ބާސެލޯނާ ދޫކޮށް ވިދާލް އިންޓަ މިލާނަށް

ބާސެލޯނާގެ މިޑްފީލްޑަރު އާތުރޯ ވިދާލް --- ފޮޓޯ/ ލައިވްސްކޯ

ބާސެލޯނާއަށް ކުޅެމުން އައި ޗިލީގެ މިޑްފީލްޑަރު އާތުރޯ ވިދާލް އެކުލަބު ދޫކޮށް އިޓަލީގެ އިންޓަ މިލާނަށް ސޮއި ކުރުމަށް މިލާނަށް ގޮސްފައިވާކަމަށް ރިޕޯޓްތަކުން ބުނެފި އެވެ.

ކުރިން ޔުވެންޓަސްގައި ވެސް ކުޅުނު ވިދާލް އޭރު އޭނާއަށް ކޯޗުކަން ކޮށްދިން އެންޓޯނިއޯ ކޮންޓޭއާ އެކު އަލުން މަސައްކަތް ކުރުމަށް ތައްޔާރުވަމުން އަންނަ އިރު، ބާސެލޯނާގެ އައު ކޯޗު ރޮނާލްޑް ކޫމަންގެ ޕްލޭނުގައި ވިދާލް ނުހިމެނޭ ކަމަށް އޭނާ ވަނީ ބުނެފަ އެވެ. އެއާ އެކު ބާސެލޯނާގެ ޕްރެކްޓިސްތަކުން ވިދާލް ގެއްލުނު އިރު، އިންޓަމިލާނުން އޭނަގެ ސޮއި ހޯދާނެ ކަމަށް ބެލެވިފައި ވަނީ އެއް މިލިއަން ޕައުންޑްގެ އަގަކަށެވެ.

ބާސެލޯނާއާ އެކު ހަދާފައިވާ ތިން އަހަރުގެ ކޮންޓްރެކްޓް ހަމަ ނުވަނީސް ވިދާލް އިންޓައާ ގުޅެން ނިންމި އިރު، މިއީ މިފަހަރުގެ ޓްރާންސްފާ މާކެޓުގައި އެ ކުލަބުން ވަކިވި ތިންވަނަ މިޑްފީލްޑަރެވެ. މީގެ ކުރިން އީވާން ރަކިޓިޗްއާއި، އާތުރޯ މެލޯ ވެސް ކުލަބު ދޫކޮށްލާފައިވާ އިރު، އަދިވެސް އިތުރު ބައެއް ކުޅުންތެރިން "އެހެން ގޮތެއް ހޯދަން" ކޫމަން ވަނީ ލަފާ ދީފަ އެވެ.

ބާސެލޯނާއަށް 43 މެޗު ކުޅެދިން ވިދާލްގެ ޓްރާންސްފާގެ ކަންކަން މިއަދުގެ ވަގުތެއްގައި ނިމޭނެ ކަމަށް ބެލެވޭ އިރު، ދާދި ފަހުން ބާސެލޯނާ ދޫކޮށްލަން ބޭނުންވާކަން އިއުލާން ކުރި އެ ޓީމުގެ ކެޕްޓަން ލިއޮނެލް މެސީއާއި ލުއިސް ސުއަރޭޒްގެ އިތުރުން އެހެން ބައެއް ކުޅުންތެރިން ވެސް އަންނަނީ ވިދާލްއަށް ހެޔޮއެދި މެސެޖުތައް ސޯޝަލް މީޑިއާގައި ދެމުންނެވެ.

ބާސެލޯނާއިން ހުސްއަތާ ކުރީ ސީޒަން ނިންމާލި އިރު، މި ސީޒަނާ އެ ޓީމު ކުރިމަތިލާނީ ބޮޑެތި ބަަދަލުތަކާ އެކު ކަމަށް އެކުލަބުގެ ރައީސް ޖޯސެޕް މާރިއާ ބާޓެމިއު ވެސް ވަނީ ބުނެފަ އެވެ. އެއާ އެކު ކުލަބުގެ މެނޭޖްމެންޓަށް ވެސް ބޮޑެތި ބަދަލުތަކެއް ގެނެސްފައިވާ އިރު، ބާސެލޯނާގެ ގިނަ މެމްބަރުންތަކެއް ވަނީ މިފަހަކުން ބާޓެމިއު މަގާމުން ވަކި ކުރަން ބޮޑު ޕެޓިޝަނެއް ވެސް ހުށައަޅާފަ އެވެ.

ސްޕެނިޝް ލީގުގެ ކުޅުން މިހާރު ފަށާފައިވާ އިރު، ބާސެލޯނާއިން ލީގުގެ ފުރަތަމަ މެޗުގައި ބައްދަލު ކުރާނީ ވިޔަރެއާލްއާ ދެކޮޅަށެވެ. އެ މެޗު ކުޅޭނީ މި މަހު 27 ވަނަ ދުވަހު އެވެ.

comment ކޮމެންޓް