ކުދި ވިޔަފާރިތަކަށް 283 މިލިއަން ރުފިޔާ ދޫކޮށްފި

މޭ 12، 2020: ބަޔަކު ފިހާރައަކުން ވިޔަފާރި ކުރަނީ -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ކޮވިޑް19ގެ ސަބަބުން މާލީ ދަތިކަން ކުރިމަތިވެފައިވާ ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށާއި އަމިއްލަ މަސައްކަތްކުރާ ފަރާތްކަކަށް އެސްއެމްއީ ޑިވެލޮޕްމެންޓް ފައިނޭންސް ކޯޕަރޭޝަން (އެސްޑީއެފްސީ) މެދުވެރިކޮށް 283.2 މިލިއަން ރުފިޔާ ދޫކޮށްފިއެވެ.

ފިނޭންސް މިނިސްޓްރީއިން އާންމުކޮށްފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު މިމަހުގެ 17 ވަނަ ދުވަހުގެ ގެ ނިޔަލަށް 1،720 ފަރާތަކަށް ވަނީ ލޯނު ދޫކޮށްފަ އެވެ. އެހާތަނަށް 3،456 ފަރާތުން ލޯނަށް އެދި ހުށަހަޅާފައިވާ ކަމަށާއި 557 ފަރާތެއްގެ އެޕްލިކޭޝަން އެކި ސަބަބުތަކާހުރެ ރިޖެކްޓް ކޮށްފައިވާކަން ފިނޭންސްގެ ތަފާސް ހިސާބުތަކުން ފެނެ އެވެ.

އެސްޑީއެފްސީ މެދުވެރިކޮށް މިހާތަނަށް ޓޫރިޒަމް ދާއިރާގައި ހަރަކާތްތެރިވާ ކުދި އަދި މެދުފަންތީގެ 227 ވިޔަފާރިއަކަށް 51.9 މިލިއަން ރުފިޔާ ދޫކުރަން ނިންމާފައިވާ އިރު ދަތުރުފަތުރުގެ ދާއިރާ އަށް 19.2 މިލިއަން ރުފިޔާ ދޫކުރަން ނިންމާފައިވެ އެވެ. އެއީ ޖުމްލަ 74 ވިޔަފާރިއަކަށެވެ.

ފިނޭންސްގެ ތަފާސްހިސާބުތަކަށް ބަލާއިރު އަމިއްލަ މަސައްކަތްކުރާ 1،671 މީހަކު ވަނީ ލޯނު އެހީއަށް އެދިފަ އެވެ. އޭގެ ތެރެއިން 575 ފަރާތަކަށް، 17.2 މިލިއަން ރުފިޔާ ދޫކުރަން މިހާތަނަށް ވަނީ ނިންމައިފަ އެވެ.

މީގެ އިތުރުން ދަނޑުވެރިކަމުގެ ދާއިރާގައި މަސައްކަތްކުރާ 12 ވިޔަފާރިއަކަށް 2.1 މިލިއަން ރުފިޔާ، ކޮންސްޓްރަކްޝަން ދާއިރާގެ 180 ވިޔަފާރިއަކަށް 50.5 މިލިއަން ރުފިޔާ، މަސްވެރިކަމުގެ ދާއިރާގެ 21 ވިޔަފާރިއަކަށް 4.1 މިލިއަން ރުފިޔާ، މެނުފެކްޗަރިން ނުވަތަ އުފެއްދުންތެރިކަމުގެ ދާއިރާގެ 99 ވިޔަފާރިއަކަށް 17.5 މިލިއަން ރުފިޔާ ދޭން ވަނީ ނިންމައިފަ އެވެ.

ފިނޭންސްގެ ތަފާސްހިސާބުތަކަށް ބަލާއިރު އަމިއްލަ މަސައްކަތްކުރާ 283 އަންހެނަކު ލޯނަށް އެދިފައިވެއެވެ. މީގެ ތެރެއިން 103 މީހަކަށް، ޖުމްލަ 3.1 މިލިއަން ރުފިޔާގެ ލޯނު ދޫކުރަން ނިންމާފައިވެއެވެ.

އަދި އަންހެނުން ހިންގާ 404 ވިޔަފާރިއަކަށް 103.8 މިލިއަން ރުފިޔާގެ ލޯނު ދޫކުރަން ނިންމާފައިވެއެވެ.

ކޮވިޑާ ގުޅިގެން އެންމެ ކުދި، ކުދި، އަދި މެދުފަންތީގެ ވިޔަފާރިތަކަށާއި އަމިއްލަ މަސައްކަތްކުރާ ފަރާތްތަކަށް ދިމާވެފައިވާ މާލީ ދަތިތަކުން އަރައިގަތުމަށް އިތުރު ފުރުސަތު ފަހިކޮށްދިނުމަށް "ކޮވިޑް 19 ވިޔަފާރި އެހީ"ގެ ނަމުގައި ފިނޭންސް މިނިސްޓްރީއާ ގުޅިގެން އެސްޑީއެފްސީ އިން ތައާރަފު ކުރި ލޯނު ސްކީމުގެ ދަށުން 500،000 ރުފިޔާ އާއި ހަމައަށް ލޯނު ދޫކުރެ އެވެ.

މި ލޯނު ދޫކުރަނީ ހަ ޕަސެންޓު އިންޓްރެސްޓުގައި ގިނަވެގެން ތިން އަހަރުން ދައްކާ ގޮތަށެވެ.

comment ކޮމެންޓް