ބޯޑަރުގެ މައްސަލާގައި އިންޑިއާ އާއި ޗައިނާގެ އަސްކަރީ ކޮމާންޑަރުން ބައްދަލުކޮށްފި

އިންޑިއާ އާއި ޗައިނާގެ ބޯޑަރު ކައިރީ ތެޔޮ އުފުލާ އަސްކަރީ ޓޭންކަރުތަކެއް -- ފޮޓޯ: ރޮއިޓާސް

ބެއިޖިން (ސެޕްޓެމްބަރު 21): އިންޑިއާ އާއި ޗައިނާގެ ބޯޑަރުގައި ދެ ގައުމުގެ ސިފައިންގެ މެދުގައި ހިނގަމުންދާ ހަމަނުޖެހުންތަކާ ގުޅިގެން އެ ދެ ގައުމުގެ އަސްކަރިއްޔާގެ ކޮމާންޑަރުން އިއްޔެ ބައްދަލުކޮށްފި އެވެ.

އިންޑިއާ އާއި ޗައިނާގެ ބޯޑަރުގައި، ޗައިނާއިން ކޮންޓްރޯލް ކުރާ ފަޅީގައި ދެގައުމުގެ ކޮމާންޑަރުން އިއްޔެ ބައްދަލުކޮށް ދެއްކެވި ވާހަކަތަކުގެ ތަފްސީލު އެ ދެ ގައުމުން ހާމައެއް ނުކުރެ އެވެ. ނަމަވެސް އެ ބައްދަލުވުމުގައި އިންޑިއާގެ ފޮރިން މިނިސްޓްރީގެ އިސް އޮފިޝަލަކު ވެސް ބައިވެރިވެވަޑައިގެންނެވި ކަމަށް އެގައުމުގެ އޮފިޝަލަކު ވިދާޅުވި އެވެ.

އިންޑިއާ އާއި ޗައިނާގެ ބޯޑަރުގެ މައްސަލާގައި އަސްކަރީ، ޑިޕްލޮމެޓިކް އަދި ސިޔާސީ ފެންވަރުގައި ވެސް މަޝްވަރާތައް ބާއްވާފައިވީ ނަމަވެސް، ބޯޑަރުގައި އޮތް ނުތަނަވަސް ކަމަށް ނިމުމެއް ގެނެވިފައެއް ނުވެ އެވެ.

ޗައިނާ އާއި އިންޑިއާ އިން ހިއްސާ ކުރާ ބޯޑަރުގެ އިމާ ބެހޭ ގޮތުން ދެބަސްވުންތައް އުފެއްދިފައި ވާތީ އެ ސަރަހައްދުގައި ދެ ގައުމުގެ ސިފައިންގެ މެދުގައި ބައެއް ފަހަރު ތަޅާފޮޅުންތައް ހިނގާ ކަމަށް ރިޕޯޓުތަކުގައިވެ އެވެ. ނަމަވެސް މިދިޔަ ޖޫން މަހު ދެ ގައުމުގެ ސިފައިންގެ މެދުގައި ހިނގި ތަޅާފޮޅުމަކަށް ފަހު އެ މައްސަލަ ވަނީ އިތުރަށް ހޫނުވެފަ އެވެ. އެ ތަޅާފޮޅުމުގައި އިންޑިއާގެ 20 ސިފައިން ވަނީ މަރުވެފަ އެވެ. އަދި ޗައިނާގެ ސިފައިންތަކެއް ވެސް މަރުވި ކަމަށް ހަބަރު ފެތުރުނު ނަމަވެސް އެކަމާ ބެހޭ ތަފްސީލެއް އެގައުމުން ނުދެ އެވެ.

އޭގެ ފަހުން ޗައިނާ އާއި އިންޑިއާ އިން ވަނީ ބޯޑަރު ކައިރީގައި ހަރަކާތްތެރިވާ ސިފައިންގެ އަދަދު އިތުރުކޮށްފަ އެވެ. އަދި ދެ ފަރާތުން ގަވާއިދާ ހިލާފަށް ބޯޑަރު ހުރަސްކޮށް، ގައުމުގެ އިމަށް ބަދަލު ގެންނަން މަސައްކަތް ކުރާ ކަމަށް އެއް ގައުމުން އަނެއް ގައުމުގެ މައްޗަށް ވަނީ ތަކުރާރުކޮށް ތުހުމަތުކޮށްފަ އެވެ.

މީގެ އިތުރުން، މި މަހުގެ ކުރީކޮޅު ބޯޑަރު ސަރަހައްދުގައި ސިފައިން ބަޑި ޖެހިކަމަށް ވެސް އެއް ގައުމުން އަނެއް ގައުމުގެ މައްޗަށް ތުހުމަތުކޮށްފައިވެ އެވެ.

comment ކޮމެންޓް