ކޮވިޑް ޕޮޒިޓިވްކަމަށް ބުނެ މެސެޖު ކުރަނީ އެޗްޕީއޭ އަކުން ނޫން!

އެޗްއީއޯސީއިން މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ސެންޓަރުގެ ތަރުޖަމާނު ޑރ ނަޒްލާ ރަފީގު ބައިވެރިވެވަޑައިގަންނަވަނީ -- ފޮޓޯ/ އެޗްއީއޯސީ

އެއްވެސް މީހަކު ކޮވިޑް19 އަށް ޕޮޒިޓިވްވެގެން އެކަން އަންގަން ހެލްތު ޕްރޮޓެކްޝަން އެޖެންސީން މެސެޖު ނުކުރާނެ ކަމަށާއި، ޕޮޒިޓިވް ކަމަށް ބުނެ މެސެޖު ލިބިއްޖެނަމަ އެއީ ރަނގަޅު މެސެޖެއް ނޫން ކަމަށް ހެލްތު އެމަޖެންސީ އޮޕަރޭޝަން ސެންޓަރުން ބުނެފިއެވެ.

ރޭ ކުރިއަށް ދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި އެ ސެންޓަރުގެ ތަރުޖަމާނު ޑރ. ނަޒްލާ ރަފީގު ވިދާޅުވީ ބައެއް ފަރާތްތަކަށް ކޮވިޑް19 އަށް ޕޮޒިޓިވް ކަމަށް ބުނެ މެސެޖު ލިބެމުން އަންނަކަން ފާހަގަކުރެވިފައިވާ ކަމަށެވެ.

ނަމަވެސް އެއީ އެޗްޕީއޭ އިން ފޮނުވާ މެސެޖު ނޫންކަމަށް ޑރ. ނަޒްލާ ވިދާޅުވިއެވެ.

"އެއްވެސް ބޭފުޅަކު ޕޮޒިޓިވްވެގެން އެޗްޕީއޭ އަކުން މެސެޖެއް ނުކުރާނެ. އެސްއެމްއެސް އެއް ނުދާނެ ޕޮޒިޓިވްވެގެން. އެގޮތަށް މެސެޖެއް ގޮއްސިއްޔާ އެއީ ރަނގަޅު މެސެޖެއް ނޫން،" ޑރ. ނަޒްލާ ވިދާޅުވިއެވެ.

އެޗްޕީއޭއިން މެސެޖު ކުރަނީ ކޮވިޑް19 އަށް ނެގެޓިވްވިކަން އެންގުމަށެވެ. ޕޮޒިޓިވްވެއްޖެ ނަމަ އައިޖީއެމްއެޗްގެ ސީމެޓްގެ ޓީމުން އެފަރާތަކަށް ގުޅައި ޕޮޒިޓިވްކަން އަންގާނެއެވެ.

އަދި އޭގެފަހުން އެޗްއީއޯސީގެ ފަރާތުން ކޮންޓެކްޓް ޓްރޭސިންގެ ކަންތައްތައް ކުރިއަށް ގެންދިއުމަށާއި ފެސިލިޓީތަކަށް ގެންދިއުމަށް ގުޅާނެއެވެ.

"އެއްވެސް ހާލެއްގައި ޕޮޒިޓިވް އޭ ކިޔާފަ އެސްއެމްއެސް އެއް ނުދާނެ،" ޑރ. ނަޒްލާ ވިދާޅުވިއެވެ.

comment ކޮމެންޓް