އޭލެވެލް ހަދާ ސެންޓަރު ހުރި ރަށަށް ދާން އެދިއްޖެ

ދަރިވަރުންތަކެއް --- ސަން ފޮޓޯ/ އަހުމަދު ޝަރުވާން

މި އަހަރުގެ އޭލެވެލް އިމްތިހާނުގައި ބައިވެރިވާ ދަރިވަރުން، އިމްތިހާނު ހެދުމަށް ރަޖިސްޓްރީކޮށްފައިވާ ސެންޓަރު ހުރި ރަށަކަށް ދިއުމަށް ޑިޕާޓްމަންޓް އޮފް ޕަބްލިކް އެގްޒަމިނޭޝަނުން އެދިއްޖެއެވެ.

ކޮވިޑް19 އިން ރައްކާތެރިވުމަށް އަޅަމުންދާ ފިޔަވަޅުތަކާ ގުޅިގެން ސްކޫލުތައް ދިގު މުއްދަތަކަށް ބަންދު ކުރަންޖެހުމުގެ ސަބަބުން މިއަހަރުގެ މެއި/ޖޫންގައި ބޭއްވުމަށް ހަމަޖެހިފައި އޮތް އެޑެކްސެލް އޭއެސް ލެވެލް އިމްތިހާނު މިއަހަރުގެ އޮކްޓޯބަރު، ނޮވެމްބަރަށް ވަނީ ފަސްކޮށްފައެވެ.

އަދި ސްކޫލުތައް ބަންދުކޮށް އޮންލައިންކޮށް ކިޔެވުން ކުރިއަށް ގެންދަން ފެށުމާއި، އެހެނިހެން ސަބަބުތަކާ ގުޅިގެން ގިނަ ކުދިންތަކެއް ވަނީ ރަށްރަށަށް ގޮސްފައެވެ.

ޑީޕީއީއިން މިއަދު ނެރުނު އިއުލާނެއްގައި ވަނީ ކޮވިޑް-19 އާއި ގުޅިގެން އިމްތިހާނު ހަދާ ސެންޓަރު ހުރި ރަށް ނޫން އެހެން ރަށްރަށުގައި ތިބި ދަރިވަރުން، 2020 ވަނަ އަހަރުގެ އޮކްޓޫބަރު/ނޮވެމްބަރު މަހުގައި ބޭއްވުމަށް ހަމަޖެހިފައިވާ އައިއޭއެލް އެޑެކްސެލް އޭލެވެލް އިމްތިހާނު ހެދުމަށްޓަކައި، އެ ކެންޑިޑޭޓަކު އިމްތިހާނު ހަދާ ސެންޓަރު ހުރި ރަށަށް މި މަހުގެ 27 ވާ އާދީއްތަ ދުވަހުގެ ކުރިން ދިއުމަށް އިލްތިމާސް ކޮށްފައެވެ.

ކޮވިޑާ ގުޅިގެން އެންމެ ފުރަތަމަ ސްކޫލްތައް ބަންދުކުރީ މިދިޔަ މާޗް މަހުއެވެ. އޭގެ ފަހުން ޓެލެކިލާސް އަދި އޮންލައިން ކްލާސްތައް ދިޔައީ ކުރިއަށް ގެންދަމުންނެވެ.

މިދިޔަ ޖުލައި މަހު މާލޭގައި ގްރޭޑް ނުވަޔަކުން މަތީގެ ދަރިވަރުން ސްކޫލްތަކަށް ގޮސް ކިޔަވަމުން ދިޔައެވެ. އޭރު ކްލާސްތަކުގައި ކިޔަވައިދެމުން ގެންދިޔައީ ރައްކާތެރިކަމުގެ ފިޔަވަޅުތައް ވަރަށް ބޮޑަށް އަޅައިގެންނެވެ. އެގޮތުން މާސްކު އެޅުމާއި އަތް ދޮވުމާއި އަދި ގަވައިދުން ކްލާސްތައް ދިޔައީ ޑިސްއިންފެކްޓްވެސް ކުރަމުންނެވެ.

ނަމަވެސް ކޮވިޑްގެ ހާލަތު ގޯސްވުމުން އަނެއްކާވެސް އޮންލައިންކޮށް ކްލާސްތައް މިފަހުން ވަނީ ކުރިއަށް ގެންދަން ފަށައިފައެވެ. ހާލަތު ގޯސްވުމާ ގުޅިގެން ކްލާސްތަކަށް ކިޔަވަން ދާ ދަރިވަރުންގެ އަދަދުވެސް ވަރަށް ބޮޑަށް ދަށްވިއެވެ.

comment ކޮމެންޓް