ތިން ބިލެއް ރައީސް ތަސްދީގުކުރައްވައިފި

ފޮޓޯ/ ރައީސް އޮފީސް

މި މަހުގެ ހަ ވަނަ ދުވަހު ރައްޔިތުންގެ މަޖިލީހުން ފާސްކުރި ތިން ބިލެއް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ތަސްދީގުކުރައްވައިފިއެވެ.

ރައީސް މިއަދު ތަސްދީގުކުރެއްވީ ދިވެހި ސިވިލް ސާވިސްގެ ގާނޫނަށް ފަސްވަނަ އިސްލާހު ގެނައުމުގެ ބިލާއި އެންޓި ކޮރަޕްޝަން ކޮމިޝަނުގެ ގާނޫނަށް އެއްވަނަ އިސްލާހު ގެނައުމުގެ ބިލު އަދި އިލެކްޝަންސް ކޮމިޝަންގެ ގާނޫނަށް އެއްވަނަ އިސްލާހު ގެނައުމުގެ ބިލެވެ.

ކޮރަޕްޝަން ފުޅާ ދާއިރާއެއްގައި މާނަކޮށް، އެންޓިކޮރަޕްޝަން ކޮމިޝަންގެ ގާނޫނަށް ގެނައި އިސްލާހުގައި ކޮމިޝަނުގެ ރައީސާއި އަދި މެންބަރުން ވެސް މިނިވަންކަމާއެކު ނުފޫޒުން އެއްކިބާވެތިބެ މަސައްކަތްކުރުމަށް ބާރުއަޅާ މާއްދާތައް ހިމަނާފައިވެއެވެ.

އަދި ކޮމިޝަނުގެ މެންބަރުންގެ މަގާމުގެ ވާޖިބުތައް އަދާކުރުމުގައި ކޮމިޝަނުގެ ޖަމާއީ ސުލޫކު އަދި ކޮމިޝަނުގެ މެންބަރުންގެ ހައިސިއްޔަތާއި ފަރުދީ ހައިސިއްޔަތުން މެންބަރުން ހިފަހައްޓަންޖެހޭ ޒާތީ ސުލޫކު ބަޔާންކޮށްފައިވެއެވެ.

މީގެ އިތުރުން، ކޮމިޝަނުގެ މެންބަރުން އިތުރު ވަޒީފާ އަދާނުކުރުމާއި، އަދި މަސްލަހަތު ފުށުއަރާ މައްސަލަތަކުން ދުރުހެލިވުމަށް ބާރުއަޅާ މާއްދާތައް ބިލުގައި ހިމަނާފައިވެއެވެ.

ސިވިލް ސާވިސްގެ ގާނޫނާއި އިލެކްޝަންސް ކޮމިޝަނުގެ ގާނޫނަށް ގެނައި އިސްލާހާއެކު ދެ ކޮމިޝަނުގެ ރައީސްގެ މަސްއޫލިއްޔަތުތަކަށް ވަނީ ބަދަލުތަކެއް އައިސްފައެވެ. އަދި ނުފޫޒެއްނެތި މިނިވަންކަމާއިއެކު މަސައްކަތްކުރުމަށް ކުރިއަށްވުރެ ބޮޑަށް ބާރުއަޅައި، އެކަމަށް ހާއްސަކޮށް މާއްދާއެއް އިތުރުކޮށްފައިވެއެވެ.

އޭގެ އިތުރުން، ކޮމިޝަނުގެ މެންބަރުންގެ މާލީ ހިސާބުތަކާއި، އިތުރު ވަޒީފާ އަދާކުރުން މަނާކުރުމާއި، މަސްލަހަތު ފުށުއަރާ މައްސަލަތަކާއި ގުޅޭ އުސޫލުތައް އިސްލާހުގައި ބަޔާންކޮށްފައިވެއެވެ.

ތިން ބިލު ތަސްދީގުކުރައްވައި، ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިއު ކުރުމާއެކު މިއަދުން ފެށިގެން ތިން ގާނޫނަށް ވެސް އަމަލުކުރަން ވަނީ ފަށައިފައެވެ.

comment ކޮމެންޓް