ކޮޗިން ފެރީއާއެކު ވިޔަފާރިތައް ކުރިއަރާނެ: ކައުންސިލް

އިންޑިއާ އާއި ރާއްޖެ އާއި ދެމެދު މުދާ އުފުލާ ފެރީ --- ފޮޓޯ؛ ޓްވިޓާ

ކުޅުދުއްފުއްޓާ ކޮޗިން އާއި ދެމެދު ކާގޯ ދަތުރުތައް ފެށުމަކީ ކުޅުދުއްފުއްށީގެ ވިޔަފާރިތައް ކުރިއަރާނެ ކަމެއްކަމަށް ކުޅުދުއްފުށީ ކައުންސިލުން ބުނެފިއެވެ.

ކުޅުދުއްފުށީ ކައުންސިލްގެ ރައީސް އަބްދުލް ލަތީފު ހަސަން މިއަދު "ސަން"އަށް ވިދާޅުވީ، ކޮޗިިން ދަތުރުތަކުގެ މައުލޫމާތު ކަމާ ބެހޭ ފަރާތްތަކުން މިހާރު ކައުންސިލާ ހިއްސާކޮށްފައިވާ ކަމަށެވެ.

ރާއްޖެ އާއި އިންޑިއާ އާއި ދެމެދު ކާގީ ދަތުރުތައް ފެށުމަށް ދެ ގައުމުގެ ދެމެދު ވެފައިވާ އެއްބަސްވުމުގެ ދަށުން އިންޑިއާގެ ޓުޓިކޮރިން ބަނދަރުން ކޮޗިން އަށް ގޮސް ކާގޯ ބޯޓު މިހާރު ވަނީ ރާއްޖެ އަންނަން ފުރައިފައެވެ. އެ ބޯޓު ކުޅުދުއްފުށީގައި ބަނދަރު ކުރާނީ އަންނަ ހޮނިހިރު ދުވަހުއެެވެ.

"މިހާރު އާންމު ކޮށްފައިވާ ޝެޑިއުލާ އެއްގޮތަށް ދަތުރު ފަށާނެ ކަން ވަނީ ކައުންސިލާ ހިއްސާކޮށްފައި. މިހާރު ކާގޯ އުފުލި ނަމަވެސް ކުރިއަށް އޮތްތަނުގައި ފަސިންޖަރުންނަށް ވެސް ފުރުސަތު ލިބޭނެ ކަމަށް މައުލޫމާތު ލިބޭ،" ކައުންސިލްގެ ރައީސް ވިދާޅުވިއެވެ.

"ޝެޑިއުލާއެއްގޮތަށް ދަތުރު ފެށީމާ ވިޔަފާރިވެރިންނަށް ފަސޭހަވާނެ. މި ސަރަހައްދުގައި އެބަތިބޭ ކުދި ވިޔަފާރިވެރިން ކޮންޓެއިނާ ހަޔާކޮށްގެން މުދާ ނުގެނެވޭނެ. ޝެޑިއުލް ދަތުރު ކުރާނަމަ، ކުދި ވިޔަފާރިވެރިންނަށް ވެސް މީގެ ފައިދާ ކުރާނެ،" ކައުންސިލްގެ ރައީސް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ މި ދަތުރުތަކަކީ ރަށަށްވެސް އަދި ރާއްޖޭގެ ވިޔަފާރިވެރިންނަށްވެސް ފައިދާކުރާނެ ކަމެއް ކަމަށެވެ.

"މި ސަރަހައްދުގެ ވިޔަފާރިތައް ކުރިއަރާނެ. ދެން އޮތްކަމަކީ [ރާއްޖޭގެ] އުފެއްދުންތެރިކަން އިތުރުކޮށް އެކްސްޕޯޓު ކޮށްގެން އާމްދަނީ އިތުރކުރާނެ މަގު ހޯދުން،" އަބްދުއްލަތީފް ވިދާޅުވިއެވެ.

ކޮޗިން އިން އަންނަ ކާގޯ ބޯޓު ކުޅުދުއްފުއްޓަށް ބަނދަރުކުރުމަށްފަހު މާލެ އަންނާނެއެވެ. މާލެ އައުމަށްފަހު އަލުން އެ ބޯޓު ފުރާނީ އިންޑިއާ އަށެވެ. ފުރަތަމަ ދަތުރުގައި ވެސް ދިވެހި ވިޔަފާރިވެރިންގެ މުދަލާއި އިންޑިއާ ވިޔަފާރިވެރިންގެ މުދާ ގެންނަ ކަމަށް މައުލޫމާތު ލިބެއެވެ.

ކުޅުދުއްފުއްޓާ މާލެ އަދި ކޮޗިންއާ ދެމެދު ފެރީ ދަތުރުތައް ބާއްވަން ނިންމައި، އެކަމުގެ ރަސްމީ ވާހަކަތައް ދެއްކީ މިދިޔަ އަހަރު އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ރާއްޖެއަށް ކުރެއްވި ދަތުރުފުޅުގަ އެވެ.

މިހާރު ޝެޑިއުލް އޮތްގޮތުން ދެ ގައުމު ދެމެދު މަހަކު ދެ ދަތުރު ބާއްވާނެއެވެ. މިދަތުރުގައި އަންންަ ބޯޓަކީ 117 މެޓްރިކް ޓަނުގެ 380 ކޮންޓެއިނަރު އަދި 3،000 މެޓްރިކްޓަނުގެ ބްރޭކަބްލް ކާގޯ ކެޕޭސިޓީ ހުރި ބޯޓެއް ކަމަށް ޓްރާންސްޕޯޓު މިނިސްޓްރީ އިން ބުންޏެވެ.

މިނިސްޓްރީ އިން ބުނީ މިވަގުތަށް ނިންމާފައި ވަނީ ހަމައެކަނި ކާގޯ ފެރީ އޮޕަރޭޓް ކުރުމަށް ކަމަށެވެ.

ޓްރާންސްޕޯޓު މިނިސްޓްރީން ބުނެފައި ވަނީ ފެރީ ދަތުރުގައި ބޭނުންކުރާ ބޯޓަކީ ކުޅުދުއްފުށީ ބަނދަރަށް ކައިރިކުރެވޭ ވަރަށް ވުރެ ބޮޑު ބޯޓަކަށް ވާތީ ލޯކަލް އެޖެންޓު ސްޓޭޓް ޝިޕިން ކޮމްޕެނީ އިން ނިންމާފައިވަނީ މުދާ ބަރުކޮށް، ބޭލުމަށް ބާޖެއް ނޫނީ ޓަގެއް ބޭނުންކުރުމަށް ކަމަށެވެ.

ކާގޯ ފެރީގެ ހިދުމަތާ އެކު، ރާއްޖެ އާއި އިންޑިއާ އާ ދެމެދު އޮތް ޒަމާންވީ ވިޔަފާރީގެ ގުޅުން އިތުރަށް ހަރުދަނާވެގެން ދާނެ ކަމަށް ވެސް ފޮރިން މިނިސްޓްރީއިން ވަނީ ބުނެފަ އެވެ.

ކުޅުދުއްފުއްޓަކީ ފެރީގެ އެއް މަންޒިލްކަމަށްވުމާ އެކު، މިއީ އުތުރުގެ ރަށްތަކަށް ވިޔަފާރީގެ ގޮތުން ކުރި އެރުން ލިބި، ރާއްޖޭގެ އުފެއްދުންތައް އިންޑިއާގެ މާކެޓަށް އަދި އިންޑިއާ މެދުވެރިކޮށް ބައިނަލްއަގްވާމީ މާކެޓަށް ނެރުމަށް ފަސޭހަ ވެގެންދާނެ ދަތުރުތަކެއް ކަމަށްވެސް މިނިސްޓްރީ އިން ބުންޏެވެ.

comment ކޮމެންޓް