ކޮވިޑަށް ފަރުވާދޭން ބޭނުންކުރާ އެފްރިކާގެ ހާބަލް ބުއިންތައް ޓެސްޓްކުރަން ޑަބްލިއުއެޗުއޯ އިން ނިންމައިފި

ކޮވިޑަށް ފަރުވާދޭން ބޭނުންކުރާ އެފްރިކާގެ ހާބަލް ބުއިމެއް--

ކޮވިޑަށް ފަރުވާދޭން ބޭނުންކުރާ އެފްރިކާގެ ހާބަލް ބުއިންތަކުގެ ކްލިނިކަލް ޓްރަޔަލްތައް ކުރިއަށް ގެންދަން ޑަބްލިއުއެޗްއޯ އިން ނިންމައިފި އެވެ.

އެފްރިކާގެ ގައުމެއްކަމަށްވާ މަޑެގަސްކާ އިން އަންނަނީ ކޮވިޑަށް ފަރުވާއެއް ކަމަށް ބުނެ "ކޮވިޑް އޯގެނިކްސް" ކިޔާ ބުއިމެއް ޕްރޮމޯޓްކުރަމުންނެވެ.

އެ ބުއިމަކީ އާރުުތެމިސިއާ ކިޔާ ގަހަކުން ހަދައިފައިވާ ބުއިމެކެވެ. އެ ގަހުން ހަދާފައިވާ ބޭހުން މިހާރު ވެސް މެލޭރިއާ އަށް ފަރުވާކުރުމަށް ބޭނުން ކުރެ އެވެ.

މީގެ ކުރިން މެލެރިއާއަށް ފަރުވާ ކުރުމަށް ބޭނުންކުރާ ހައިޑްރޮކްސިކްލޮރޯކުއައިން ވެސް ކޮވިޑަށް ފަރުވާ ދޭން ބޭނުންކުރި އެވެ. ނަމަވެސް މިހާރު ގިނަ ގައުމުތަކުން އެ ބޭސް ބޭނުމެއް ނުކުރެ އެވެ.

ޑަބްލިއުއެޗްއޯ އިން މިހާރު ވަނީ ހާބަލް ބުއިންތަކުގެ ކްލިނިކަލް ޓްރަޔަލްތައް ކުރިއަށް ގެންދާނެ ގޮތުގެ އުސޫލުތައް ކަނޑައަޅައިފަ އެވެ. އަދި އެ ބުއިންތަކަކީ ރައްކާތެރި އަދި "އިފެކްޓިވް" ބުއިމެއް ނަަމަ އެ ބުއިން ގިނަ އަދަދަކަށް އުފައްދަން ލަފާދޭނެ ކަމަށް ޑަބްލިއުއެޗްއޯ އިން ވަނީ ބުނެފަ އެވެ.

މަޑަގަސްކާ އިން އުފައްދައިފައިވާ ހާބަލް ބުއިން މިހާރު ވެސް ދަނީ އެފްރިކާގެ އެކި ގައުމުތަކުގައި ބޭނުންކުރަމުންނެވެ.

މަޑެގަސްކާ އިން މީގެ ކުރިން ބުނީ އެ ބުއިން ބޭނުންކުރުމުން ކޮވިޑް ޖެހުމުން ދުރުކޮށްދޭ ކަމަށެވެ. ނަމަވެސް އެގައުމުން މިހާތަނަށް 15،000 އަށް ވުރެ ގިނަ މީހުންނަށް ބަލިޖެހިފައިވާއިރު 216 މީހުން ވަނީ މަރުވެސްވެފަ އެވެ.-- ބީބީސީ--

comment ކޮމެންޓް