ކުރެންދޫ ނަރުދަމާގެ އަމަލީ މަސައްކަތް ނިންމާލައިފި

ފޮޓޯ/ އެމްޑަބްލިއުއެސްސީ

އެމްޑަބްލިއެއެސްސީ އިން ޅ. ކުރެންދޫގައި ގާއިމުކުރަމުންދާ ނަރުދަމާ ނިޒާމުގެ އަމަލީ މަސައްކަތް ނިންމައި ކޮމިޝަން ކުރުމުގެ މަސައްކަތް ފަށައިފިއެވެ.

އެރަށުގެ ނަރުދަމާ ނިޒާމު ކޮމިޝަންކުރުމުގެ މަސައްކަތް ކުރިއަށް ދަނީ ފެނަކަ، މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗާ، އަދި އެމްޑަބްލިއުއެސްސީގެ ބޭފުޅުންނެވެ.

އެމްޑަބްލިއުއެސްސީން ބުނީ ކޮމިޝަން ކުރުމުގެ މަސައްކަތް މިއަދު ނިންމުމަށް ހަމަޖެހިފައިވާ ކަމަށެވެ.

ކުރެންދޫގެ ނަރުދަމާ ނިޒާމުގެ މަސައްކަތަކީ 29 މިލިއަން ރުފިޔާއަށް ޕްލޭނިން މިނިސްޓްރީން އެމްޑަބްލިއުއެސްސީއާ ހަވާލުކޮށްގެން ކުރިޔަށް ގެންދިޔަ މަސައްކަތެކެވެ.

އެ މަޝްރޫއުގެ ދަށުން 6,000 މީޓަރުގެ ނަރުދަމާ މައި ނެޓްވޯކްއާއި، 720 މީޓަރުގެ ޕަންޕިން ލައިން އާއި، ދެ ޕަންޕިންގ ސްޓޭޝަނާއި، ސީ އައުޓް ފޯލް އަދި އިދާރީ ބިލްޑިންގ އެއް ވަނީ ގާއިމުކޮށްފައެވެ.

މީގެ އިތުރުން، އެ މަޝްރޫއުގެ ދަށުން އެރަށުގެ 366 ގެއެއްގައި ޖަންޝަން ބަހައްޓައި، އެ ގެތަކަށް ނަރުދަމާގެ ކަނެކްޝަން ވަނީ ގުޅާ ދީފައެވެ. އަދި ހަމަ އެއާއެކު، ނަރުދަމާ ނިޒާމު ހިންގާ ބެލެހެއްޓުމަށް ބޭނުންވާ ޖަނަރޭޓަރު ސެޓާއި ވެހިކަލް ފޯރުކޮށްދިނުމަށް ވަނީ ހަމަޖެހިފައެވެ.

އެމްޑަބްލިއުއެސްސީން ބުނީ މި މަޝްރޫއުގެ ސަބަބުން ކުރެންދޫގެ ރައްޔިތުންނަށް ރައްކާތެރި ނަރުދަމާ ނިޒާމެއް ލިބިގެންދާނެ ކަމަށެވެ.

comment ކޮމެންޓް