އިޓަލީގެ ޕާލިމެންޓުގައި ތިއްބަވާ މެމްބަރުންގެ އަދަދު މަދު ކުރަން ވޯޓު ދީފި

އިޓަލީގެ ޕާލިމެންޓުގައި ތިއްބަވާ މެމްބަރުންގެ އަދަދު މަދު ކުރުމާ ބެހޭ ފެންނަ ނުފެންނަ ވޯޓެއް ފާއިތުވި ދެ ދުވަސް ތެރޭ ވަނީ ނަގާފަ -- ފޮޓޯ: ރޮއިޓާސް

ރޯމް (ސެޕްޓެމްބަރު 22): އިޓަލީގެ ޕާލިމެންޓުގައި ތިއްބަވާ މެމްބަރުންގެ އަދަދު މަދު ކުރުމާ ބެހޭ ގޮތުން އާދިއްތަ ދުވަހާއި އިއްޔެ އެގައުމުގައި ނެގި ފެންނަ ނުފެންނަ ވޯޓުގައި، މެމްބަރުންގެ އަދަދު މަދު ކުރަން އެގައުމުގެ ރައްޔިތުން ވޯޓު ދީފި އެވެ.

އިޓަލީގެ ޕާލިމެންޓުގެ މެމްބަރުންގެ އަދަދު 945އިން 600 އަށް މަދު ކުރަން އެ ވޯޓު ނެގީ، މިދިޔަ އަހަރުގެ އޮކްޓޯބަރު މަހު އެގައުމުގެ ޕާލިމެންޓުން އެ ނިންމުމަށް ތާއިދު ކުރި ފަހުންނެވެ. އަދި ރައްޔިތުން ދިން ވޯޓުގެ ތެރެއިން ގިނަ ވޯޓުތައް މިހާރު ގުނާފައިވާ އިރު، އޭގެ ތެރެއިން 69 ޕަސެންޓު މީހުން ތާއިދު ކުރީ މެމްބަރުންގެ އަދަދު މަދު ކުރުމަށެވެ. އެކަމަށް ނޫނެކޭ ބުނީ 30 ޕަސެންޓު މީހުންނެވެ.

އެހެންކަމުން އިޓަލީގެ ޕާލިމެންޓުގެ ތިރީގޭގައި ތިއްބަވާ މެމްބަރުންގެ އަދަދު 634އިން 400 އަށް މަދު ކުރާނެ އެވެ. އަދި ސެނެޓަރުންގެ އަދަދު 315އިން 200 އަށް މަދު ކުރާނެ އެވެ.

އިޓަލީގެ ޕާލިމެންޓުގެ މެމްބަރުންގެ އަދަދު މަދު ކުރުމަކީ އެގައުމުގައި މިހާރު ވެރިކަން ކުރާ ކޯލިޝަނުގެ މައި ޕާޓީ ކަމަށްވާ ފައިވް ސްޓާ މޫވްމެންޓުގެ ކެމްޕެއިން ވައުދެކެވެ. އެ ޕާޓީން ބުނާ ގޮތުގައި މެމްބަރުންގެ އަދަދު މަދު ކުރުމުން 10 އަހަރު ތެރޭ އެ ގައުމަށް 1.17 ބިލިއަން ޑޮލަރު ސަލާމަތް ކުރެވޭނެ އެވެ.

އެ ފެންނަ ނުފެންނަ ވޯޓުގެ އިތުރުން އިޓަލީގެ އެކި ސަރަހައްދުތަކަށް 1،000 މޭޔަރުންނާއި ހަތް ގަވަރުނަރެއް ހޮވުމަށް ފާއިތުވި ދެ ދުވަސް ތެރޭ ވޯޓު ނެގި އެވެ. އެ ވޯޓުން ގިނަ މަގާމުތައް ކާމިޔާބު ކުރީ ވެރިކަން ކުރާ ކޯލިޝަނަށް ނިސްބަތްވާ ކެންޑިޑޭޓުންނެވެ.

ގުޅޭ ޓެގު
comment ކޮމެންޓް