ކިނބުލުން ފުރިފައިވާ ކޯރަކަށް ވަން ބޮޑުމަހެއް ސަލާމަތްވެއްޖެ

ކޯރުގައި ތާށިވި ބޮޑުމަސް އަނބުރާ ކަނޑަށް ދަނީ --- ފޮޓޯ : ބީބީސީ

އޮސްޓްރޭލިއާގައި ކިނބޫތަކުން ފުރިފައިވާ ކޯރެއްގައި ތާށިވެފައިވާ ބޮޑުމަހެއް ސަލާމަތްވެ ކަނޑަށް އަނބުރާ ގޮސްފި އެވެ.

އޮސްޓްރޭޭލިއާގެ ނޮދާން ޓެރިޓަރީ (އެންޓީ)ގެ ކޯރެއްގައި އެ ބޮޑުމަސް ތާށިވެފައި ވަނީ ނުބައި މަގަކަށް އެޅިގެންނެވެ. އެ ބޮޑުމަސް އެންމެ ފުރަތަމަ ކޯރުގެ ތެރެއިން ފެނިފައި ވަނީ މީގެ ހަފްތާއެއްހާ ދުވަސް ކުރީންނެވެ.

އެ ބޮޑު މަހާ އެކު އިތުރު ދެ ބޮޑުމަސް ވެސް އެ ކޯރާ ދިމާލަށް ދިޔައެވެ. ނަމަވެސް އަނެއް ދެ ބޮޑުމަސް ވަނީ އެ އެއްޗެހި އައި މަގަށް އެނބުރި ގޮސްފަ އެވެ.

އޮސްޓްރޭލިއާގެ އެންޓީގައި ހިމެނޭ ކޯރެއްގައި އެގޮތަށް ބޮޑުމަހެއް ތާށިވި އެއީ ފުރަތަމަ ފަހަރު ކަމަށް މައުލޫމާތު ލިބެއެވެ.

އޮފިޝަލުން ބުނި ގޮތުގައި އެ ފަރާތްތަކުން ދިޔައީ ބޮޑުމަހުގެ ހާލު ގާތުން މޮނިޓާކުރަމުންނެވެ.

އެގޮތުން އެ ބޮޑުމަހަކީ އާންމުކޮށް ކޯރުން ފެންނަ ދިރޭ އެއްޗެއްސަށް ވުރެ ބޮޑު އެއްޗަކަށް ވުމުން ކިނބޫތަކުގެ ފަރާތުން އެއްވެސް ކަހަލަ ގެއްލުމެއް ލިބިފައިވާ ކަމަށް ނުބެލޭ ކަމަށް އޮފިޝަލުން ބުނެ އެވެ.

އޮފިޝަލަކު ބުނީ އެ ބޮޑުމަސް ނަގައިގެން ނުވަތަ އެނޫން ވެސް ގޮތަކަށް އެ ކޯރުން ބޭރު ނުކުރެވޭނެ ކަމަށެވެ. އެހެންކަމުން އެ ބޮޑު މަހަށް އަމިއްލައަށް ނިކުމެވެންދެން މަޑުކުރަން ޖެހޭނީ ކަމަށް ބުންޏެވެ.

އެ ކޯރަން ވަން ބޮޑުމަހުގެ ދިގުމިނުގައި ގާތްގަނޑަކަށް 16 މީޓަރު ހުންނާނެ ކަމަށް އޮފިޝަލުން ބުނެ އެވެ.

comment ކޮމެންޓް