ނައިޓަށް ދެވޭނެ، އެކަން ކުރަން މިނިސްޓަރުގެ ބޮޑު ޕްލޭނެއް

ފުށިފަރު ރިސޯޓުގައި ފަތުރުވެރިންނަށް ދިވެހި ސަގާފީ ހަރަކާތްތަކެއް ދައްކާލަނީ -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ރިސޯޓުތަކުގައި ވަޒީފާ އަދާކުރާ މުވައްޒަފުން ވަޒީފާ އަދާކޮށް ނިމުމުން އަނބިދަރިންނާއި އާއިލާ ކައިރިއަށް ދާން ހުރަސް ނޭޅޭ ގޮތަށް ގާނޫނަށް އިސްލާހު ގެނައުމުން ވަރަށް ގިނަ ބައެއްގެ ފާޑު ކިޔުން އަމާޒުވި އެވެ. "ނައިޓަށް"ދިޔުމުގެ ގޮތުން ބްރޭންޑުވި އެ އިސްލާހު އެއް ބަޔަކަށްވީ އަސްލެއް ނެތް ބޯދާ ސިޔާސަތަކަށެވެ. އެ ސިޔާސަތު އެއްބަޔަކަށްވީ ބޮޑު ޖޯކަކަށެވެ. "ނ. އަތޮޅުގައި މަސައްކަތް ކުރާ އައްޑޫ މީހާ ކޮންމެރެއަކު ނިދަން ރަށަށް ދާނީ ކިހިނެތް؟" ތޯ ސުވާލު ކުރި އެވެ.

ތުޅާދޫ ދާއިރާގެ މެމްބަރު ހިސާން ހުސައިން ވަޒީފާއާ ބެހޭ ގާނޫނަށް ހުށަހަޅުއްވައި، މަޖިލީހުން ފާސްކުރި އިސްލާހުގައި ވާގޮތުން ވަޒީފާ އަދާކުރާ ތަނުގައި ނުވަތަ ރަށެއްގައި ނުވަތަ ރިޒޯޓެއްގައި ވިޔަސް ވަޒީފާގެ ރަސްމީ ވަގުތު ނިމުމަށް ފަހު އެތަނުގައި މަޑުކުރަން ވަޒީފާ ދޭ ފަރާތަކަށް މުވައްޒަފުންނަކަށް ނޭނގޭނެ އެވެ.

އޭގެ މާނައަކީ ރިސޯޓްގައި ވަޒީފާ އަދާކޮށްފައި އަނބިދަރިންކައިރިއަށް ދާން ބޭނުން ނަމަ، އެ ފުރުސަތު ރިސޯޓްތަކުން ވެސް މުވައްޒަފުންނަށް ދޭންވާނެ އެވެ. އޭގެ މާނައަކީ ރޭގަނޑަށް އާއިލާތައް ކައިރިއަށް ދެވޭނެ އެވެ. އެހެން ވީމާ، އެ އިސްލާހަކީ ނައިޓަށް ދިއުމުގެ މައްސަލައަށް ގާނޫނީ ހައްލެއް ހޯދައި ދިނުމަށް ގެނެވުނު އިސްލާހެކެވެ. ދެން އޮތް ސުވާލަކީ އެއީ ޕްރެކްޓިކަލް ކަމެއް ހެއްޔެވެ؟ ހަގީގަތުގައިވެސް ނައިޓަށް ދެވޭނެތޯ ހެއްޔެވެ؟ އެ ސުވާލަށް ޖަވާބެއް ދެއްވީ ޓުއަރިޒަމް މިނިސްޓަރު ޑރ އަބްދުﷲ މައުސޫމު އެވެ.

"ނައިޓަށް ފެމިލީ ކައިރިއަށް ނައިޓަށް ރަށަށް އެ ހަމަ ޕްރެކްޓިކަލް ކޮންސެޕްޓެއް އިނގޭތޯ." ޑރ މައުސޫމު "ސަން"އަށް ވިދާޅުވި އެވެ.

އެކަމަކު ފޮތުގައި އެހެން ލިޔެފައި އޮވެގެން އެކަން ނުވާނެކަން މައުސޫމުވެސް ފާހަގަ ކުރެއްވި އެވެ. ނަމަވެސް އެއީ ވާނެ ކަމެކެވެ. އެކަން ވާނެ ގޮތުގައި ކޮންސެޕްޓެއް މައުސޫމު ވިދާޅުވެއްދެއްވި އެވެ. އޭނާ ހުންނެވީ، އެ ކޮންސެޕްޓް ހަގީގަތަކަށް ހެއްދެވުމަށް އަތުކުރި އޮޅާލައްވައިގެންނެވެ.

"ދުނިޔޭގެ އެހެން ގައުމުތަކުގައި ހަދާހެން ޖޮބާ އެއްކޮށް މީހުން މޫވް ކުރާނެ. ފެމިލީ މޫވް ކުރާނެ. އަޅުގަނޑުގެ މާސްޓާ ޕްލޭނުގައި ހިމަނަން ގަސްތުކުރަން. ރިސޯޓުތަކާއި ކައިރި ހިސާބުގައި. ރެސިޑެންޝަލް އެސްޓާބްލިޝްމެންޓްތަކެއް ރިސޯޓްތަކާ ކައިރި ރަށްރަށަށް ގެންނަން." މައުސޫމް ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި އެ ވިސްނުމުން ތަރައްގީ ކުރާ ރެސިޑެންޝިއަލް އޭރިއާ ތަކުގައި ތައުލީމާއި ސިއްހަތުގެ ރަނގަޅު ހިދުމަތްތައް ހުންނާނެ އެވެ. އެއީ އާއިލާތައް ހިތް ހަމަ ޖެހޭ ވަރު ތަންތަނަށް ވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

އެގޮތަށް އެކަން ކުރުމުން އާއިލާ މާލޭގައި ބޭއްތިއްބުމުގެ ބަދަލުގައި މަސައްކަތް ކުރާ ރިސޯޓާ ކައިރީ އޮންނަ ރަށަކަށް އާއިލާ ގެންދާނެ ކަމަށް މައުސޫމު ވިދާޅުވި އެވެ. އެ ދިރިއުޅޭ ތަން ގަނެވޭ ފެންވަރު މީހުންނަށް ގަނެވޭނެ ގޮތަށް ވެސް ސިޔާސަތު ކަނޑައެޅުމަކީ އުސޫލެއް ކަމަށް ވެސް މައުސޫމް ވިދާޅުވި އެވެ.

ސެޕްޓެމްބަރ 17، 2020: ޓުއަރިޒަމް މިނިސްޓަރ މައުސޫމް ސަން އަށް އިންޓަވިއު ދެއްވުން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

މިހާރު ފަތުރުވެރިކަމުގެ ދާއިރާ އޮތް މިންވަރުން އެކަހަލަ ރެސިޑެންޝިއަލް ތަންތަން ނެތް ނަމަވެސް ޓުއަރިޒަމް މާސްޓާ ޕްލޭނުގައި އެކަން ވަރަށް ބޮޑަށް ހިމަނައި އަމަލީ ސިފައެއް ގެންނަން މަސައްކަތް ކުރާނެ ކަމަށް މިނިސްޓަރު ވަނީ ވިދާޅުވެފަ އެވެ.

ޑރ މައުސޫމު ދެއްވާ ޔަގީން ކަމަކީ ނައިޓަށް ދެވޭނެ ކަމެވެ. އަދި ރަށް ކައިރީ ރިސޯޓުތަކުން ފުރުސަތު ހޯދައިދީގެން، ނަމަވެސް ނައިޓަށް ދެވޭނެ ގޮތް ހަދައިދޭން މައުސޫމް ހުންނެވީ ތައްޔާރަށެވެ.

މީގެ އިތުރުން ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ހުޅުވޭ ރިސޯޓްތަކުން، ކައިރި ރަށްރަށުގެ މީހުންނަށް ވަޒީފާ ދިނުމުގައި އިސްކަން ދިނުމުގެ ސިޔާސަތުވެސް ތަންފީޒު ކުރަން ވިސްނަވާ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.

comment ކޮމެންޓް