ދޫނިިދޫ ބަނދަރު ހަދަން ތައްޔާރުވެއްޖެ

ކ. ދޫނިދޫ ބަނދަރު މަސައްކަތް ފެށުމަށް ތައްޔާރުވެއްޖެ އެވެ.

އެ މަސައްކަތް ކުރިއަށް ގެންދާ އެމްޓީސީސީ އިން ބުނީ ދޫނިދޫ ބަނދަރު ތަރައްގީކުރުމާއި ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫޢުގެ އަމަލީ މަސައްކަތް ފެށުމަށްޓަކައި ޕްރޮޖެކްޓް ސައިޓު އިއްޔެ މޮބިލައިޒް ކޮށްފައިވާ ކަމަށެވެ.

އެ މަޝްރޫއުގެ ދަށުން، 4.61 އޭކަރުގެ ބަނދަރު ފުންކުރުމާއި، 3.75 އޭކަރުގެ ސަރަޙައްދެއްގެ ބިން ހިއްކުމާއި، 370 މީޓަރުގެ ސަރަޙައްދެއްގައި ބޭރުތޮށިލުމުގެ މަސައްކަތް ކުރާނެއެވެ.

މީގެ އިތުރުން 620 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމަންޓް ޖެހުމާއި، 250 މީޓަރުގެ ސަރަހައްދެއްގައި އެއްގަމުތޮށި ލުމާއި، 250 މީޓަރުގެ ސަރަޙައްދެއްގައި ޕޭވްމަންޓް ހެދުމާއި، ބަނދަރު ބައްތި ހަރުކުރުމުގެ މަސައްކަތް ކުރާނެ އެވެ.

މި މަސައްކަތަކީ 51.4 މިލިއަން ރުފިޔާގެ މަޝްރޫއެއް ކަމަށް އެމްޓީސީސީ އިން ބުންޏެވެ.

މަސައްކަތް އެމްޓީސީސީ އާ ހަވާލުކޮށްފައި ވަނީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު ފަސް ވަނަ ދުވަހު އެވެ.

comment ކޮމެންޓް