ސްނޯކަލް ކުރަން ފޭބި ޒުވާނާ މަރުވެފައި އޮއްވާ ފެނިއްޖެ

ކޯސްޓްގާޑުގެ އުޅަނދެއް --- ފޮޓޯ: އެމްއެންޑީއެފް

މާލެ ވެސްޓް ޕާކް ސަރަހައްދު ފަޅުތެރެއަށް މިއަދު ސްނޯކްލިން އަށް ދިޔަ ޒުވާނަކު ގެއްލިގެން ހޯދަމުން ދަނިކޮށް އޭނާ މަރުވެފައި އޮއްވާ ފެނިއްޖެ އެވެ.

މަރުވެފައި އޮއްވާ ފެނުނީ މ. ބޮއިލިން ފިޝް، 24 އަހަރުގެ ޝައްފާން ރަޝީދު އެވެ.

އެމްއެންޑީއެފުން ބުނީ، އޭނާގެ ހަބަރެއް ނުވެގެން މިއަދު ހަވީރު 4:36 އެހާކަންހާއިރު ސިފައިންނަށް ރިޕޯޓް ލިބުމާ ގުޅިގެން އެ ސަރަހައްދު ބަލަނިކޮށް، އޭނާގެ ހަށިގަނޑު މޫދުއަޑީގައި އޮއްވާ ފެނިފައިވާ ކަމަށެވެ.

ޒުވާނާގެ ހަށިގެ ފެނިފައި ވަނީ 12.1 މީޓަރު އަޑިން ކަމަށާއި މިހާރު އޭނާގެ ހަށިގަނޑު އައިޖީއެމްއެޗަށް ގެންގޮސްފައިވާ ކަމަށް އެމްއެންޑީއެފް އިން ބުންޏެވެ.

އެމްއެންޑީއެފް އިން ބުނީ، އޭނާ ހޯދަން ކޯސްޓްގާޑުގެ ޑައިވަރުންގެ އިތުރުން އާންމު ޑައިވަރުން ވެސް އެހީތެރިވި ކަމަށާއި އޭނާގެ ހަށިގަނޑު ފެނުނީ އާންމު ޑައިވަރުންނަށް ކަމަށެވެ.

އެމްއެންޑީއެފް އިން ބުނީ އޭނާ ސްނޯކަލް ކުރަން ދިޔައީ މިއަދު ހެނދުނު 11:00 ހާއިރު ކަމަށެވެ. އަދި އޭނާ ސްނޯކަލް ކުރަން ފޭބީ އެކަނި ކަމަށް މައުލޫމާތު ލިބިފައިވާ ކަމަށް ބުންޏެވެ.

comment ކޮމެންޓް