ލޯން އެއްބަސްވުމަކަށް ކުލަބު ބަދަލު ކުރަން ރިކީ ޕުޖްއަށް ކޫމަން އަންގައިފި

ބާސެލޯނާގެ މިޑްފީލްޑަރު ރިކީ ޕުޖް --- ފޮޓޯ//ލައިވްސްކޯ

ބާސެލޯނާގެ ޒުވާން މިޑްފީލްޑަރު ރިކީ ޕުޖް ލޯން އެއްބަސްވުމެއްގެ ދަށުން ކުލަބު ބަދަލުކުރަން ލަފާ ދީފައިވާނެ ކަމަށް އެކުލަބުގެ ކޯޗު ރޮނާލްޑް ކޫމަން ބުނެފި އެވެ.

ބާސެލޯނާގެ ލަ މާސިއާ އެކަޑަމީއިން ތަފާތު ދައްކާ ފުރަތަމަ ޓީމުން މިދިޔަ ސީޒަނުގައި ގަވާއިދުން ޖާގަ ހޯދަމުން އައި ޕުޖްއާ ދެމެދު ގިނަބަޔަކު އަންނަނީ ބޮޑު އުންމީދެއް ކުރަމުންނެވެ. އެ ޓީމުގެ ކުރީގެ ތަރިންކަމަށްވާ އަންދުރެސް އިނިއެސްޓާއާއި ޒަވީއާ އެއް ސްޓައިލަކަށް ކުޅޭ ޕުޖް މި ފެށޭ ސީޒަނުގައި ވެސް އެ ޓީމުގައި ހިމެނު ރަނގަޅު ކުޅުމެއް ދައްކާނެ ކަމަށް ބެލެވިފައި އޮތް ނަމަވެސް ޓީމުގެ ވާދަވެރިކަން ބޮޑުވެ، ފުރުސަތު ލިބުން ހަނިވެދާނެ ކަމަށް އެ ޓީމުގެ ކޯޗު ކޫމަން ވަނީ ބުނެފަ އެވެ.

ކޫމަން ބުނީ އުމުރުން 20 އަހަރުގެ ޕުޖް މި ސީޒަނުގައި ބާސެލޯނާގައި މަޑު ކޮށްފި ނަމަ އޭނާގެ މުސްތަގުބަލަށް ހުރަސްތަކެއް އެޅިގެންދިއުމުގެ ބިރު އެބައޮތް ކަމަށާއި، މިވަގުތު އޭނާއަށް އެންމެ ފައިދާ ހުރި ގޮތަކީ ލޯން އެއްބަސްވުމެއްގެ ދަށުން އެހެން ކުލަބަކާ ގުޅުން ކަމަށެވެ.

"20 އަހަރުގެ ކުޅުންތެރިއަކަށް އެންމެ މުހިއްމު ކަމަކީ މެޗުތައް ގިނައިން ލިބުން. ބެންޗުގައި މަޑު ކުރަން ޖެހުމަކީ ކުޅުންތެރިޔާގެ މުސްތަގުބަލަށް އެޅިގެންދާ ހުރަހެއް. ބާކީ ތިން ހަފުތާ މިއޮތީ، ވަރަށް ވާދަވެރިކަން ބޮޑު. އަހަރެން ޕުޖް ގާތު ބުނިން އޭނާއަށް ކުލަބުގައި މުސްތަގުބަލު އޮތް ވާހަކަ. އެކަމަކު މި ވަގުތު ލޯންއަށް ކުލަބު ދޫކޮށްލުން އެންްމެ ފައިދާ ބޮޑު ގޮތަކީ،" ކޫމަން ބުންޏެވެ.

ކޫމަންގެ ކޯޗުކަމުގައި ބާސެލޯނާއިން މިހާތަނަށް ކުޅުނު ތިން އެކުވެރިކަމުގެ މެޗުން ވެސް މޮޅުވެފައިވާ އިރު، އެންމެ ފަހުން ކުޅުނު ޖޯން ގޭމްޕާ ޓްރޮފީ މެޗުގައި ލޯން އެއްބަސްވުމެއްގެ ދަށުން ކުރީ ސީޒަނުގައި ބަޔާން މިއުނިކަށް ކުޅުނު ފިލިޕޭ ކުޓީނިއޯއާއި އެންޓޮއިން ގްރީޒްމަން ވަނީ ފުރަތަމަ އެގާރައިގައި ހިމެނިފަ އެވެ. އަދި އެ ދެ ކުޅުންތެރިންނަށް މި ސީޒަނުގައި ފުރުސަތު ބޮޑު ކަމަށް ކޫމަން ބުނެފައިވާ އިރު، ބާސެލޯނާގެ ސްކޮޑަށް ބަދަލުތަކެއް ގެންނާނެ ކަން އޭނާ ވަނީ ފާހަގަ ކޮށްފަ އެވެ.

ސްޕެނިޝް ލީގުގެ ކުޅުން މިހާރު ފަށާފައިވާ އިރު، ބާސެލޯނާއިން ލީގުގެ ފުރަތަމަ މެޗުގައި ބައްދަލު ކުރާނީ ވިޔަރެއާލްއާ ދެކޮޅަށެވެ. އެ މެޗު ކުޅޭނީ މި މަހު 27 ވަނަ ދުވަހު އެވެ.

comment ކޮމެންޓް