ލަންކާގެ ގައުމީ ޓީމުތަކަށް ޔޯގާ މަޖުބޫރު ކުރަނީ

ލަންކާގެ ކުޅިވަރާ ބެހޭ ވަޒީރު ނަމާލް ރަޖަޕަކްސާ ---

ސްރީ ލަންކާގެ ގައުމީ ހުރިހާ ކުޅިވަރެއްގެ ޓީމުތަކަށް ނިސްބަތްވާ ކުޅުންތެރިންނަށް ޔޯގާ މަޖުބޫރު ކުރަން ނިންމާފައިވާ ކަމަށް އެގައުމުގެ ކުޅިވަރާ ބެހޭ ވަޒީރު ނަމާލް ރަޖަޕަކްސާ ވިދާޅުވެއްޖެ އެވެ.

ސްރީލަންކާގައި ވެރިކަން ކުރާ ރާޖަޕަކްސަ އާއިލާއިން އެގައުމުގެ ގާނޫނު ހަދާ މަޖިލީހަށް ކުރިމަތިލައި ގޮނޑި ކާމިޔާބުކުރި އެންމެން ހިމަނައިގެން އެގައުމުގެ ކެބިނެޓު އެކުލަވާލި އިރު އެގައުމުގެ ބޮޑުވަޒީރު މަހިންދަ ރާޖަޕަކްސަގެ ދަރިކަލުން ނާމަލް ރާޖަޕަކްސައަށް ޒުވާނުންނާއި ކުޅިވަރާ ބެހޭ ވަޒީރުކަން ވަނީ ލިބިވަޑައިގެންފައެވެ. އެއަށްފަހު ކުޅިވަރުގެ ދާއިރާއަށް ބޮޑެތި ބަދަލުތަކެއް ގެންނަވާނެކަމަށް ނާމަލް ވަނީ ވިދާޅުވެފަ އެވެ.

އެގޮތުން ލަންކާގެ ގައުމީ ކުޅުންތެރިން ޔޯގާ ހެދުމަށް މަޖުބޫރުކޮށް ގަވާއިދެއް ހަދަން ނިންމާފައިވާކަން ނާމަލް ވަނީ އިއުލާން ކޮށްފަ އެވެ.

"އަންނަ މަހުން ފެށިގެން ހުރިހާ ގައުމީ ޓީމުތަކުގެ ކުޅުންތެރިން މަދުވެގެން ހަފުތާއަކު ދެފަހަރަށް ޔޯގާ ސެޝަންތައް ނެގުމަށް މަޖުބޫރު ކުރަން ވަނީ ނިންމާފައި،" ކޮލޮމްބޯގައި މިއަދު އޮތް އިވެންޓެއްގައި ވާހަކަ ދައްކަމުން ނަމާލް ވިދާޅުވި އެވެ.

އޭނާ އިތުރަށް ވިދާޅުވީ ލަންކާގެ އެންޝިއެންޓް މާޝަލް އާޓްސް އާއި އިތުރު ޔޯގާގެ ވައްތަރުތައް އަންނަ މަހުން ފެށިގެން ކުޅިވަރުތަކަށް ތައާރަފު ކުރާނެ ކަމަށާއި، ލަންކާގެ ކުޅިވަރު ސުކޫލުތަކުގައި ވެސް މިކަންކަން ކުރިއަށްދާނެ ކަމަށެވެ.

comment ކޮމެންޓް