އެންމެ ގިނަ މީހުން ރާއްޖެ އައީ މިމަހުގެ 20 ވަނަ ދުވަހު

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު -- ފޮޓޯ: ވީއައިއޭ/ޓްވިޓާ

ކޮވިޑް 19ގެ ބަލިމަޑުކަމާ ގުޅިގެން ރާއްޖޭގެ ބޯޑަރު ބަންދުކޮށްފައި އޮތުމަށްފަހު އަލުން ބޯޑަރު ހުޅުވާލިފަހުން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުންް އެންމެ ގިނަ އަދަދަކަށް މީހުން ރާއްޖެ އެތެރެވީ މިމަހުގެ 20 ދުވަހު ކަމަށް އެމްއޭސީއެލް އިން ބުނެފި އެވެ.

އެމްއޭސީއެލް އިން އާންމުކުރި ތަފާސްހިސާބުތަކަށް ބަލާއިރު 20 ވަނަ ދުވަހު ޗާޓަރު ފްލައިޓުގައި އަށް މީހަކު އަދި އިންޓަނޭޝަނަލް ޝެޑިއުލް ފްލައިޓުަކުގައި 859 މީހަކު އައިސްފައިވެ އެވެ. މިއާއެކު މިމަހުގެ 20 ވަނަ ދުވަހު ޖުމްލަ 867 އިންޓަނޭޝަނަލް ފަސިންޖަރުން ރާއްޖެ އައިސްފައިވެ އެވެ.

އެމްއޭސީއެލްގެ ތަފާސްހިސާބުތަކަށް ބަލާއިރު ބޯޑަރު ހުޅުވާލިފަހުން ރާއްޖެ އައި މީހުންގެ އަދަދު ފުރަތަމަ މަހާ އަޅާބަލާއިރު ދެވަނަ މަހު ވަނީ 69 ޕަސެންޓް އިތުރުވެފަ އެވެ.

ޖުލައި 15 ވަނަ ދުވަހު ރާއްޖޭގެ ބޯޑަރު ހުޅުވާލާ ފަތުުރުވެރިންނަށް ރާއްޖެ ހުޅުވާލާފައިވާއިރު ފާއިތުވި ދެ މަސްތެރޭ ރާއްޖެ އައި ފަތުރުވެރިންގެ އަދަދު ދަަނީ އިތުރުވަމުންނެވެ. ފާއިތުވި ދެ މަސްތެރޭ 13،516 ފަތުރުވެރިން ރައްޖެ އައިސްފައިވާއިރު ޖުލައި 15 އިން އޮގަސްޓު 15 އާއި އަޅާ ބަލާއިރު 15 އޮގަސްޓުން 15 ސެޕްޓެމްބަރާއި ހަމައަށް އައި ފަތުރުވެރިންގެ އަދަދު ވަނީ 61 ޕަސެންޓު އިތުރުވެފަ އެވެ.

ރާއްޖެއަށް ދަތުރުކުރާ އެއާލައިންތަކުގެ އަދަދު އިތުުރުވަމުން އަންނަ އިރު، ކުރިއަށް އޮތް ދުވަސްތަކުގައި ރާއްޖެ އަންނަ ފަތުރުވެރިން އިތުރުވާނެ ކަމަށް ބެލެވެ އެވެ.

comment ކޮމެންޓް