ޕީޖީއާއެކު އިއުތިރާފު އެއްބަސްވުމެއް ހަދަން އާތިފް ހުށަހަޅުއްވައިފި

އެފްއައިޔޫގެ ކުރީގެ އިސްވެރިޔާ އާތިފް ޝަކޫރުގެ މައްޗަށް އުފުލާފައިވާ ދައުވާގެ އަޑުއެހުމުގެ ތެރެއިން --

ޕްްރޮސެކިއުޓާ ޖެނެރަލްގެ އޮފީހާއެކު އިއުތިރާފު އެއްބަސްވުމަކަށް އައުމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ، އެމްއެމްއޭގެ ދަށުން ހިންގާ ފައިނޭންޝަލް އިންޓެލިޖެންސް ޔުނިޓު (އެފްއައިޔޫ)ގެ ކުރީގެ އިސްވެރިޔާ މ. އާސްތާނާ، އިބްރާހިމް އާތިފް ޝަކޫރު ހުށަހަޅުއްވާފައިވާ ކަމަށް އެ އޮފީހުން ބުނެފި އެވެ.

މި އަހަރުގެ ފެބްރުއަރީ މަހުގެ ފަހުކޮޅު ދައުލަތުން ވަނީ އާތިފް ޝަކޫރުގެ މައްޗަށް މަނީ ލޯންޑަރިންއާއި ޓެރަރިޒަމްއަށް ފައިނޭންސް ކުރުން ހުއްޓުވުމުގެ ގާނޫނާ ހިލާފުވުމުގެ ދައުވާ އުފުލާފަ އެވެ. އެ ދައުވާ އޭނާގެ މައްޗަށް އުފުލީ އޭނާ އެފްއައިޔޫގެ އިސްވެރިޔާގެ މަަގާމުގައި ހުންނެވި އިރު، އެމްއެމްޕީއާރްސީގެ ހިޔާނާތާ ގުޅޭ މަނީ ލޯންޑަރިންއަށް ޝައްކު ކުރެވޭ މުއާމަލާތެއް ކަމާ ބެހޭ ފަރާތްތަކުގެ ސަމާލުކަމަށް ނުގެން ކަމަށް ބުނެ އެވެ. އާތިފް އެފްއައިޔޫގެ އިސްވެރިޔާގެ މަގާމު އަދާ ކުރެއްވީ 4 ނޮވެމްބަރު 2014 އިން ފެށިގެން 21 ޖޫން 2015ގެ ނިޔަލަށެވެ.

އެފްއައިޔޫއަކީ އެމްއެމްއޭގެ މިނިވަން ޔުނިޓެކެވެ. ފައިސާގެ މުއާމަލާތައް މޮނީޓާކޮށް، މަނީ ލޯންޑްރިންއާއި ޓެރަރިޒަމަށް ފަންޑުކުރުން ފަދަކަންކަން ހިނގާކަމަށް ޝައްކު ކުރެވޭނަމަ އެކަންކަން ކަމާބެހޭ މުއައްސަސާތަކުގެ ސަމާލުކަމަށް ގެނައުމަކީ އެ ޔުނިޓުގެ މަސްއޫލިއްޔަތެކެވެ.

އާތިފްގެ މައްސަލައިގެ އިބްތިދާއީ މަރުހަލާގެ ފުރަތަމަ އަޑުއެހުން މިއަދު ކްރިމިނަލް ކޯޓުގައި ވަނީ ކުރިއަށް ގެންގޮސްފައެވެ. އޮންލައިންކޮށް ކުރިއަށް ގެންދިޔަ އެ އަޑުއެހުމަށް އާތިފް ހާޒިރުވެވަޑައިގަތީ ވަކީލަކާ ނުލަ އެވެ.

ގާނޫނީ ވަކީލެއްގެ އެހީތެރިކަން ބޭނުންފުޅުވާތޯ ގާޒީ ޝަކީލު ސުވާލު ކުރެއްވުމުން އާތިފް ވިދާޅުވީ، ޕީޖީ އޮފީހާއެކު އެއްބަސްވުމަކަށް އައުމަށް މަޝްވަރާ ކުރައްވަމުންދާ ކަމަށެވެ. އެ މަޝްވަރާތައް ނިމެންދެން އިތުރު ވަގުތު ބޭނުންފުޅުވާ ކަމަށް އޭނާ ވިދާޅުވިއެވެ.

"މި މައްސަލައިގައި އަޅުގަނޑު ވަނީ ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހާ އެކުގައި މަޝްވަރާތަކެއް ފެށިފައި މައްސަލައިގެ އެއްބަސްވުމަކަށް އާދެވޭތޯ. އެހެންވީމަ އެ ގޮތަށް ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހާ އެއްކޮށް ފެށިފައި އޮތް ވާހަކަދެއްކުންތައް ނިންމައިލުމަށް ޓަކައި ވަގުތު ލިބުނިއްޔާ ވަރަށް ހެޔޮފުޅު،" އާތިފް ވިދާޅުވި އެވެ.

މިކަމާ ގުޅިގެން ޕީޖީ އޮފީހުގެ މީޑިއާ އޮފިޝަލު "ސަން"އަށް ވިދާޅުވީ، އިއުތިރާފު އެއްބަސްވުމެއް ހެދުމަށް އާތިފް ހުށަހަޅުއްވާފައިވާ ކަމަށެވެ. ނަމަވެސް، ވަކި ގޮތެއް އަދި ނުނިންމާ ކަމަށާއި، ޕީޖީ އޮފީހުގެ ފަރާތުން ކުރަން އެކަމާ ގުޅިގެން ކުރަން ޖެހޭ މަޝްވަރާތައް ކުރަމުންދާ ކަމަށް އޭނާ ވިދާޅުވި އެވެ.

ވަކީލަކު ހަމަޖެއްސުމާ ބެހޭގޮތުން ކުރި ސުވާލު ގާޒީ ތަކުރާރު ކުރެއްވުމުން އާތިފް ވިދާޅުވީ، ވަކީލަކު ހަމަޖައްސަން ބޭނުންފުޅުވާ ކަމަށެވެ. ޕީޖީއިން ދައުވާއާ މެދު ވަކި ގޮތެއް ނާންގާ ހިނދު ޝަރީއަތުން މައްސަލަ ކުރިއަށްގެންދަން ޖެހޭނެކަން ފާހަގަކުރައްވައި ވަކީލަކު ހަމަޖެއްސުމަށް އާތިފަށް 10 ދުވަހުގެ މުއްދަތެއް ދޭން ގާޒީ ޝަކީލު ނިންމެވި އެވެ. އަދި މިއަދު ދައުވާ އިއްވުމަށް ދައުލަތަށް ފުރުސަތު ދެއްވި އެވެ.

ދައުލަތުގެ ވަކީލު ވިދާޅުވީ އާތިފްއަށް ދައުވާ ކުރަނީ މަނީ ލޯންޑަރިންއާއި ޓެރަރިޒަމްއަށް ފައިނޭންސް ކުރުން ހުއްޓުވުމުގެ ގާނޫނުގެ 29 ވަނަ މާއްދާގެ (ހ)އާ ހަވާލާދީ އެ ގާނޫނުގެ 57 ވަނަ މާއްދާގެ (ހ)ގެ ދަށުން ކަމަށެވެ.

އެ ދައުވާ އުފުލީ އެފްއައިޔޫގެ އިސްވެރިޔާގެ މަގާމުގައި އާތިފް ހުންނެވި އިރު އެމްއެމްޕީއާރްސީގެ ޗެކަކުން އެސްއޯފް ކުންފުނީގެ އެކައުންޓަށް 25 ނޮވެމްބަރު 2014ގައި 59،748،000 ރުފިޔާ ޖަމާ ކުރި މުއާމަލާތަކާ ގުޅިގެން ބީއެމްއެލްއިން ސަސްޕިޝަސް ޓްރާންސެކްޝަން ރިޕޯޓެއް (އެސްޓީއާރް) އެފްއައިޔޫއަށް ފޮނުވުމުން، އެ މުއާމަލާތް ބަލައި، އެ މުއާމަލާތުގައި މަނީ ލޯންޑަރިންއަށް ޝައްކު ކުރެވޭ ކަންކަން ހުރި ކަމަށް ބެލެވޭކަން އެފްއައިޔޫއަށް އެނގެން އޮއްވާ، އެ ޔުނިޓުން އެކުލަވާލި ރިޕޯޓުގައިވާ މައުލޫމާތު ގާނޫނު ތަންފީޒު ކުރާ އިދާރާއަކަށް ނުވަތަ ތަހުގީގު ކުރާ އިދާރާއަކަށް ފޮނުވާފައި ނުވާތީ ކަމަށް ދައުލަތުގެ ވަކީލު ވިދާޅުވި އެވެ.

އެ ދައުވާ ސާބިތުވެއްޖެ ނަމަ އޭނާއަށް އަންނާނެ އަދަބަކީ 10،000 ރުފިޔާ އާއި 500،000 ދެމެދުގެ އަދަދަކުން ޖޫރިމާނާ ކުރުން ނުވަތަ އެއް އަހަރާ 10 އަހަރާ ދެމެދުގެ މުއްދަތަކަށް ޖަލަށް ލުން ނުވަތަ ޖޫރިމާނާ ކުރުމާއެކު ޖަަލަށް ލުމެވެ.

މިއަދު ދައުވާ އިއްވި ނަމަވެސް، ދައުވާއަށް ޖަވާބުދާރީވާން އާތިފްއަށް ފުރުސަތު ދެއްވާނީ ވަކީލެއްގެ ހާޒިރުގަ އެވެ. އެއީ ދެން އޮންނަ އަޑުއެހުމެއްގަ އެވެ. ދެން މި މައްސަލައިގެ އަޑުއެހުމެއް ތާވަލުކޮށްފައި ވަނީ ނޮވެމްބަރު މަހުގެ ދެ ވަނަ ދުވަހުގެ 9:30 އަށެވެ.

comment ކޮމެންޓް