަށް ކޯޓަށް ވެސް ހުށައަޅާފަ އެވެ. ނަމަވެސް އެ މައްސަލަ ވަނީ ކޯޓުން ބޭރުކޮށްލާފަ އެވެ.

މިއަދުގެ ވަގުތެއްގައި ރިއާގެ ވަކީލުން ހުށަހެޅި އޭނާ ކަލާފަތުގެ ދަށުން ދޫކޮށްލާ މައްސަލައިގެ އަޑުއެހުމެއް އޮންނާނެ އެވެ. ސުޝާންތުގެ މަރާއެކު ޑުރަގުގެ މައްސަލައެއް ފެންމަތިވެފައިވާއިރު ރިއާ ވަނީ އެންސީބީ ކުރިމަތީ އޭނާއަކީ ޑުރަގު ނަގާ މީހެއް ކަމަށް އެއްބަސްވެފަ އެވެ. އޭނާ ވަނީ ކޮއްކޮ ޝޮވިކް މެދުވެރިކޮށް ޑުރަގް ގަތް ކަމަށް އެއްބަސްވެފަ އެވެ. އަދި ޑުރަގު ވިއްކާ މީހުންނާ ގުޅުން އޮންނަ ކަމަށްވެސް އެއްބަސްވެފަ އެވެ. އޭނާގެ ވަނީ ޑުރަގު ވިއްކާ ކަމަށް ވެސް އެއްބަސްވެފަ އެވެ.

ޑުރަގުގެ މައްސަލައިގައި ހިމެނޭ ބޮލީވުޑްގެ ގިނަ ފަންނާނުންގެ ނަންތަކެއް ވެސް މިހާރު ވަނީ އާންމުވެފަ އެވެ. އެ މައްސަލައިގައި އެންސީބީއިން ވަނީ މިހާތަނަށް 18 މީހަކު ހައްޔަރުކޮށްފަ އެވެ.

comment ކޮމެންޓް