މަޑަވެލީގެ ހުރިހާ ސާމްޕަލެއް ނެގަޓިވް، ރަށް އާންމު ހާލަތަށް ގެނެސްފި

މަޑަވެލި--

ގދ. މަޑަވެލިން ނެގި ހުރިހާ ސާމްޕަލެއް ނެގަޓިވްވުމުން ރަށް އާންމު ހާލަތަށް ގެނެސްފި އެވެ.

މަޑަވެލި މޮނީޓަރިންގެ ހާލަތައް ގެނައީ، އެ ރަށާ ކޯޒްވޭ އަކުން ގުޅާލެވިފައިވާ ހޯނޑެއްދުއިން މިމަހު ކުރީކޮޅު ކޮވިޑް19 ގެ ކޭސްތައް ފެނުމާ ގުޅިގެން ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުންނެވެ.

ދަރުބާރުގޭ، އެންއޯއީސީގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ސެންޓަރުގެ ތަރުޖަމާނު ޑރ. ނަޒްލާ ރަފީގު ވިދާޅުވީ، މަޑަވެއްލިން އިއްޔެ ރެންޑަމްކޮށް ނެގި 51 ސާމްޕަލްވެސް ނެގެޓިވްވެފައިވާ ކަމަށެވެ. އެއާއެކު ރަށް މިހާރު އާންމު ހާލަތަށް ގެނެސްފައިވާ ކަމަށް ނަޒްލާ ވިދާޅުވިއެވެ.

"ހުރިހާ ޓެސްޓެއްގެ ނަތީޖާ ލިބުނު އިރު އެއްވެސް މީހެއް ޕޮޒިޓިްވްވެފައި ނުވޭ. އެ ނަތީޖާއަށް ބަލައި މިރޭ މަޑަވެލި ވަނީ މޮނީޓަރިން އިން ރިލީސް ކުރެވިފައި،" ނަޒްލާ ވިދާޅުވިއެވެ.

ނަޒްލާ ވިދާލުވީ، މިހާތަނަށް މަޑަވެލިން އެއްވެސް މީހަކު ކޮވިޑަށް ޕޮޒިޓިވްވެފައި ނުވާ ކަމަށެވެ.

ހޯނޑެއްދޫ އަދިވެސް އޮތީ މޮނީޓަރިންގެ ހާލަތުގައެވެ. ނަޒްލާ ވިދާޅުވީ، ހޯޑެއްދޫ އިން އެންމެ ފަހުން ނެގި 11 ސާމްޕަލްއެއް ޓެސްޓް ކުރެވުނު ކަމަށާއި އެ އެންމެވެސް ނެގެޓިވްވެފައިވާ ކަމަށެވެ.

ހޯނޑެއްދުއިން ޖުމްލަ 44 ކޭސް ފެނުނެވެ. އޭގެ ތެރެއިން 25 މީހަކު ވަނީ ބަލިން ރަނގަޅުވެފައެވެ.

މިއަދު ރާއްޖެއިން 13،10 މީހެއްގެ ސާމްޕަލް ޓެސްޓު ކުރެވުނު އިރު، ޕޮޒިޓިވްވި މީހުންގެ އަދަދަކި 46 އެވެ. މާލެ ސަރަހައްދުން 78 މީހަކު ޕޮޒިޓިވްވިއިރު، އަތޮޅު ތެރެއިން ޕޮޒިޓިވްވީ 12 މީހެކެވެ.

މިއީ މަހެއްހާ ދުވަސް ފަހުން ކޭސްތައް 50 އިން ތިރިވި ފުރަތަމަ ފަހަރެވެ.

މިއަދު ޕޮޒިޓިވްވި މީހުންނާއެކު ރާއްޖެއިން ކޮވިޑަށް ޕޮޒިޓިވްވި ޖުމްލަ މީހުންގެ އަދަދު ވަނީ 9,770 އަށް އަރާފައެވެ.

comment ކޮމެންޓް