"ދިރިއުޅުމުގެ ހާލަތަށް ދެމަފިރިންނަށްް ލިބުނު ޕޮއިންޓު ތަފާތު"

ކުރީގެ ހައުސިން މިނިސްޓަރު މުއިއްޒު -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ހިޔާ ފްލެޓަށް ކުރިމަތިލީ ފަރާތްތަކުގެ ތެރެއިން މިއަދު ލިސްޓު އަންމު ކުރި މާލޭ ދަފްތަރު ކެޓަގަރީ (އެޗް9) ގައި ޕޮއިންޓު ދީފައިހުރި ގޮތާމެދު ކުރީގެ ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ.

މުއިއްޒު މިރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އެ ކެޓަގަރީގައި އެކުގައި އުޅޭ ދެމަފިރިންނަށް ދިރިއުޅުމުގެ ހާލަތަށް ޕޮއިންޓު ދީފައި ހުރީ ތަފާތުކޮށް ކަމަށާއި އެކަމާ ގުޅިގެން ޝަކުވާތައްވެސް ލިބިލައްވާފައިވާ ކަމަށެވެ.

"އެކުގައި އެއްތަނެއްގައި އުޅޭ ދެމަފިރިންނަށް އެކަކު އަނެކަކާ ތަފާތުކޮށް ދިރިއުޅުމުގެ ހާލަތުގެ ޕޮއިންޓު މި ސަރުކާރުން މިދެނީ ކީއްވެތޯ؟ އެއީ ކޮންގޮތަކަށް ބައްލަވާފައިބާ؟ " މުއިއްޒު ސުވާލު އުފެއްދެވިއެވެ.

މުއިއްޒު ވިދާޅުވީ މިއަދު އާންމުކުރި އެޗް9 ލިސްޓުގައި އެކަން ވަރަށް ގިނަ ރައްޔިތުންނަށް ދިމާވެފައިވާ ކަމަށާއި އެކަންބޮޑުވުން އޭނާ އާވެސް ގިނަ ބަޔަކު ހިއްސާ ކުރަމުންދާ ކަމަށެވެ.

ހިޔާ މަޝްރޫއުގެ ދަށުން ދޫކުރާ ފްލެޓަށް އެދި ހުށަހަޅާފައިވާ ފަރާތްތަކަށް ޕޮއިންޓް ދީފައިވަނީ އުސޫލާއެއްގޮތަށްތޯ ބަލައި ކަށަވަރުކުރުމަށް ކުރެވޭ މަސައްކަތް ފްލެޓުތަކުގެ މައްސަލަ ބަލާ ކޮމިޓީން އަންނަނީ ކުރަމުންނެވެ.

އެ ކޮމެޓީ އިން ވަނީ އެ9 ކެޓަގަރީގެ ލިސްޓު އާންމުކޮށް، ޕްއިންޓު ދީފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ ޝަކުވާތައް ހުށަހެޅުމަށް ހުޅުވާލައިފައެވެ.

ލިސްޓުގައި ފްލެޓަށް ހުށަހެޅި މީހުންގެ ވަނަވަރާއި ޕޮއިންޓް ލިބިފައިވާ އަދަދު އަދި ކުރިން ޕޮއިންޓް ލިބިފައިވާ ގޮތުގެ ތަފްސީލް ވެސް ވަނީ ހިމަނައިފަ އެވެ.

އަދި ޝަރުތު ހަމަވާ މީހުންނާއި އެ ކެޓަގަރީއަށް ކުރިމަތިލުމަށް ޝަރުތުހަމަވާ ފަރާތްތަކުގެ ތެރެއިން، ދިރިއުޅުމުގެ ހާލަތު ބެލުމުގެ ކަންކަން ކުރިއަށް ނުގެންދެވުނު ފަރާތްތައް ސަބަބާއެކު ވަގުތީ ލިސްޓުގައި ފާހަގަކޮށްފައިވެ އެވެ.

މީގެ އިތުރުން އެ ކެޓަގަރީއަށް ފޯމު ހުށަހަޅާފައިވާ ފަރާތްތަކުގެ ތެރެއިން ކޮމިޓީއިން ބެލިބެލުމުގައި އެ ކެޓަގަރީއަށް ފޯމު ހުށަހެޅުމަށް ޝަރުތުހަމަނުވާ ފަރާތްތަކުގެ ލިސްޓެއް ވެސް ވަނީ އާންމުކޮށްފަ އެވެ. އެ ލިސްޓުގައި ޝަރުތުހަމަނުވާކަމަށް ކޮމިޓީއަށް ފެންނަ ސަބަބު ބަޔާންކޮށްފައިވެ އެވެ.

އެގޮތުން ފްލެޓަށް އެދުނު މީހުންގެ ތެރެއިން 25 މީހުންނަކީ ޝަރުތު ހަމަނުވާ މީހުން ކަމަށް ލިސްޓުގައިވެއެވެ.

އެ ކެޓަގަރީއަށް ފޯމު ހުށަހަޅާފައިވާ ފަރާތްތަކަށް ޕޮއިންޓް ލިބިފައިވާގޮތުގެ ވަގުތީ ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު، މާދަމާ އިން ފެށިގެން އޮކްޓޫބަރު މަހުގެ ހަތަރު ވަނަ ދުވަހުގެ 15:00 ގެ ނިޔަލަށް ވަނީ ހުޅުވާލައިފަ އެވެ.

ލިސްޓަށް ޝަކުވާ ހުށަހެޅޭނީ https://hcp.presidency.gov.mv/ މެދުވެރިކޮށެވެ. އަދި "ހިޔާ" މަޝްރޫއުގެ ދާއިމީ ލިސްޓް އެކުލަވާލުމުގައި އެ ޕޯޓަލް މެދުވެރިކޮށް ހުށަހެޅޭ ޝަކުވާތަކަށް ރިއާޔަތްކުރެވޭނެ ކަމަށް ކޮމިޓީން ބުންޏެވެ.

ފްލެޓް ކޮމިޓީން ބުނީ "ހިޔާ" މަޝްރޫއުގެ އެހެން ކެޓަގަރީތަކުގެ މަސައްކަތް ނިމުނުހާ އަވަހަކަށް ވަގުތީ ލިސްޓް އިއުލާނު ކުރާނެ ކަމަށެވެ.

މިހާތަނަށް އެ ކޮމިޓީން ވަނީ ޑޮކްޓަރުންނާއި ނަރުހުންނަށް ހާއްސަ (H4)، ޓީޗަރުންނަށް ހާއްސަ (H5)، މާލޭ ރަށްވެހިންނަށް ހާއްސަ (H8) އަދި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކާއި އާއިލާތަކަށް ހާއްސަ (H10) ކެޓަގަރީގެ ފްލެޓާ ގުޅޭ ވަގުތީ ލިސްޓުވެސް އާންމުކޮށްފައެވެ.

އެ ލިސްޓުތަކަށް ޝަކުވާ ހުށަހެޅުމުގެ މުއްދަތު ބަންދުވި އިރު 3068 ޝަކުވާ ވަނީ ހުށަހަޅައިފައެވެ. އަދި އެ ޝަކުވާތަކަށް ޖަވާބުދިނުމުގެ މަސައްކަތް ކޮމިޓީން އަންނަނީ ކުރަމުންނެވެ.

ހިޔާ މަޝްރޫއުގެ ދަށުން ފްލެޓް ތަކަށް ކުރިމަތިލި ފަރާތްތަކުންގެ ތެރެއިން "ލިސްޓް 2"ގެ ނަމުގައި ހަތަރު ކެޓަގަރީއަކުން 2،500 ފްލެޓް ވަނީ 2018 ވަނަ އަހަރުގައި އެވޯޑުކޮށްފަ އެވެ.

އަދި އެއް ކޮޓަރި ކެޓަގަރީތަކަށް ކުރިމަތިލި ފަރާތްތަކުގެ ތެރެއިން ޝަރުތު ހަމަވާ ފަރާތްތަކަށް ފްލެޓް ލިބިފައިވާ ލިސްޓް ވަނީ މީގެކުރީން އާންމުކޮށްފަ އެވެ.

comment ކޮމެންޓް