ރައީސް ޔާމީންގެ ސަރުކާރުގައި ދީނީ ކަމަކުން ވައްކަމެއް ނުކުރޭ: އަދުރޭ

ޖޫން 25، 2020: ރައީސް ޔާމީން ވެރިކަމުގެ ފުރަތަމަ ނައިބް ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދު، އިދިކޮޅު ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) އަށް ސޮއިކުރުމަށް ބޭއްވި ހަފްލާގެ ތެރެއިން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ދީނާ ގުޅުންހުރި އެއްވެސް ކަމެއްގައި ކުރީގެ ރައީސް، އަބްދުﷲ ޔާމީންގެ ސަރުކާރުން ވައްކަމެއް ކޮށްފައި ނޯންނާނެ ކަމަށް އިދިކޮޅު ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވެއްޖެ އެވެ.

އަދުރޭ މިހެން ވިދާޅުވީ އިސްލާމިކް މިނިސްޓްރީން ދާރުއްޒިކުރާ މިސްކިތް (ޒިކުރާ މިސްކިތް) އިމާރާތްކުރުމަށް އެސްޖޭ ކޮންސްޓްރަކްޝަނާ އެކު ވެފައިވާ އެއްބަސްވުމުގައި ކޮރަޕްޝަނަށް މަގުފަހިވާ ކަންތައްތަކެއް ހުރިކަމަށް ނިންމައި، އެ މައްސަލައިގައި ކުރީގެ އިސްލާމިކް މިނިސްޓަރު، ޑރ. އަހްމަދު ޒިޔާދަށް ދައުވާކުރަން ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވާފައިވާ މައްސަލައާ ގުޅިގެން "ސަން" އާ ވާހަކަދައްކަވަމުންނެވެ.

އަދުރޭ ވަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރަށް ފާޑުވިދާޅުވެފަ އެވެ. އެގޮތުން މި ސަރުކާރަށް ރައްޔިތުންނަށް އެއްވެސް ކަމެއް ކޮށްދެވިފައި ނުވާ ކަމަށާއި، އެ ވާހަކަތައް ރައްޔިތުން ދެއްކުމުގެ ފުރުސަތު ނުދިނުމަށް ކުރީ ސަރުކާރުގެ ވާހަކަ ދައްކަނީ ކަމަށް އަދުރޭ ވިދާޅުވި އެވެ.

މިއީ ދީނީ ކަމަކަށް އެއްވެސް ވަރަކަށް އިސްކަންދޭ ސަރުކާރެއް ނޫން ކަމަށާއި، މި ސަރުކާރުން މިސްކިތެއް އިމާރާތް ކުރަން މަސައްކަތް ނުކުރާނެ ކަމަށް ވެސް އަދުރޭ ވިދާޅުވި އެވެ. އަދުރޭ ވަނީ ރައީސް ޔާމީންގެ ސަރުކާރުގެ ފަސް އަހަރު ދުވަހުގެ ތެރޭގައި މުޅި ރާއްޖޭގައި 60 މިސްކިތް ބިނާކޮށްފަ ހުންނާނެ ކަމަށް ވިދާޅުވާ ވާހަކަ އަނެއްކާވެސް ތަކުރާރު ކުރައްވައިފަ އެވެ.

"މިސާލަކަށް ރޯދަޔާ ދިމާކޮށް މިސްކިތެއް ކޮންމެހެން ނިންމަން ޖެހިގެން މިސްކިތް އިމާރާތްކުރަން ހަވާލުކުރާއިރު އެކަން އޮވެދާނެ އުސޫލުގެ ތެރެއިން ކުރެވެން އޮތް އެންމެ ރަނގަޅަށް ކޮށްފަ، އުސޫލާ ހިލާފަށް ކޮށްފަ ނޯންނާނެ ކަމުގެ ޔަގީންކަން އަޅުގަނޑަށް ދޭން ކެރޭ،" އަދުރޭ ވިދާޅުވި އެވެ.

އަދުރޭ ވިދާޅުވީ ސަލްމާން މިސްކިތުގެ މަސައްކަތް ކުރިއަށް ނުގޮސް ހުއްޓިފައި އޮތް އޮތުމަކީ މި ސަރުކާރުން މިސްކިތްތަކަށް އިސްކަންނުދޭ މިންވަރު ހާމަވާ ކަމެއް ކަމަށެވެ.

ރައީސް ޔާމީން ވެރިކަމުގައި ހުންނެވި ނަމަ މިދިޔަ އަހަރުގެ ރަމަޟާން މަހަށް ސަލްމާން މިސްކިތް ހުޅުވާނެ ކަމަށާއި، ނަމަވެސް މި ސަރުކާރުން ގަސްތުގައި މިސްކިތްތަކުގެ ޕްރޮޖެކްތުތައް ލަސްކުރަނީ ކަމަށް ވެސް އަދުރޭ ތުހުމަތު ކުރެއްވި އެވެ.

"މި ސަރުކާރަކުން ނޫޅޭނޭ މިސްކިތަކުގެ ކަންކަން މާ ބާރަށް ގެންދާކަން. އެއީ މި ސަރުކާރަކީ ދީނީ ކަންކަމަށް އިސްކަންދޭ ސަރުކާރެއް ނޫން. މި ސަރުކާރާ ގުޅުންހުރި ފަރާތްތަކަކީ ދީނީ ކަންކަން ކުރިއަރުވަން ބޭނުންވާ ފަރާތްތަކެއް ނޫން. އެފަރާތްތަކުން ހިތްހަމަޖެހޭ ކަންކަން ކުރެވޭތީ އުޅޭނެ ކިތަންމެ ވަރަކަށް ވެސް. ލާދީނީ ރިޕޯޓެއް ނެރެފިއްޔާ އެބައެއްގެ ދިފާއުގަ ވާހަކަދައްކާނެ،" އޭނާ ވިދާޅުވި އެވެ.

އަދުރޭ އަދި ވިދާޅުވީ ރައީސް ޔާމީންގެ ސަރުކާރުގެ ވަޒީރުންގެ މައްސަލަތައް ބަލަނީ، އިދިކޮޅުގެ އަޑު ކަނޑުވާލަން ކަމަށާއި ނަމަވެސް އެކަމާ ކަންބޮޑުވެގެން، ދައުވާއެއް ކޮށްފާނެ ކަމުގެ ބިރަށް މުޒާހަރާތައް ވެސް ހުއްޓާނުލާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"މި ސަރުކާރަށް ކީއްވެގެންތޯ މި ސަރުކާރުގެ ވައްކަން ބަލަން ނުކެރިގެން މި އުޅެނީ. މި ސަރުކާރުގެ ވައްކަން ބެލިއްޔާ މާ ރަނގަޅެއް ނޫންތޯ. ކުރީ ސަރުކާރޭ ކިޔާއިރު، އެމްޑީޕީގެ ކުރީގެ ސަރުކާރުގެ ވައްކަން ބަލަންވީ ނޫންތޯ. ހާދަ ބައިވަރު ވައްކަމެއް ކޮށްފަ އެބަ ހުއްޓޭ ރައީސް ނަޝީދުގެ ވެރިކަމުގެ ތިން އަހަރު ދައުލަތުގެ ހަޒާނާއިން ހަތަރު ބިލިއަނަށް ވުރެ ގިނަ ރުފިޔާ އެބަހުރި ވައްކަން ކޮށްފަ. އެކިއެކި މިނިސްޓްރީ ތަކުން 715 މިލިއަނުން 215 މިލިއަނުން 115 މިލިއަނުން އެހެން ގޮސް ހާދަ ވައްކަމެކޭ ކޮށްފަ އޮތީ. އެބޭފުޅުން މިއަދުވެސް ތިބީ ވަޒީރުކަމުގައި. ކީއްވެގެންތޯ އެކަންކަން ނުވެލިގެން މި އުޅެނީ،" އަދުރޭ ވިދާޅުވި އެވެ.

އެހެންކަމުން "ރައީސް ޔާމީންގެ ސަރުކާރުގެ އަގު ވައްޓާލަން" ކޮރަޕްޝަންގެ މައްސަލަ ބެލުމަކުން ވާނެ އެއްވެސް ފައިދާއެއް ނެތް ކަމަށާއި އެކަންކަމުން ރައީސް ޔާމީންގެ އަގު މައްޗަށް އެރުން ފިޔަވައި އިތުރު ކަމެއް ނުވާނެ ކަމަށް އަދުރޭ ވަނީ ވިދާޅުވެފަ އެވެ.

އަދުރޭ ވިދާޅުވީ އޭނާގެ މައްސަލައެއް ބަލާތީއޭ ކިޔައި ސަރުކާރާއެކު ހަދާނެ "ޑީލް" އެއް ނޯންނާނެ ކަމަށެވެ.

"އަޅުގަނޑަށް ހެޔޮ އުމުރަށް ޖަލަށް ލާން ހުކުމް ކުރިޔަސް. އުމުރު ދުވަހުގެ ޖަލު ހުކުމެއް އެބަ އާދެޔޭ އޭގެން ސަލާމަތް ވާނޭ މި ސަރުކާރަށް އެއްޗެއް ނުބުނެ މަޑުމަޑުން ހުންނާށޭ، އަޅުގަނޑު އިހްތިޔާރު ކުރާނީ އުމުރު ދުވަހުގެ ހުކުމް،" އަދުރޭ ވިދާޅުވި އެވެ.

comment ކޮމެންޓް