ހޯނޑެއްދޫން ކޮވިޑް ޖެހުނު 23 މީހަކު ރަނގަޅުވެއްޖެ

ފޮޓޯ/ ގދ. ހޯނޑެއްދޫ ހެލްތު ސެންޓަރު

ގދ. ހޯނޑެއްދޫން މިހާތަނަށް ކޮވިޑް19އަށް ޕޮޒިޓިވްވި 44 މީހުންގެ ތެރެއިން 23 މީހަކު ރަނގަޅުވެފައިވާ ކަމަށް އެރަށު ސިއްހީ މަރުކަޒުން ބުނެފި އެވެ.

ހޯނޑެއްދޫން ނެގި ސާމްޕަލްއެއް އެންމެ ފަހުން ޕޮޒިޓިވްވީ މި މަހުގެ 17 ވަނަ ދުވަހު އެވެ. އެ ދުވަހު ދެ މީހަކު ވަނީ ކޮވިޑަށް ޕޮޒިޓިވްވެފަ އެވެ.

އެރަށު ސިއްހީ މަރުކަޒުން ރޭ ބުނީ، ރޭގެ 10:00 އާ ހަމައަށް އެރަށުން ބަލި ޖެހުނު 23 މީހަކު މުޅިން ރަނގަޅުވެފައިވާ ކަމަށެވެ.

އެއާ އެކު އެ ރަށުގައި މިވަގުތު އެކްޓިވް ކޭސްގެ ގޮތުގައި ތިބީ 19 މީހެކެވެ. އެ ރަށުން ބަލި ޖެހުނު ދެ މީހަކަށް ފަރުވާދެމުން އަންނަނީ ގއ. ކޮވިޑް ފެސިލިޓީގަ އެވެ.

ކޮވިޑް19 އާ ގުޅިގެން އެރަށުގެ 15 ގެއެއް ހުރީ މޮނިޓަރިން އަށް ލައިފަ އެވެ.

އެ ރަށުން މިހާތަނަށް 358 ސާމްޕަލް ނަގާފައިވާ އިރު، ޕޮޒިޓިވްވީ 44 ސާމްޕަލް އެކެވެ. އަދި 302 ސާމްޕަލް ނެގެޓިވްވެފައިވާ އިރު، 12 ސާމްޕަލްގެ ނަތީޖާ އަދި ނުލިބެ އެވެ.

ހޯނޑެއްދޫއިން އެންމެ ފުރަތަމަ ޕޮޒިޓިވް ކޭސްތައް ފެނިިފައި ވަނީ މި މަހުގެ ތިން ވަނަ ދުވަހު އެވެ. އެ ދުވަހު ޕޮޒިޓިވްވެފައި ވަނީ ކަރަންޓީނުގައި ތިބި ހަތަރު މީހެކެވެ. އަދި ހަމަ އެ ދުވަހު އެމީހުންނާ ލިންކެއް ނެތް ދެ މީހެއްގެ ގައިން އަލާމާތްތައް ފެނިގެން އިތުރު ދެ މީހެއްގެ ގައިން ނެގުނު ސާމްޕަލްތައް ވަނީ ޕޮޒިޓިވްވެފަ އެވެ. އެ މީހުންނާ ބައްދަލުވި މީހުންގެ ފަރާތުން ރަށުގެ އެހެން މީހުންނަށް ވަނީ ބަލި ޖެހިފަ އެވެ.

އެޗްޕީއޭ އިން އަދި ވެސް އަންނަނީ، އެ ރަށަށް ބަލި ފެތުރުނު ގޮތް ތަހުގީގު ކުރަމުންނެވެ. އެރަށު ކަރަންޓީންގައި ތިބި މީހުން ބައެއް މީހުންނާ ބައްދަލު ކުރި ކަމަށް ވާހަކަ ދެކެވެ އެވެ. އެހެން ނަމަވެސް މިހާތަނަށް އައި އިރު އެ ވާހަކަތަކަކީ ސައްހަ މައުލޫމަތުތަކެއްކަން ކަށަވަރު ނުވާ ކަމަށް އެޗްޕީއޭ އިން ވަނީ ބުނެފަ އެވެ.

comment ކޮމެންޓް