ކޮވިޑަށް ހޭލުންތެރިކުރުމުގެ ކެމްޕެއިނަށް ފޮޓޯ އާއި ވީޑިއޯ ހުށަހެޅުމުގެ މުބާރާތެއް ފަށައިފި

މީޑިއާތައް ގުޅިގެން 'ކޮވިޑް ހުއްޓުވާނީ އަހަރެން' ކެމްޕެއިން ފެށުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން --- ސަން ފޮޓޯ: ފަޔާޒު މޫސާ

ރާއްޖޭގެ މީޑިއާތައް ގުޅިގެން ކުރިއަށް ގެންދާ "ކޮވިޑް ހުއްޓުވާނީ އަހަރެން" ކެމްޕެއިންގެ ދަށުން، އާންމުންނަށް ބައިވެރިވެވޭ ގޮތަށް ފޮޓޯ އަދި ވީޑިއޯގެ މުބާރާތެއް މިއަދު ހުޅުވާލައިފި އެވެ.

"ކޮވިޑް ހުއްޓުވާނީ އަހަރެން- ރައްޔިތުންގެ ކެމްޕެއިން" ނަމުގައި ފެށި މި ހަރަކާތަކީ، ވަނަ ވަނައަށް އަންނަ ފަރާތްތަކަށް ފައިސާގެ އިނާމު ހުށަހެޅިފައިވާ މުބާރާތެކެވެ. މި ކަމަށް ހުށަހަޅާ ފޮޓޯ އާއި ވީޑިއޯ އަކީ ކޮވިޑް ހުއްޓުވުމާ ގުޅޭ ގޮތުން ހޭލުންތެރިކުރަމުގެ މެސެޖެއް ހިމެނޭ ފޮޓޯ އަދި ވީޑިއޯއަކަށް ވާން ޖެހެއެވެ.

ވީޑިއޯ އަދި ފޮޓޯ މުބާރާތުން ކުރެ ކޮންމެ މުބާރާތަކުން 1،2،3 ހޮވުމަށް ވަނީ ހަމަ ޖެހިފައެވެ. ވަނަތައް ހޮވާނީ މުބާރާތް ނިމޭ އިރު އެންމެ ގިނަ ލައިކް އާއި ޝެއާ ލިބޭ ފޮޓޯ އާއި ވީޑިއޯ އަށެވެ.

ވީޑިއޯ މުބާރާތް

ވީޑިއޯ މުބާރާތުގައި ބައިވެރިކުރާ ވީޑިއޯއެއްގެ ދިގުމިން 30 ސިކުންތަށް ވުރެ ދިގުވެގެން ނުވާނެއެވެ. ވީޑިއޯގައި އޯޑިއޯ ވޮއިސް، ބެކްމިއުޒިކް ހިމަނާނަމަ، ހިމަނަންވާނީ ސާފުކޮށް އަޑުއަހަން ފަސޭހަ ވާނެ ގޮތަކަށެވެ. އަދި ހުރިހާ ވީޑިއޯއެއް ހުންނަން ވާނީ، mp4 ފޯމެޓްގައެވެ.

އެއް ވަނަ ވީޑިއޯ އަށް 15،000 ރުފިޔާ، ދެ ވަނަ ވީޑިއޯ އަށް 10،000 ރުފިޔާ އަދި ތިން ވަނަ ވީޑިއޯ އަށް 7،000 ރުފިޔާ ދިނުމަށް ވަނީ ހަމަޖެހިފައެވެ.

ފޮޓޯ މުބާރާތް

ފޮޓޯ މުބާރާތުގައި ހިމަނާ ފޮޓޯތަކުގައި، ތީމް އާ ގުޅޭ ގޮތުން ދޭ މެސެޖް، އަސަރު ސާފުވާން ވާނެއެވެ. ފޮޓޯތައް ހުންނަންވާނީ، JPG, JPEG or PNG ފޯމެޓްގައެވެ.

އެއް ވަނަ ފޮޓޯ އަށް 10،000 ރުފިޔާ، ދެވަނަ ފޮޓޯއަށް 5،000 ރުފިޔާ އަދި ތިން ވަނަ ފޮޓޯ އަށް 3،000 ރުފިޔާ ދިނުމަށް ވަނީ ހަމަޖެހިފައެވެ.

ވީޑިއޯ އަދި ފޮޓޯ މުބާރާތުގައި ބައިވެރި ކުރާ ތަކެތި މިމަހުގެ 30 ވާ ބުދަދުވަހުގެ އިރު އޮއްސި 6 އަށް ފޮނުވަން ޖެހެއެވެ. ތަކެތި ފޮނުވާނީ 7231002 ޓެލެގްރާމް ނަންބަރަށެވެ.

މުބާރާތުގައި ބައިވެރި ކުރާ ތަކެތި، އަންނަ އޮކްޓޯބަރު މަހުގެ 1 ވަނަ ދުވަހު މި ކެމްޕޭނުގެ ފޭސްކްބް ޕޭޖުގައި ޕޯސްޓްކޮށް ޝެއާ ކުރުމަށާއި ލައިކްސް ހޯދުމަށް އާންމުކޮށް ހުޅުވާލާނެއެވެ. މި މުބާރާތުގެ ދަށުން ޕޯސްޓު ކުރާ ވީޑިއޯ އަދި ފޮޓޯ ޝެއާކޮށް ލައިކް ހޯދުމަށް ހުޅުވާލައި ފުރުސަތު ބަންދުވާނީ އޮކްޓޯބަރު މަހުގެ 15 ވަނަ ދުވަހުގެ އިރުއޮއްސި 6 ޖަހާއިރުއެވެ. މި މުބާރާތުގެ ނަތީޖާ ފާޅުކުރާނެ ދުވަހާއި ވަގުތު އެ ދުވަހު އިއުލާން ކުރެވޭނެއެވެ.

ގުޅޭ ޓެގު
comment ކޮމެންޓް