ކަޅުބިލަމަހާއި ކަންނެލި ގަނެވޭނެ އަގަށް ބަދަލު ގެނެސްފި

މާޗް 22، 2020: މަސްމާރުކޭޓު ސަރަހައްދުގައި ދޯނިން މަސް ބޭލުމުގައި -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ދޮށީގެ މަސްވެރިކަމުގައި ބަނާ ކަޅުބިލަމަސް ގަނެވޭނެ އެންމެ ދަށް އަގު މުރާޖައާކޮށްފިއެވެ.

ފިޝަރީޒް މިނިސްޓްރީ އިން ބުނީ 1.3 ކިލޯ އަދި އެއަށްވުރެ ބަރު ކަލުބިލަމަހާއި ރީނދޫ އުރަހަ ކަންނެލި ގަނެވޭނެ އެންމެ ދަށް އަގަކީ 13 ރުފިޔާ ކަމަށާއި 1.5 ކިލޯ އިން ދަށުގެ ކަޅުބިލަމަހާއި ރީނދޫއުރަހަ ކަންނެލި ގަނެވޭނެ އެންމެ ދަށް އަގަކީ 5.15 ރުފިޔާ ކަމަށެވެ.

މިނިސްޓްރީގެ އިއުލާނުގައި ބުނީ ކަޅުބިލަމަހުގެ ސިނާއަތް ތަރައްގީކޮށް ކުރިއެރުވުމުގެ ގޮތުން މަސްވެރިންގެ އަތުން މަސްގަނެ، ޕްރޮސެސްކޮށް އެކްސްޕޯޓު ކުރުމަށް އެ މިނިސްޓްރީއާއެކު ސޮއިކޮށްފައިވާ ކުންފުނިތަކާއި އެ މަސްވެރިކަމުގައި ބާނާ މަސްގަތުމުގެ ހުއްދަ ދީފައިވާ ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކުން މި މަހުގެ 24 ވަނަ ދުވަހުންް ފެށިގެން މި ފްލޯ ޕްރައިޒިން ސިޔާސަތާ އެއްގޮތަށް މަސް ގަތުމަށް އެދޭކަމަށެވެ.

އެ އިއުލާނުގައި ބުނީ މި ސިޔާސަތަކީ ފުޅާދާއިރާއެއްގައި އެކްސްޕޯޓުކުރުމަށް މަސް ގަންނަ ފަރާތްތަކަށް ހިންގާ ސިޔާސަތެއް ކަމަށާއި މަސްކައްކާ ހިއްކާ ފަރާތްތަކުން އަދި މި ނޫންވެެސް ކަޅުބިލަމަހުގެ ދޮށީގެ މަސްވެރިކަމުގައި ބާނާ މަސް ގަންނަ އެހެން ފަރާތްތަކުން މި ފްލޯޕްރައިޒިން އަށް އަމަލު ކުރަން ނުޖެހޭނެ ކަމަށެވެ.

މަސްވެރިން އަދި މަސްގަންނަ ފަރާތްތަކުގެ އާމްދަނީ އާއި ހަރަދުގެ މައްޗަށް ރިއާޔަތްކޮށް އެންމެ ފަހުން ފްލޯ ޕްރައިޒިން މުރާޖައާ ކޮށްފައިވަނީ 2010 ވަނަ އަހަރުގެ މެއި މަހުއެވެ.

ހަތް އަހަރު ވަންދެން ވަކި އަގެއް ކަނޑައަޅައިގެން މަސްވެރިން އަތުން މަސް ގަތުމަށްފަހު ސަރުކާރުގެ މަސްކުންފުނި މިފްކޯ އިން މިއަދު ވަނީ ވަކި އަގެއްގައި މަސްގަތުން ހުއްޓާލަން ނިންމައި އެކަން އިއުލާނުކޮށްފައެވެ.

comment ކޮމެންޓް