އާސިފް ބުނަނީ ދޯނީގައި ހައްމާދަށް ވަޅިން ހަމަލާ ނުދޭ ކަމަށް

"ޖަރީ" ދޯނީގައި ރ. މަޑުއްވަރީ، ފެހިއަލި، އިސްމާއީލް ހައްމާދަށް ހަމަލާދީ އޭނާ ޒަހަމްކޮށްލި މައްސަލައިގައި ދައުވާ ކުރި ރ. މަޑުއްވަރީ، ބީޗްހައުސް، އިސްމާއިލް އާސިފް މިއަދުގެ އޮންލައިން އަޑުއެހުމުގައި --

މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ ފަހުކޮޅު އއ. މާޅޮސް ބޭރުގައި އޮތް "ޖަރީ" ނަމަކަށް ކިޔާ ލަނޑާ ދޯންޏެއްގައި ރ. މަޑުއްވަރީ، ފެހިއަލި، އިސްމާއިލް ހައްމާދަށް ހަމަލާދީ އޭނާ ޒަހަމްކޮށްލި މައްސަލައިގައި ދައުވާ ކުރި ރ. މަޑުއްވަރީ، ބީޗްހައުސް، އިސްމާއިލް އާސިފް މިއަދު ކްރިމިނަލް ކޯޓުގައި ދައުވާއަށް އިންކާރުކޮށްފި އެވެ.

ހައްމާދަށް ހަމަލާދިން މައްސަލައިގެ ތަހުގީގު ނިންމައި ފުލުހުން ތުހުމަތު ކުރީ، އާސިފްއާއި ހައްމާދުއާ ދެމެދު އުފެދުނު ދީނީ ހިޔާލުތަފާތުވުމެއްގެ ސަބަބުން އާސިފް ވަޅިއަކުން ހައްމާދަށް ހަމަލާދީ އޭނާގެ ހަށިގަނޑުގެ އެކި ތަންތަން ޒަހަމްކޮށްލި ކަމަށެވެ. އޭރު ދޯނީގައި އެހެން މީހަކުވެސް އުޅުނެވެ.

ހައްމާދު ނަގާ މޫދަށް އެއްލާލުމުން އޭނާ ފަތާފައި ގޮސް މާޅޮހަށް އެރީ ކަމަށް ފުލުހުން ބުންޏެވެ. ދޯނީގައި ދެން އުޅުނު މީހާއާއެކު އާސިފް މާޅޮހަށް އަރައި ހައްމާދު އަތުލަން މަސައްކަތްކުރި ކަމަށްވެސް ފުލުހުން ތުހުމަތު ކުރެ އެވެ.

ހައްމާދަށް ހަމަލާދިން މައްސަލައިގެ އިބްތިދާއީ އަޑުއެހުމެއް މިއަދު ކްރިިިމިނަލް ކޯޓުގައި ވަނީ ބާއްވައިފައެވެ. އޮންލައިންކޮށް ބޭއްވި މިއަދުގެ އަޑުއެހުމުގައި ދައުލަތުން ވަނީ ދައުވާ އިއްވައި، ހެކިތައް ހުށަހަޅައިފަ އެވެ. އާސިފް އަޑުއެހުމަށް ހާޒިރުވީ ވަކީލަކާ ނުލަ އެވެ.

ދައުލަތުން ބުނި ގޮތުގައި އާސިފްގެ މައްޗަށް، މީހަކަށް ނުރައްކާތެރި ހާނިއްކައެއް ވާ ގޮތަށް ތޫނު އެއްޗެއް ނުވަތަ ހަތިޔާރެއް ބޭނުންކޮށްގެން މާރާމާރީ ހިންގުމުގެ ދައުވާ ކުރީ، މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ 22 ވަނަ ދުވަހުގެ ރޭ "ޖަރީ" ނަމަކަށް ކިޔާ ދޯނީގައި، ކިވީ ބްރޭންޑުގެ ހަ އިންޗީގެ ވަޅިއަކުން ހައްމާދަށް ހަމަލާދީ އޭނާ ޒަހަމްކުރުމުންނެވެ.

އެ މައްސަލައިގައި ދައުލަތުން ޝަފަވީ ގިނަ ހެކިތަކެއް ހުށަހެޅި އެވެ. އޭގެ ތެރޭގައި ނުވަ ސިއްރު ހެކިވެރިއަކު ހިމެނެ އެވެ. ސިއްރު ހެކިވެރިންގެ ތެރޭގައި ދޯނީގައި ސީދާ އާސިފް ހައްމާދަށް ހަމަލާދިންކަން ސާބިތުކުރަން ހުށަހެޅި ސިއްރު ހެކިވެރިއަކުވެސް ހިމެނެ އެވެ. ދެން ތިބި ސިއްރު ހެކިވެރިންގެ ތެރޭގައި މާޅޮހުން ހައްމާދު ޒަހަމްތަކާއެކު ފެނުނު ކަމާއި، އާސިފްއާ ބައިއަތު ނުހިފުމުން "ކޮށާލާ އެއްލާލި" ކަމަށް ހައްމާދު ބުނިކަން ސާބިތު ކުރަން ހުށަހެޅި ސިއްރު ހެކިވެރިންނާއި، އާސިފްމެން ހައްމާދު ހޯދަން މާޅޮހަށް އަރައި އުޅުނުކަން ސާބިތު ކުރަން ހުށަހެޅި ސިއްރު ހެކިވެރިން ހިމެނެ އެވެ.

ދައުލަތުން ހުށަހެޅި ކިތާބީ ހެކީގެ ތެރޭގައި މުހިންމު ޑީއެންއޭ ރިޕޯޓެއް ހިމެނެ އެވެ. އެއީ ޖަރީ ދޯނިން ފެނުނު ލޭގެ ޑީއެންއޭ ޕްރޮފައިލްއާއި ހައްމާދުގެ ލެއާ ދިމާވާކަން ސާބިތުކުރަން ހުށަހަޅާފައިވާ ރިޕޯޓެކެވެ. ދޯނިން ލޭ ފެނުނީ ދޯނީގައި ހުރި 25 ލީޓަރުގެ ހަމެއްގެ ބޭރުންނާއި، ދޯނީގެ ގުމްބާއިންނާއި، ދޯނީގެ ވާތްފަރާތު ތައްޓުގަނޑުގައި ހުރި ލަކުޑި ފަތިގަނޑަކުންނާއި، ސަތަރިގަނޑަކުންނެވެ.

ދައުވާއަށް ޖަވާބުދާރީވުމަށް އެންގުމުން އާސިފް ބުނީ، އޭނާ ހައްމާދަށް ހަމަލާދިންކަން ސާބިތުވާ ހެއްކެއް ނެތް ކަމަށެވެ. އޭނާއަށް ދައުވާ އުފުލާފައި ވަނީ ބަޔަކު ބުނާ ބުނުމެއްގެ މައްޗަށް ކަމަށާއި އޭނާ ހަމަލާއެއް ދިން މަންޒަރު ފެނުނު މީހަކުވެސް ނެތް ކަމަށް އާސިފް ބުންޏެވެ. އަދި އޭނާ ކުށެއް ނުކުރާކަން ސާބިތު ކުރަން އޭނާއާއެކު ދޯނީގައި އުޅުނު އަނެއް މީހާގެ ހެކިބަސް ނަގަން ޖެހޭ ކަމަށް އާސިފް ބުންޏެވެ.

"މި ދައުވާއަށް އަޅުގަނޑަށް އިއުތިރާފެއް ނުވެވޭނެ ހަމަ. ކަނޑައެޅިގެން މިއީ އަޅުގަނޑު ނުކުރާ ކަމެއްކަން ސާފުކޮށް އެބައިން އެނގެން ހެކިބަހުންވެސް. އެއްވެސް ހެކިބަހަކުން ސާބިތުވާ ކަމެއްވެސް ނެތް،" އާސިފް ބުންޏެވެ.

ޖަރީ ދޯނީގައި ވަޅިން ހަމަލާދީ ޒަހަމްކޮށްލި ކަމަށް ބުނާ ރ. މަޑުއްވަރީ، ފެހިއަލި، އިސްމާއިލް ހައްމާދު --

އާސިފް ބުނީ، ދޯނީގައި ލޭ ހުރިކަންވެސް އެނގުނީ އޭނާއާއެކު ދޯނީގައި އުޅުނު އަނެއް މީހާ ދޯނީގެ ބޮކި ޖެއްސުމުން ކަމަށެވެ. އަދި ހައްމާދު ހޯދަން ދިޔައީ އެހެންވެ ކަމަށް ބުންޏެވެ. ހައްމާދަށް އެ ވަރުގެ ބޮޑު އަނިޔާއެއް ދިންނަމަ އޭނާ ހޯދަން ރަށު ތެރެއަށް ދާނެތޯވެސް އާސިފް ސުވާލު އުފެއްދި އެވެ.

އާސިފް އިތުރަށް ބުނީ، ހައްމާދު އެ ރޭ ހުރީ ހަމަބުއްދީގައި ނޫންކަމަށް އޭނާއަށް ފާހަގަ ކުރެވުނުކަން ފުލުހުންނަށް ކިޔައިދިފައިވާނެ ކަމަށެވެ. އެހެންވެ، ހައްމާދު އަމިއްލަ ނަފްސަށް ގެއްލުންދީފާނެ ކަމަށް ގަބޫލުކުރެވުނު ކަމަށް އޭނާ ބުންޏެވެ. ހައްމާދު ގެންގުޅުނު ވަޅިއަކުން އާސިފަށް ހަމަލާދީފާނެތީ ސަލާމަަތަށް ދޯނި ތެރޭގައި ދުވި ކަމަށްވެސް ފުލުހުންނަށް ކިޔައިދީފައިވާނެ ކަމަށް އޭނާ ބުންޏެވެ. އޭނާ ބުނި ގޮތުގައި ހައްމާދު މޫދަށް ވެއްޓުނީ ކައްސާލައިގެންނެވެ.

"އަޅުގަނޑު ބަޔާނުގައި ކިޔައިދީފައި އިންނާނެ ހާދިސާ ހިނގައިދިޔަ ގޮތް. އޭގެ ތެރޭގައި އަޅުގަނޑު ބުނެފައި ހުންނާނެ، އިސްމާއިލް ހައްމާދު ހުރީ ހަމަބުއްދިއަކު ނޫން ކަމަށް އަޅުގަނޑަށް ފާހަގަ ކުރެވުނޭ. އެހެންކަމުން، އޭނަ އަމިއްލަ ނަފްސަށް އެވަރުގެ ގެއްލުމެއް ދީފާނެ ކަމަށް އަޅުގަނޑަށް ބެލެވުނޭ. ދެން އިސްމާއިލް ހައްމާދު ގެންގުޅުނު ވަޅިއަކުން އަޅުގަނޑަށް ޒަހަމްތަކެއް ދީފާނެކަމުގެ ބިރު ހީވެގެން އަޅުގަނޑު ދޯނިތެރޭގައި ދުވި ކަމަށްވެސް އަޅުގަނޑު ބުނެފައި ހުންނާނެ،" އާސިފް އޭނާގެ ވާހަކަ ކިޔައިދިނެވެ.

"ދެން އިސްމާއިލް ހައްމާދު ކައްސާލައިގެން މޫދަށް ވެއްޓިގެން އިސްމާއިލް ހައްމާދު ކައިރީގައި އަރަން ބުނީމަވެސް އިސްމާއިލް ހައްމާދު ނާރާ މާޅޮހާ ދިމާލަށް ފަތާފައި ދިޔައީ،"

ރަށެއްގެ ފުއްޓަރު ފަރާތުގެ ރާޅު ބިންދާ ތަނެއްގެ އާނުގަނޑު މައްޗަށް ވެއްޓޭއިރު އަނިޔާތެއް ލިބިފައި ހުރުންވެސް އެއީ އެކަށީގެންވާ ކަމެއް ކަމަށް އާސިފް ބުންޏެވެ.

"އިސްމާއިލް ހައްމާދު އަތުން އިސްމާއިލް ހައްމާދަށް އެ ވަރުގެ ބޮޑު ޒަހަމްތަކެއް ލިބިފައި، މިސާލަކަށް އަދި ރަށެއްގެ ފުއްޓަރު ފަރާތުގެ ރާޅު ބިންދަމުންދާ ތަނެއްގެ އާނުގަނޑު މައްޗަށް ވެއްޓި، ފުންމާލައިގެން ދަމުން ފަތާފައި ގޮސް އަރާ އިރު އޭނައަށް އެވަރުގެ ބޮޑެތި ގެއްލުންތަކެއް ވުން އެކަށީގެންވޭ،" އާސިފް ބުންޏެވެ.

އާސިފްގެ އިންކާރު ބަލައިގަނެ، މައްސަލަ ބައްލަވާ ގާޒީ އަހުމަދު ޝަކީލު ނިންމެވީ މިއަދުގެ އަޑުއެހުން ކުރުކޮށްލުމަށެވެ. އަޑުއެހުން ނިންމާލަމުން އޭނާ ވިދާޅުވީ، މި މަހުގެ 27 ވަނަ ދުވަހު ހެކިބަސް ނެގުމުގެ އަޑުއެހުމެއް އޮންނާނެ ކަމަށެވެ.

މި މައްސަލައިގައި އަނިޔާ ލިބުނު ހައްމާދުގެ މައްޗަށްވެސް މިހާރު އެހެން މައްސަލައެއްގައި ވަނީ ދައުވާ އުފުލައިފަ އެވެ. އެއީ ކޯޓުން ބޭރުގައި ކުޑަކުއްޖަކާ "ކައިވެނި"ކޮށް އެ ކުއްޖާއާ މެދު ޖިންސީ ގޯނާ ކުރި ކަމަށް ތުހުމަތު ކުރާ މައްސަލައެކެވެ.

comment ކޮމެންޓް