ކޮވިޑް ޖެހުނު ދެމަފިރިން މަރުވީ އަތުގުޅާލައިގެން ތިއްބާ

ކައިވެންޏަށް 50 އަހަރު ވެފައިވާ ޑާލީން އާއި ޖޮނީ މަރުވެފައިވަނީ ހޮސްޕިޓަލުގައި ތިއްބައި --- ފޮޓޯ : ސީއެންއެން

ކޮވިޑް-19 އާ ގުޅިގެން އެތައް ބަޔަކު އަދިވެސް ދަނީ ދުނިޔޭގެ އެކި ކަންކޮޅުތަކުން މަރުވަމުންނެވެ. އެހެން ނަމަވެސް، ދާދި ފަހުން ކޮވިޑް-19 ޖެހިގެން މަރުވި ދެމަފިރިއަކާ ގުޅިގެން އިންޓަނެޓް ރޮއްވާލައިފި އެވެ. ކައިވެންޏަށް ޖުމްލަ 50 އަހަރު ވެފައިވާ ދެމަފިރިއެއް ދާދި ފަހުން ވަނީ ކޮވިޑް-19 ޖެހިގެން މަރުވެފައެވެ. ދެމީހުން މަރުވެފައިވަނީ އެކީގައި އަތްގުޅުވައިގެން ތިއްބައި ގާތްގާތުގަ އެވެ.

އެމެރިކާގެ ނޯތު ކެރޮލައިނާގެ ދެމަފިރިން ކަމަށްވާ ޖޮނީ ލީ ޕީޕަލްސް، 67 އާއި ކޭތީ ޑާލީން ޕީޕަލްސް، 65 ވަނީ ދާދި ފަހުން ކޮވިޑް ޖެހިގެން ހޮސްޕިޓަލުގައި ފަރުވާ ދެމުން ގެންދަނިކޮށް މަރުވެފަ އެވެ.

ދެމަފިރިންގެ ދަރިފުޅު ޝޭން ޕީޕަލްސް، ސީއެންއެންއަށް މައުލޫމާތު ދިން ގޮތުގައި އޭނާގެ މައިންބަފައިންނަށް ކޮވިޑް-19 ޖެހި އަލާމާތްތައް ފެންނަން ފަށާފައިވަނީ އޯގަސްޓް މަހުގެ ކުރީކޮޅުގައި ކަމަށެވެ. އަދި ސެޕްޓެމްބަރު މަސް ފެށުނުކޮޅު ދެމީހުންވެސް މަރުވެފައިވާ ކަމަށް އޭނާ ބުންޏެވެ.

ޑާލީން އާއި ޖޮނީ އެކީގައި ނަގާފައިވާ ފޮޓޯއެއް ---

"މަންމަ އާއި ބައްޕަގެ ކައިވެންޏަށް ވާނެ 50 އަހަރު. ދެމީހުން މަރުވީ އެކީގައި. މަރުވިއިރު އަތްގުޅުވައިގެން ދެމީހުން ތިބީ. ދެމީހުންގެ މަރުގެ ދެމެދުގައި ވާނީ ކުޑަ މިނެޓްކޮޅެއްގެ ތަފާތު،" ޝޭން ބުންޏެވެ.

ޝޭން ބުނިގޮތުގައި ކޮވިޑްގެ އަލާމާތްތައް ކުރީން ފެންނަން ފަށާފައިވަނީ ޑާލީންގެ ކިބައިންނެވެ. އެގޮތުން އޯގަސްޓްގެ ފުރަތަމަ ދުވަހު ޑާލީން ހުން އައިސްގެން ކޮވިޑް އަށް ޓެސްޓުކުރިއެވެ. ނަމަވެސް އެ ޓެސްޓުން ދެއްކިގޮތުގައި ޑާލީން ނެގެޓިވް އެވެ.

އާއިލާއިން ގަބޫލުކުރާގޮތުގައި އެއީ ފޯލްސް ނެގެޓިވް އަކަށް ވެދާނެއެވެ. ސަބަބަކީ ފަހުން ހޮސްޕިޓަލުން ޓެސްޓް ކުރިއިރު ޑާލީން ކޮވިޑް-19 އަށް ވަނީ ޕޮޒިޓިވްވެފައެވެ.

ޖޮނީގެ ފަރާތުން ކޮވިޑް-19ގެ އަލާމާތްތައް ފެންނަން ފަށާފައިވަނީ މިދިޔަ މަހުގެ ފަސްވަނަ ދުވަހުގައެވެ. އަދި އޭނާ ޓެސްޓު ހަދައި ޕޮޒިޓިވް ވެފައިވާކަން އެނގިފައިވަނީ އޭގެ ދެ ދުވަސް ފަހުންނެވެ.

ޖޮނީ އާއި ޑާލީން ޒުވާން އިރުގައި އެކީގައި ނަގާފައިވާ ފޮޓޯއެއް ---

ޑާލީން އާއި ޖޮނީ އަކީ އެހެން ބަލިތަކެއް ހުރި ބައެއް ކަމަށް ޝޭން ބުންޏެވެ. އެގޮތުން ޑާލީން އަކީ ލޭގެ ޕްރެޝަރު މަތިވެ، ފައިބްރޯމަޔަލްޖާ އަދި ޓައިޕް 2 ޑައިބީޓީސް ހުންނަ މީހެއް ކަމަށާއި ޖޮނީ އަކީ މީގެ ދެ އަހަރު ކުރީން ނިއުމޯނިއާ ޖެހި ފުއްޕާމެއަށް ގެއްލުން ވެފައިވާ މީހެއް ކަމަށް ޝޭން ބުނެއެވެ.

"ސެޕްޓެމްބަރު ފުރަތަމަ ދުވަހު މައުލޫމާތު ދިން ދެމީހުންވެސް ސަލާމަތްވާނެ ކަމުގެ އުއްމީދު ނެތް ކަމަށް. ބައްޕައަށް ވެންޓިލޭޓަރުގައި އޮވެވިދާނެ، އެކަމު ނުއެއް ނިކުމެވޭނެ. މަންމަގެ އޯގަންތައް ފެއިލްވަމުންދާ ކަމަށް ބުނީ،" ޝޭން ކިޔައިދިނެވެ.

އެއަށްފަހު އޭގެ ޖެހިގެން އައި ދުވަހު ދެމީހުން އެއް ކޮޓަރިއެއްގައި ގާތުގައި ބޭއްވި ކަމަށް ޝޭން ބުންޏެވެ. އެތަނުގައި ދެމީހުން އެކުގައި އަތުގުޅުވައިގެން ތިއްބައި ގާތްގާތުގައި ދެމީހުން މަރުވީ ކަމަށް ޝޭން ވަނީ މައުލޫމާތު ދީފައެވެ.

comment ކޮމެންޓް