މިފްކޯއިން ވަކި އަގެއްގައި މަސް ގަތުން ދޫކޮށްލަނީ

މާޗް 22، 2020: މަސްމާރުކޭޓު ސަރަހައްދުގައި ދޯނިން މަސް ބޭލުމުގައި -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ވަކި އަގެއް ކަނޑައަޅައިގެން މަސް ގަތުން ދޫކޮށްލަން މިފްކޯއިން ނިންމައިފި އެވެ.

މިފްކޯއިން މިގޮތަށް ނިންމީ ހަތް އަހަރު ވަންދެން ވަކި އަގެއް ކަނޑައަޅައިގެން މަސްވެރިން އަތުން މަސް ގަތުމަށްފަހުގަ އެވެ. އެގޮތުން އެ މުއްދަތުގައި މިފްކޯއިން މަސް ކިލޯއެއް ގަނެފައިވަނީ 20 ރުފިޔާގެ މަގުންނެވެ.

މިފްކޯގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެކުންފުނީގެ މެނޭޖިން ޑިރެކްޓަރު އިސްމާއިލް ފައުޒީ ވިދާޅުވީ އަލަށް މި ގެންނަ ބަދަލާއެކު މިފްކޯގެ ކޭޝްފްލޯ މެނޭޖު ކުރަން ފަސޭހަތަކެއް ލިބިގެންދާނެ ކަމަށެވެ.

"މިފްކޯ ފާއިތުވެދިޔަ ހަތް ވަރަކަށް އަހަރު މި ދިޔައީ މަހުގެ އަގު ފިކްސް ކޮށްގެން. މާނައަކީ ބާޒާރުގައި މަހުގެ އަގާ އެއްކޮށެއް ނޫނޭ މި ދެވުނީ. މިފްކޯއަށް ވެސް ވަރަށް ދަތި. ބާޒާރުގައި އެ އިރެއްގައި މަހުގެ އަގު ހުންނަ ގޮތަށް ބަލާނަމަ މިފްކޯއަށް ކޭޝްފްލޯ ވެސް މެނޭޖު ކުރެވޭނެ. ފައިސާ ނުދެވި ދަތިތަކެއް ދިމާވީ ވެސް އެމަގުން އަޅުގަނޑުމެންނަށް ދެވުނީމަ. އެހެންވީމަ ކުރިއަށް އޮތް ތަނުގައި އަޅުގަނޑުމެން މި ބަދަލުކުރަނީ ފްލޯޓިން ޕްރައިސިން މެކޭނިޒަމް އަކަށް. އެހެންވީމަ އޭރުގަ ބާޒާރުގަ އޮންނަ އަގަކަށް ކުރިއަށް ދާނީ." ފައުޒީ ވިދާޅުވި އެވެ.

މިފްކޯގެ މެނޭޖިން ޑިރެކްޓަރު އިސްމާއިލް ފައުޒީ-- ސަން ފޮޓޯ/ ފަޔާޒު މޫސާ

ދުނިޔޭގެ ބާޒާރުގައި މަހުގެ އަގު ހުންނަ ވަރަކަށް ބަލައިގެން މިފްކޯއިން މަސް ގަންނަން ފަށާނީ މި މަހުގެ 24ވާ ބުރާސްފަތި ދުވަހުގަ އެވެ. މިފްކޯއިން ބުނީ މި ބަދަލާއެކު ދުނިޔޭގެ ބާޒާރުގައި މަހުގެ އަގު އުފުލިގެންދާއިރު، އެކަމުގެ ފައިސާ ސީދާ މަސްވެރިންނަށް ލިބިގެންދާނެ ކަމަށެވެ.

މި އައު އުސޫލުގެ ދަށުން މިފްކޯއިން މަސް ގަންނާނެ އަގުތައް ކޮންމެ ދުވަހަކު ވެސް މިފްކޯގެ ވެބްސައިޓުގައި ޝާއިއުކުރާނެ އެވެ. އަދި މި ބަދަލަށް އަމަލުކުރަން ފެށުމުން މަސްކިރުވާ ދުވަހުން ފެށިގެން ގިނަވެގެން ހަތް ދުވަހުގެ ތެރޭގައި މަސްވެރިންނަށް ފައިސާ ދޫކުރާނެކަމުގެ ޔަގީންކަން ވެސް މިފްކޯއިން ވަނީ މަސްވެރިންނަށް ދީފަ އެވެ.

comment ކޮމެންޓް