އެކުވެރި ގައުމުތަކުން ރާއްޖެއަށް ދޮރު ބަންދު ނުކުރާނެކަން ދައްކައިދީފި: ޝާހިދު

ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު -- ފޮޓޯ: ފޮރިން މިނިސްޓްރީ

މުޅި ދުނިޔެ ބަންދު ކުރިނަމަވެސް، ރާއްޖޭގެ އެކުވެރި ގައުމުތަކުން، އެގައުމުތަކުގެ ދޮރުތައް ރާއްޖެއަށް ބަންދު ނުކުރާނެކަން ދައްކައިދީފި ކަމަށް ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.

އިންޑިއާ އިން ރާއްޖެއަށް ބަޖެޓު ސަޕޯޓުގެ ގޮތުގައި ދޭ 250 މިލިއަން ޑޮލަރު ހަވާލުކުުރުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މިނިސްޓަރު ޝާހިދު ވިދާޅުވީ ކޮވިޑް19ގެ މި ދަތިހާލުގައިވެސް ރާއްޖޭގެ އެކުވެރި ގައުމުރަކުން މިސާލު ދައްކާފައިވާ ކަމަށެވެ.

"މުޅި ދުނިޔެ ބަންދުކުރިއަސް، އެ ގައުމުތަކުން ރާއްޖެއަށް ހުޅުވާލާފައިވާ ދޮރުތައް ބަންދުނުކުރާނެކަން ދައްކުވައިފި. ދިވެހިންނަށް ހިތްތައް ބަންދު ނުވާކަން އަންގައިދީފި. އަދި އިންޑިއާއަކީ މި މިސާލު ދައްކައިދިން، އަބަދުވެސް އަޅުގަނޑުމެންގެ އެންމެ ގާތް، އެކުވެރިޔާ،" މިނިސްޓަރު ވިދާޅުވިއެވެ.

މިއީ އިންޑިއާ އަށްވެސް ދަތި ދަނޑިވަޅެއް ކަމަށާއި ނަމަވެސް އިންޑިއާ އިން މި ހާލަތުގައިވެސް އިންޑިއާ-ރާއްޖެ އެކުވެރިކަމަށް އެގައުމުން ދޭ އަހަންމިއްޔަތު ދައްކަމުންދާ ކަމަށް މިނިސްޓަރު ޝާހިދު ވިދާޅުވިއެވެ.

"ކޮވިޑް19ގެެ ވައިރަސް ދަސްކޮށްދިން އެއް ފިލާވަޅަކީ ގުޅިގެން މަސައްކަތް ކުުރމުގެ މުހިއްމުކަން، މުޅި ދުނިޔެއަށްވެސް ދަތިކަން އައި މިހާލަތުގައި ހުރިހާ ގައުމަކުންވެސް އެކުގައި މަސައްކަތް ކުރުމުގެ މުހިއްމުކަން،" މިނިސްޓަރު ވިދާޅުވިއެވެ.

"މީގެ އެއް މިސާލަކީ އިންޑިއާ. އިންޑިއާ އިން މުޅި ދުނިޔެއަށް މިސާލު ދައްކައިދީފި. އިންޑިއާ އިން ދޭ 250 މިލިއަން ޑޮލަރުގެ ލޯނަކީ ސަރުކާރުގެ ރެވެނިއު ގެޕް ފޫބައްދައި، ފައިނޭންޝަލް ރިކުއަމެންޓްސް ފުރިހަމަ ކުރުމަށް މުހިއްމު އެހީއެއް،" މިނިސްޓަރު ޝާހިދު ވިދާޅުވިއެވެ.

އިންޑިއާ އިން ރާއްޖެއަށް ބޮޑެތި އެހީތައް ދެމުންދާކަން ފާހަގަ ކުރައްވާ މިނިސްޓަރު ޝާހިދު ވިދާޅުވީ ފުރަތަމަ ކޮވިޑް19 ވައިރަސް ފެނުނު ވީހާން ސިޓީގައި ތިބި ދިވެހިން އެ ސިޓީ އިން ނެރުމުން ފެށިގެން ރާއްޖެއަށް މެޑިކަލް ޕްރޮފެޝަނަލުން ފޮނުވުމާއި، ބޭހާއި އެނޫންވެސް ކާބޯތަކެތި ފޯރުކޮށްދިނުމުގެ އިތުރުން ކުއްލި ސިއްހީ ފަރުވާ އަށް ބޭނުންވެފައި ތިބި ކްރިޓިކަލް ބަލިމީހުން އިންޑިއާގެ ސިޓީތަކަށް ބޭސް ފަރުވާ އަށް ދިޔުމުގެ ހުއްދަ އިންޑިއާ އިން ދީފައިވާ ކަމަށެވެ.

"އިންޑިއާ އަކީ ރާއްޖެއަށް ދިމާވާ ކޮންމެ ކަމެއްގައި އަބަދުވެސް އެހީތެރިވާ އެންމެ ގާތުގައި އޮންނަ ގައުމު. އިންޑިއާ އިން އެކިގަހަރު މަތިން އެކި ކާރިސާތަކާ ގުޅުވައިގެން ރާއްޖެއަށް ދީފައިވާ އެހީތެރިކަން ފާހަގަ ކުރަން. މިއަހަރުގެ ނޮވެމްބަރު މަހު ރައްޖެ އާއި އިންޑިއާގެ ޑިޕްލޮމެޓިކް ގުޅުމަށް 55 އަހަރު ވާނެ. މި ގުޅުމަކީ ރައްޔިތުންނާއި ރައްޔިތުންގެ އޮންނަ ގުޅުމެއް. މިއީ ގާތްކަމާއިި އިތުބާރުގެ ގުޅުމެއް،"

މިނިސްޓަރު ވަނީ ރާއްޖެއަށް ބޭނުންޖެހޭ ކޮންމެ ކަމެއްގައި އިންޑިއާ އިން ދެމުންދާ އެހީތެރިކަމަށް ޝުކުރު އަދާކުރައްވައިފައެވެ.

comment ކޮމެންޓް