ގުޅީފަޅުގައި ޕޯޓު ހެދުމާމެދު އާންމުން ދެކޭގޮތް ބަލަން ސާވޭ އެއް

ގުޅީފަޅު ހިއްކުމުގެ މަސައްކަތް ކުރިއަށް ދަނީ --

ގުޅީފަޅުގައި ބައިނަލްއަގްވާމީ ބަނދަރެއް ހެދުމާއި ގުޅޭގޮތުން އާންމުން ދެކޭގޮތް ބެލުމަށް ސާވޭއެއް ފަށައިފިއެވެ.

އިކޮނޮމިކް މިނިސްޓްރީން ބުނީ އެ ސާވޭއަކީ މަޝްރޫއުގެ ސަބަބުން ތިމާވެއްޓަށާއި މުޖުތަމައުއަށް އަސަރު ފޯރާނޭ މިންވަރު ބެލުމުގެ ގޮތުން، ލޭންޑް އެންޑް މެރިން އެންވަޔަރަމަންޓަލް ރިސޯސް ގްރޫޕް (ލަ މެއަރ) އިން ތައްޔާރުކުރާ ރިޕޯޓުގެ ބައެއް ކަމަށެވެ.

އެ ސާވޭގެ ތެރެއިން، މާލޭގެ ޕޯޓުތަކުގައި ދެވޭ ހިދުމަތްތައް ގުޅީފަޅަށް ބަދަލުކުރުމުގެ މަޝްރޫއު ރާވާލާފައިވާ ގޮތާމެދު އާންމުންގެ ހިޔާލު ހޯދާނެއެވެ.

މާލޭގެ ވިޔަފާރި ބަނދަރު ތިލަފުށްޓަށް ބަދަލުކުރުމަށް ޓަކައި ތިލަފުށީގައި ބަނދަރު ހަދަން ކުރީގެ ސަރުކާރުން އޮތީ ރާވައިފަ އެވެ. ނަމަވެސް ތިލަފުށީގެ ބަދަލުގައި ގުޅީފަޅުގައި ބަނދަރު ހަދާގޮތަށް ނިންމީ އެއީ ތިމާވެށީގެ ގޮތުން ބަލާއިރު ވެސް އެންމެ ރައްކާތެރި ގޮތް ކަމަށް ވުމުން ކަމަށް މި ސަރުކާރުން ވަނީ ބުނެފަ އެވެ.

ތިލަފުށީގެ ބަދަލުގައި ގުޅީފަޅަށް މާލޭ ވިޔަފާރި ބަނދަރު ބަދަލުކުރަން ނިންމީ ބަނދަރުގައި ކުރާ ހުރިހާ މަސައްކަތެއް އެތަނަށް ބަދަލުކޮށް މާލެއަށް ބޮޑު ބަދަލެއް ގެންނަ ގޮތަށް ރާވައިގެން ކަމަށް ހައުސިން އަދި ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމް ވަނީ މީގެ ކުރިން ވިދާޅުވެފަ އެވެ.

މާލޭ ވިޔަފާރި ބަނދަރު ގުޅީފަޅަށް ބަދަލުކުރުމަށް ސަރުކާރުން ނިންމާފައިވާ ޕްލޭން ކުރިއަށް ގެންދިޔުމަށް ގުޅިފަޅު ހިއްކުމުގެ މަސައްކަތް މިހާރު ވަނީ ފަށައިފަ އެވެ.

ގުޅީފަޅު ހިއްކުމުގެ މަސައްކަތް ހަވާލުކޮށްފައި ވަނީ ބޮސްކާލިސް ވެސްޓްމިންސްޓާ ކޮންޓްރެކްޓިން ލިމިޓެޑަށެވެ. ޕްރޮޖެކްޓުގެ އަގަކީ 53 މިލިއަން ޑޮލަރު (817.26 މިލިއަން ރުފިޔާ) އެވެ.

ގުޅީފަޅު ޑްރެޖިން އެންޑް ލޭންޑް ރިކްލެމޭޝަން ޕްރޮޖެކްޓުގެ ދަށުން ހަ މިލިޔަން ކިޔުބިކް މީޓަރުގެ ބިން ހިއްކައި ރިވެޓްމެންޓު ޖަހާނެ އެވެ. މި ޕްރޮޖެކްޓުގެ ދަށުން ޖުމްލަ 20 މިލިޔަން ކިޔުބިކް މީޓަރުގެ ސަރަހައްދެއް ހިއްކާނެ ކަމަށް ވެބްސައިޓުގައި ބުނެފައިވެ އެވެ.

ގުޅީފަޅު ހިއްކަން ފަށާފައި ވަނީ މެއި މަހުގެ ތެރޭގަ އެވެ. މި ޕްރޮޖެކްޓު ނިންމާލެވޭނެ ކަމަށް ލަފާކޮށްފައި ވަނީ ނުވަ މަހާއި 14 މަހާ ދެމެދުގެ މުއްދަތެއްގެ ތެރޭގަ އެވެ.

ގުޅީފަޅުގައި 187 ހެކްޓަރުގެ ބިން ހިއްކޭއިރު، އޭގެ ތެރެއިން ބޮޑުބައި އޮންނާނީ ޕޯޓު އަދި ޕޯޓާ ގުޅިގެން ހިންގާ މަސައްކަތްތަކަށް ކަމަށް މިނިސްޓަރު އަސްލަމް ވަނީ ވިދާޅުވެފަ އެވެ.

ނަމަވެސް ގުޅިފަޅު ހިއްކުމަށް ފަހު އެތަނުން މާލޭގެ ރައްޔިތުންނަށް 1،200 ބިން ދޫކުރާނެ ކަމަށް ވެސް ސަރުކާރުން ވަނީ ބުނެފަ އެވެ.

comment ކޮމެންޓް