ބޭރު ފައިސާ ހިފަހައްޓާނީ ލޯކަލް ޓޫރިޒަމް ފުޅާކޮށްގެން: މިނިސްޓަރު މައުސޫމް

ސެޕްޓެމްބަރ 17، 2020: ޓުއަރިޒަމް މިނިސްޓަރ މައުސޫމް ސަން އަށް އިންޓަވިއު ދެއްވުން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ޓޫރިޒަމްއަކީ ރާއްޖޭގެ އިގްތިސާދުގެ މައިބަދައޭ ބުނެއުޅެ އެވެ. މި ސިނާއަތަށް ރާއްޖެ ބަރޯސާވާ މިންވަރު އެންމެ ރަނގަޅަށް އިހުސާސު ކުރެވުނީ ކޮވިޑް19 ޕެންޑެމިކް އައުމުންނެވެ. އެތެރޭގެ އިގްތިސާދުގެ ބަލިކަށިކަމާއި ބޭރު ފައިސާގެ ތާށިކަން އޮތް މިންވަރު ހާމަވި އެވެ. އުފެދޭ ސުވާލަކީ ބޭރު ފައިސާ އެންމެ ގިނައިން ލިބެނީ ޓޫރިޒަމުން ކަމަށްވުމާއެކު، އެ ފައިސާ ރާއްޖެއިން ބޭރުވުން މަދުކޮށް، ރާއްޖޭގެ އިގްތިސާދުގައި ދައުރު ކުރެވޭނެ ގޮތްތަކަކީ ކޮބައިތޯ އެވެ.

މިފަހުން ޓޫރިޒަމް މިނިސްޓަރުކަމާ ހަވާލުވެވަޑައިގެންނެވި ޑރ. އަބްދުﷲ މައުސޫމް "ސަން"އަށް ދެއްވި ހާއްސަ އިންޓަވިއުއެއްގައި ބޭރު ފައިސާ ރާއްޖޭގެ އިގުތިސާދުގައި ހިފެހެއްޓުމަށް ރާވަމުންދާ ދެ ސިޔާސަތެއް ވަނީ ފާހަގަކުރައްވާފަ އެވެ. އެއް ސިޔާސަތަކީ ޓޫރިޒަމް ސިނާއަތުގެ ވަޒީފާތަކުގެ ތެރެއިން މަތީ މަގާމުތައް ދިވެހިންނަށް ކަނޑައެޅުމެވެ. އަނެއް ސިޔާސަތަކީ ޗުއްޓީ ހޭދަކުރަން ދިވެހިން ބޭރު ގައުމުތަކަށް ދިއުމުގެ ވިސްނުން ބަދަލުކޮށްލައި، ލޯކަލް ޓޫރިޒަމް ފައްކާ ކުރުމެވެ.

"ރާއްޖެއަށް ޓޫރިޒަމްއިން ވަންނަ ޑޮލަރުން ވަރަށް ގިނަ ޑޮލަރު ބޭރު ވަނީ މުވައްޒަފުންގެ މުސާރައަށް. ބޮޑު މުސާރަ ލިބޭ މުވައްޒަފުންނަކީ ދިވެހިންނަށް ހެދީމަ، ޕޭރޯލްގެ 70 ޕަސެންޓު ރާއްޖޭގައި މަޑުޖެއްސޭނެ. އަނެއް ކަމަކީ ބޭރަށް އަޅުގަނޑުމެން ދިވެހިން ޗުއްޓީއަށް އެބަދޭ. އެބައި މަދުކޮށްލަން ޑޮމެސްޓިކް ޓޫރިޒަމް އިންތިހާއަށް ޕްރޮމޯޓު ކުރާނަން." މިނިސްޓަރު ވިދާޅުވި އެވެ.

ޑޮމެސްޓިކް ޓޫރިޒަމް ފުޅާކުރަން ސަރުކާރުން ވިސްނަމުންދާއިރު، މިކަމުގައި ކުރިމަތިވާ ގޮންޖެހުންތަކުގެ ތަފްސީލުވެސް މިނިސްޓަރު މައުސޫމް ދެއްވި އެވެ.

ޗުއްޓީ ހޭދަކުރުމުގެ އިތުރުން ދިވެހިން އެންމެ ގިނައިން ބޭރު ކަރަކަރައަށް ދަނީ ބޭސްފަރުވާ ކުރުމަށާއި "ޝޮޕިން" ކޮށްލުމަށެވެ. މި ދެ ބޭނުމަށް ބޭރަށް ދާ ދިވެހިންގެ އަދަދު މަދު ކުރެވޭނީ އަވަށްޓެރި ގައުމުތަކުން ކުރެވޭ ފެންވަރުގައި މި ކަންކަން ރާއްޖޭގައި ވެސް ކުރެވިގެންނެވެ. މިނިސްޓަރު މައުސޫމް ވިދާޅުވީ މިކަންކަން އަވަށްޓެރި ގައުމުތަކުގައި ކުރާ ފެންވަރުގައި ރާއްޖޭގައި ނުކުރެވެންވީ އެއްވެސް ސަބަބެއް ނެތް ކަމަށެވެ.

"އެ ދެބައި (ވިޔަފާރި ކުރުމާއި ބޭސްފަރުވާ) ހާއްސަކޮށް މި ރީޖަންގައި [އިންޑިއާ، ސްރީލަންކާ، މެލޭޝިއާ، ތައިލެންޑް] އެތަންތަނާ އެއްވަރަށް އަޅުގަނޑުމެންގެ ރީޖަނަލް ޝޮޕިން އެކްސްޕީރިއަންސް ނުގެނެވޭނެ ސަބަބެއް ނެތް. އަތޮޅުތަކުގައި އެ ފެންވަރަށް ޝޮޕިން އެކްސްޕީރިއަންސް ދީފައި، މެޑިކަލް ކަންކަން ހުންނަނަމަ ކޮންމެހެން ބޭރަށް ދާން ބޭނުމެއް ނުވާނެ، ޑޮމެސްޓިކް ޓޫރިޒަމް ޕްރޮމޯޓު ކޮށްގެން،" މިނިސްޓަރު ވިދާޅުވި އެވެ.

ރާއްޖޭގައި އިންޓަގްރޭޓަޑް ޓޫރިޒަމް ފުޅާކުރަން މީގެ ކުރިން ހިންގާފައި ހުރި މަޝްރޫއުތަކުން މިނިސްޓަރު މައުސޫމް އެ ވިދާޅުވި ކަންކަން ކޮންމެވެސް ވަރަކަށް ފެންނަން އެބަހުއްޓެވެ. އެނބޫދޫފަޅު ހިއްކައިގެން ތަރައްގީކުރި ކްރޮސްރޯޑްސް މޯލްޑިވްސްއަކީ މިފަދަ ފުރަތަމަ މަޝްރޫއެވެ.

އެތަނުގައި މިހާރު ވެސް ކޮންމެވެސް ވަރަކަށް މަޝްހޫރު ބްރޭންޑްތަކުގެ ހޮޓެލްތަކާއި ފިހާރަތައް ހުޅުވާފައި ހުރެ އެވެ. ކްރޮސްރޯޑްސްގެ އަސްލު ހައިބަތު ފެނިގެންދާނީ އެ މަޝްރޫއު މުޅިން ނިމުމުންނެވެ.

އިންޓަގްރޭޓަޑް ޓޫރިޒަމްގެ ދެވަނައަށް ހިންގި މަޝްރޫއަކީ "ފަރި އައިލެންޑްސް'" ތަރައްގީކުރާ މަޝްރޫއު އެވެ. މިތަން ހުޅުވޭވަރު ވާނީ މިއަހަރުގެ ފަހުކޮޅު ނުވަތަ އަންނަ އަހަރުގެ ފުރަތަމަ ދެ ކުއާޓަރުގެ ތެރޭގަ އެވެ.

ފަރި އައިލެންޑްސްގައި ހުޅުވާ ތިން ރިސޯޓުގެ ތެރެއިން އެއް ރިސޯޓު، ކަޕެއްލާ މޯލްޑިވްސް-- ފޮޓޯ/ކަޕެލާ ހޮޓެލްސް

ޖުމުލަކޮށް މިނިސްޓަރު މައުސޫމް ވިދާޅުވީ މި ސަރުކާރުގެ އަމާޒަކީ ޓޫރިޒަމުން ރާއްޖެއަށް ވަންނަ ބޭރު ފައިސާ އިތުރުކުރުމާއެކު، އެ ފައިސާ ރާއްޖޭގައި ދައުރުވާނެ ގޮތަކަށް ކަންކަން ބައްޓަން ކުރުން ކަމަށެވެ. އެހެން ނަމަވެސް ކިތަންމެ ބައިވަރު ފައިސާއެއް ގައުމަށް ލިބުނު ނަމަވެސް، ރާއްޖޭގައި އެ ފައިސާ ހިފެހެއްޓޭނީ އެތެރޭގެ އިގްތިސާދު ވަރުގަދަވެގެންނެވެ. މާލީ ސިޔާސަތުތައް މިހާރަށްވުރެ ހަރުދަނާ ވެގެންނެވެ. މިނިސްޓަރު ވިދާޅުވީ އެތެރޭގެ އިގްތިސާދު ވަރުގަދަވުމުން ބޭސްފަރުވާއާއި ތައުލީމާއި ޝޮޕިންއަށް ދިވެހިން ކުރާ ދަތުރުތައް މަދުވާނެ ކަމަށެވެ.

comment ކޮމެންޓް