މަސްތުވާތަކެތީގެ ވަބާގައި ޖެހިފައިވާ މީހުންގެ ފަރުވާގެ ނިޒާމު ހަރުދަނާކުރަން އެދިވަޑައިގެންފި

މަސްތުވާތަކެތީގެ ނުރައްކާތެރި ވަބާގައި ޖެހިފައިވާ މީހުންނަށް ފަރުވާދިނުމުގެ ނިޒާމު އިތުރަށް ހަރުދަނާކުރުމަށް މަސައްކަތް ކުރުމަށް ނައިބު ރައީސް ފައިސަލް ނަސީމް އެދިވަޑައިގަންނަވައިފިއެވެ.

ނައިބު ރައީސް ވަނީ މިއަދު މެންދުރުފަހު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ނޭޝަނަލް ޑްރަގް އޭޖެންސީ (އެންޑީއޭ) ގެ ބޯޑާއެކު ބައްދަލުވުމެއް ބާއްވައިފައެވެ.

އެ ބައްދަލުވުމުގައި ނައިބު ރައީސް ވަނީ މަސްތުވާތަކެތީގެ ވަބާއިން ޒުވާނުން ސަލާމަތްކުރުމަށް ސަރުކާރުން ކުރަމުން ގެންދާ މަސައްކަތްތަކުގައި އެންޑީއޭއަކީ ވަރަށް ފުޅާ ދާއިރާއެއްގައި ހަރަކާތްތެރިވާ އިދާރާއެއްކަމުގައި ފާހަގަކުރައްވައިފައެވެ.

އެގޮތުން، ސަރުކާރުގެ ސްޓްރެޓީޖިކް އެކްޝަން ޕްލޭން (އެސްއޭޕީ) އާއި އެއްގޮތަށް ޒުވާނުންނަށް ފަހި ފުރުސަތުތައް ހޯދައިދިނުމުގައި ވެސް މަސްތުވާތަކެތީގެ ވަބާއިން ސަލާމަތްވެފައިވާ ޖީލެއް ބިނާކުރުމަށް އިސްކަންދެވިފައިވާނެ ކަމަށް ވިދާޅުވިއެވެ.

ރާއްޖެއަށް މަސްތުވާތަކެތި އެތެރެވާންހުރި ދޮރުތައް ބަންދުކުރުމުގައި ކުރިމަތިވެފައިވާ ގޮންޖެހުންތަކުގެ މައްޗަށް އަލިއަޅުއްވައިލައްވާ ވާހަކަފުޅު ދައްކަވަމުން ނައިބު ރައީސް ވަނީ އެންޑީއޭގެ ބަޖެޓާއި ވަސީލަތްތަކުގެ ބޭނުން އެންމެ ފުރިހަމަ ގޮތުގައި ހިފައި، އެ އިދާރާގެ ހިންގުމުގެ ނިޒާމު ހަރުދަނާ ކުރުމާއި، މަސްތުވާތަކެތީގެ ވަބާގައި ޖެހިފައިވާ މީހުންނަށް ފަރުވާދިނުމާއި، ފަރުވާއަށްފަހު މުޖުތަމައާ އަލުން ގުޅޭ ޒުވާނުންނަށް އިތުރު ފުރުސަތުތައް ފަހިކޮށްދިނުމުގައި ކުރެވިދާނެ ކަންތައްތަކާއި ގުޅޭގޮތުން މަޝްވަރާކުރައްވާފައެވެ.

އެ ބައްދަލުވުމުގައި އެންޑީއޭގެ ބޯޑުގެ މެންބަރުން ދެއްކެވި ވާހަކަގައި އެ ބޭފުޅުން ވަނީ، ނައިބު ރައީސް އެދިވަޑައިގެންނެވި ގޮތަށް މަސައްކަތްތައް ބައްޓަންކުރާނެކަމަށާއި، އަދި މަސްތުވާތަކެތީގެ ވަބާއިން ސަލާމަތްވެފައިވާ މުޖުތަމައެއް ބިނާކުރުމަށް ކުރެވޭ މަސައްކަތްތަކުގައި ބޯޑުގެ ހުރިހާ މެންބަރުންގެ ފުރިހަމަ އެއްބާރުލުން ލިބިގެންދާނެކަން ވިދާޅުވެފައެވެ.

comment ކޮމެންޓް