ސުޝާންތުގެ މަރު: ޑުރަގު މައްސަލާގައި ދީޕިކާ އާއި ޝްރައްދާ ވެސް ބެދުނީތަ؟

ބަތަލާ ދީޕިކާ ޕަދުކޯން އާއި ޝްރައްދާ ކަޕޫރު---

ބޮލީވުޑްގެ ތަރި ސުޝާންތު ސިންހް ރާޖްޕުތްގެ މަރުގެ ތަހުގީގުކުރިއަށް ދަނިކޮށް ފެންމަތިވި ޑުރަގު މައްސަލައެއްގައި ބަތަލާ ދީޕިކާ ޕަދުކޯން އާއި ޝްރައްދާ ކަޕޫރު ބެދިފައިވާ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

އިންޑިއާގެ ނާކޮޓިކްސް ބިއުރޯ (އެންސީބީ) އިން އެ ދެތަރިން މި ހަފްތާތެރޭ އިންޓޮރެގޭޓްކުރަން ގެނައުމަށް ހަމަޖެހިފައިވާ ކަމަށާއި ދީޕިކާގެ ނަން ޑުރަގުގެ މައްސަލައަށް އައީ އޭނާ ޑިލީޓްކޮށްފައިވާ ޗެޓުތަކެއް ރިޓްރީވްކޮށް އާންމުވުމާ ގުޅިގެންނެވެ. ދީޕިކާ އާއި އޭނާގެ މެނޭޖަރު ކަރިޝްމާ އާއި ދެމެދު ދެކެވިފައިވާ ވާހަކަތައް އާންމުވުމާ ގުޅިގެން އޭނާ މި ހަފްތާގައި އެންސީބީއަށް ހާޒިރުކުރުމަށް މަސައްކަތްކުރަމުން އަންނަ އިރު ބަތަލާ ޝްރައްދާ ކަޕޫރު ވެސް އެންސީބީއަށް ހާޒިރުކުރުމަށް ވަނީ ނިންމާފަ އެވެ. އެ ޗެޓުތަކަކީ 2017 ވަނަ އަހަރު ދެމީހުންގެ ދެމެދުގައި ދެކެވުނު ވާހަކަތަކެކެވެ. އަދި މިއަދުގެ ވަގުތެއްގައި ކަރިޝްމާ އެންސީބީ އަށް ހާޒިރުވާން އަންގާފައިވާނެ ކަމަށް ޚަބަރުތައް ބުނެ އެވެ.

ބަތަލާ ރިއާ ޗަކްރަބޯޓީ އާއި ސުވާލުކުރުމުގެ ތެރޭގައި ޑުރަގުގެ މައްސަލާގައި ޝްރައްދާގެ ނަން ގަތުމުން އިތުރަށް ބަލަން ޖެހޭ ކަންކަން ބެލުމަށް އޭނާ ވެސް ހާޒިރުކުރާނެ އެވެ. ޝްރައްދާ އަކީ ސުޝާންތު މަރުނުވާއިރު ރިލީޒްކުރި އެންމެ ފަހު ފިލްމު "ޗިޗޯރޭ"ގައި އޭނާ އާއެކު ލީޑު ކުޅުނު ތަރިއެވެ.

ރިއާ ވަނީ ބަތަލާ ސާރާ އަލީ ޚާން، ރާކުލް ޕްރީތު ސިންހް އަދި ސިމޯން ކަމްބައްޓާ ޑުރަގު ބޭނުންކުރި ކަމަށް ތުހުމަތުކޮށްފަ އެވެ. އެ ތުހުމަތާ ގުޅިގެން އެ ތަރިންވެސް އެންސީބީ އަށް ހާޒިރުކުރުމަށް ވަނީ ނިންމައިފަ އެވެ. އަދި ރިއާ ވަނީ އޭނާވެސް ޑުރަގު ބޭނުންކުރި ކަމަށް އެއްބަސްވެފަ އެވެ.

އެކްޓަރު ސުޝާންތުގެ މަރުގެ ދަށުން އުފެދުނު ޑުރަގުގެ މައްސަލާގައި އެންސީބީ އިން މިހާތަނަށް ވަނީ 18 މީހަކު ހައްޔަރުކޮށްފަ އެވެ. އޭގެ ތެރޭގައި ރިއާ، އޭނާގެ ކޮއްކޮ ޝޮވިކް ޗަކްރަބޯޓީ، ސުޝާންތުގެ ހައުސް ކީޕާ ދިޕޭޝް ސާވަންތުގެ އިތުރުން ސުޝާންތުގެ މެނޭޖަރު ސެމިއުލް މިރޭންޑާ ހިމެނެ އެވެ.

comment ކޮމެންޓް