ޑައިރެކްޓަރު އަނޫރާގް ކޭޝަޕަށް ޖިންސީ ގޯނާގެ ތުހުމަތު

ޑައިރެކްޓަރު އަނޫރާގް

ބޮލީވުޑްގެ ކާމިޔާބު ޑައިރެކްޓަރު އަނޫރާގު ކޭޝަޕަށް،48، ވެސް ޖިންސީ ގޯނާގެ ތުހުމަތުކޮށްފި އެވެ.

އޭނާއާ ދެކޮޅަށް އަޑުއުފުލާ ވާހަކަ ދެއްކީ ބަތަލާ ޕާޔަލް ގޯޝް އެވެ. ބޭރުގެ މީޑިއާއަކަށް ދިން އިންޓަވިއުއެއްގައި ޕާޔަލް ބުނީ އަނޫރާގުގެ ފިލްމެއްގައި މަސައްކަތްކުރުމުގެ ފުރުސަތު އޭނާއަށް ލިބުމުން އެ ފިލްމާ ގުޅޭ ގޮތުން ކަންތައްތަކެއް މަޝްވަރާކުރުމަށް އޭނާއާ ބައްދަލުކުރަން ދިޔުމުން ކޮޓަރިއަކަށް ގެންގޮސް އޭނާގެ ގައިގައި އަތްލަން މަސައްކަތްކޮށް ގަދަކަމުން ގުޅުން ހިންގަން މަސައްކަތްކުރި ކަމަށެވެ.

ޕާޔަލް ބުނީ އެ ދުވަހު އަނޫރާގް އޭނާއާ ވަރަށް ހުތުރުކޮށް ވާހަކަ ދެއްކި ކަމަށެވެ. މިވާހަކަތައް ހިއްސާކުރުމަށް ފަހު ބަތަލާ ޕާޔަލް ވަނީ އޭނާއާ ދެކޮޅަށް ފިޔަވަޅު އަޅަން ގޮވާލާފަ އެވެ. އަދި ޕާޔަލް އަށް އެކަމަށް އެއްބާރުލުންދީ އަނޫރާގަށް ފިޔަވަޅު އަޅަން ގޮވާލި ތަރިއަކީ ކަންގަނާ ރަނައުތު އެވެ.

ޕާޔަލް އޭނާއަށް ޖިންސީ ގޯނާގެ ތުހުމަތު ކުރި ނަމަވެސް އަނޫރާގް އެކަން ދޮގުކުރެ އެވެ. އަދި އޭނާގެ ދިފާއުގައި ބޮލީވުޑްގެ ގިނަ ތަރިންނެއް ވަނީ ނުކުމެފަ އެވެ. ރަދިކާ އާޕްތޭ، ތާޕްސީ ޕަންނޫ، ރިޗާ ޗައްދާ ފަދަ ތަރިން ވަނީ އޭނާގެ ދިފާއުގައި ނުކުމެ އަޑުއުފުލާފަ އެވެ.

ޑައިރެކްޓަރު އަނޫރާގަށް މިފަދަ ތުހުމަތުތަކެއް ކުރެވުނުއިރު ދާދިފަހުން ޑައިރެކްޓަރު ސާޖިދު ޚާން ޖިންސީ ފުރައްސާރަ ކުރި ކަމަށް ބުނެ އިންޑިއާގެ މޮޑެލް، އެކްޓަރު ޕައުލާ އޭނާއާ ދެކޮޅަށް ވަނީ އަޑުއުފުލާފަ އެވެ.

comment ކޮމެންޓް