އީރާނާ ދެކޮޅަށް ހަރުކަށި ފިޔަވަޅުތައް އަޅަން އެމެރިކާއިން ގައުމުތަކަށް މަޖުބޫރުކުރަނީ

އެމެރިކާގެ ޚާރިޖީ ވަޒީރު މައިކް ޕޮމްޕެއޯ

ވޮޝިންޓަން (ސެޕްޓެމްބަރު 20) : ނިއުކްލިޔާ މައްސަލާގައި އދ. ން އީރާނާ ދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތައް އަލުން އިއާދަކުރުމަށް އދ. ގެ ސަލާމަތީ މަޖިލީހުގައި އެމެރިކާކުރި މަސައްކަތް ނާކާމިޔާބުވެ އދ. ގެ މަހްފަލްތަކުގައި އެމެރިކާ އެކަހެރިވުމުން އެމެރިކާ އަމިއްލައަށް އެފިޔަވަޅުތައް އީރާނާދެކޮޅަށް އަލުން އެޅިކަން އިޢުލާނުކޮށް އެފިޔަވަޅުތަށް ތަންފީޒުކުރަން ފަށައިފިއެވެ.

އެމެރިކާގެ ޚާރިޖީ ވަޒީރު މައިކް ޕޮމްޕެއޯ ވިދާޅުވީ އީރާނާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅުތައް އަލުން އެޅުމަށް ސަލާމަތީ މަޖިލީހުގެ އެއްބާރުލުން އެމެރިކާއަށް ނުލިބުނު ނަމަވެސް އެފިޔަވަޅުތައް އީރާނާ ދެކޮޅަށް އަލުން އަޅައި ތަންފީޒުކުރަން އެމެރިކާ ފަށައިފި ކަމަށާ އެމެރިކާ އެކޭ އެއްގޮތަށް އީރާނާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅުތައް ތަންފީޒުކުރަން އދ. ގެ މެންބަރު ގައުމުތަކަށްވެސް ޖެހޭނެކަމުގައެވެ. މިކަން އދ. ގެ މެންބަރު ހުރިހާ ގައުމަކަށް އެމެރިކާއިން އަންގާނެކަމަށާ އަދި އެމެރިކާ އަންގާގޮތަށް އީރާނާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅުތައް ތަންފީޒުނުކުރާ ގައުމުތަކަށް ބިރުވެރި ނަތީޖާތަކަކާ ކުރިމަތިލާން ޖެހޭނެކަމަށްވެސް ޕޮމްޕެއޯ ވިދާޅުވިއެވެ.

އެމެރިކާގެ މި އިންޒާރަށް ރައްދު ދެމުން ޔޫރަޕްގެ ބޮޑު ތިންބާރުކަމަށްވާ އިނގިރޭސިވިލާތާއި ފަރަންސޭސިވިލާތާ އަދި ޖަރުމަނުންވަނީ އެމެރިކާ އުޅެނީ އދ. ގެ ޗާޓަރާއި ބައިނަލްއަގްވާމީ ގާނޫނުން ބޭރުގައި ކަމަށާ އެނބުރި އދ. ގެ ޗާޓަރަށް ރުޖޫއަވެ އދ. ގެ ނިންމުންތަކާއި ބައިނަލްއަގްވާމީ ގާނޫނުތަކަށް ބޯލެނބުމަށް އެމެރިކާއަށް ގޮވާލާ ކަމުގައެވެ. އދ. ގެ ޗާޓަރުން ބޭރުން ދުނިޔޭގެ ކަންކަން ނިންމައި ބައިނަލްއަގްވާމީ އިޖްމާޢުން ބޭރުވެއްޖެނަމަ ޖަންގަލިގެ އުސޫލަށް އަނެއްކާވެސް ދުނިޔެ ހިނގައިދާނެކަމުގެ ބިރު އެބައޮތްކަމަށް އިނގިރޭސިވިލާތާއި ފަރަންސޭސިވިލާތާ އަދި ޖަރުމަނުން ނެރުނު ބަޔާނެއް ބުނެއެވެ.

އެމެރިކާގެ ކަނޑުގެ ބާރުތައް އީރާނުގެ ކައިރީ ހިސާބެއްގައި ހަރަކާތްތެރިވަނީ

އީރާނުގެ ނިއުކްލިޔާ މައްސަލަ ހައްލުކުރުމަށް 2015 ވަނަ އަހަރު އެމެރިކާވެސް ހިމެނޭގޮތަށް އިނގިރޭސިވިލާތާއި ފަރަންސޭސިވިލާތާ ޖަރުމަނާއި ރަޝިއާ އަދި ޗައިނާ އިން އީރާނާ ސޮއިކުރި އެއްބަސްވުމަށްފަހު އދ. ގެ ސަލާމަތީ މަޖިލީހުންވަނީ އީރާނާ ދެކޮޅަށް އދ. ން އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތައް އުވާލާފައެވެ. ނަމަވެސް މި އެއްބަސްވުމަށް އީރާން އަމަލުކުރުން ހުއްޓާލައިފިނަމަ އަލުން އީރާނާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅުތައް އެޅުމުގެ ގަރާރެއް އދ. ގެ ސަލާމަތީ މަޖީލީހަށް ފާސްކުރެވިދާނެކަމަށް އެ އެއްބަސްވުން ބުނެއެވެ.

ޓްރަމްޕްގެ ވެރިކަމުގައި 2017 ވަނަ އަހަރު އެމެރިކާވަނީ އީރާނުގެ ނިއުކްލިޔާ އެއްބަސްވުމުން އެކަހެރިގޮތެއްގައި އަމިއްލައަށް ވަކިވެފައެވެ. ނަމަވެސް ދުނިޔޭގެ އެނެއް ފަސްބާރުން މިހާރުވެސް އީރާނާއެކު އެ އެއްބަސްވުން ކުރިޔަށް އެބަގެންދެއެވެ. އެމެރިކާ މީގެ އެއްމަސް ކުރިންވަނީ އީރާނުން ނިއުކްލިޔާ އެއްބަސްވުމަށް އަމަލު ނުކުރާކަމަށް ބުނެ ސަލާމަތީ މަޖިލިސް މެދުވެރިކޮށް އީރާނާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅުތައް އަލުން އެޅުމަށް ގިނަ މަސައްކަތްތަކެއް ކޮށްފައެވެ. ނަމަވެސް އެމެރިކާގެ މަސައްކަތްތަކުން އީރާނާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅުތައް އެޅުމަށް ސަލާމަތީ މަޖިލީހުގެ 15 މެންބަރުންގެ ތެރެއިން ތާއީދުކުރީ އެންމެ ގައުމެކެވެ. އެއީ އެމެރިކާގެ ބަނޑުދަށުގައި އޮންނަ ކުޑަ ގައުމެއް ކަމަށްވާ ޑޮމިނިކަން ރިޕަބްލިކް އެވެ.

އެހެންކަމުން އެމެރިކާވަނީ މިމައްސަލާގައި ސަލާމަތީ މަޖިލީހުގައި މުޅިން ފޭލްވެފައެވެ. މި އެއްބަސްވުމުގައި ބައިވެރިވާ އިނގިރޭސިވިލާތާއި ފަރަންސޭސިވިލާތާ ޖަރުމަނުން ބުނަނީ އެމެރިކާއަކީ މިހާރު އީރާނުގެ ނިއުކްލިޔާ އެއްބަސްވުމުގައި ހިމެނޭ ގައުމެއް ނޫންކަމަށާ އެހެންކަމުން އެއެއްބަސްވުމާ އީރާން ޚިލާފުވިކަން ނުވަތަ ނޫންކަން އެމެރިކާއަށް ކަނޑަނޭޅޭނެ ކަމުގައެވެ. އަދި އެމައްސަލަ އެމެރިކާއިން ސަލާމަތީ މަޖިލީހަށް ހުށަހެޅުމުވެސް އެކަމަށް އެންމެ ގައުމަކުން ނޫނީ ތާއީދުކޮށްފައިނުވާތީ ސަލާމަތީ މަޖިލީހުން ފޭލްވި ކަމެއް އެއީ އދ. ގެ ކަމެއްކަމަށްބުނެ އެކަން ތަންފީޒުކުރަން އެމެރިކާއަށް ދުނިޔޭގެ ގައުމުތަކަށް ނޭންގޭނެ ކަމުގައެވެ. އަދި އެމެރިކާގެ މިފަދަ ކޮންމެ އެންގުމަކީ ބާތިލް އެންގުމެއްކަމަށްވެސް އިނގިރޭސިވިލާތާއި ފަރަންސޭސިވިލާތާ ޖަރުމަނުން ބުނެއެވެ.

އީރާނުގެ ޚާރިޖީ ވަޒީރު ޒަރީފް

ޗައިނާއާއި ރަޝިއާއިން ވަނީ އދ. ގެ ނިޒާމު ހަލާކުކޮށް ދުނިޔޭގައި ހަމަނުޖެހުން އުފެއްދުމަށް އެމެރިކާ ކުރާ މަސައްކަތްތައް ހުއްޓާލުމަށް ގޮވާލާފައެވެ. އަދި އީރާނުގެ ނިއުކްލިޔާ އެއްބަސްވުމުން އެމެރިކާ އެކަހެރިގޮތެއްގައި ވަކިވެފައި ވީނަމަވެސް އެއެއްބަސްވުން ދަމަހައްޓައި އެ އެއްބަސްވުން ތަންފީޒުކުރުން މަތީގައި ޔޫރަޕްގެ ބޮޑު ތިންބާރާއެކު ދެމިތިބޭނެ ކަމަށް ރަޝިއާއާއި ޗައިނާއިން ބުނެއެވެ.

އދ. ގެ ޗާޓާރުން ބޭރުގައި އެމެރިކާ އަޅަންފެށި މިފިޔަވަޅާ ގުޅިގެން އީރާނުގެ ޚާރިޖީ ވަޒީރު މުޙައްމަދު ޖަވާދު ޒަރީފު ވިދާޅުވީ އެމެރިކާއިން އެކަނި އަޅާ ދަތިކުރުމުގެ ފިޔަވަޅުތަކަކުން އީރާނަށް މާބޮޑު އަސަރެއް ނުކުރާނެ ކަމަށާ އެމެރިކާ ޖެހޭނީ އަލުން އެނބުރި އދ. ގެ ޗާޓަރުގެ ތެރެއަށް ވަންނަން ކަމުގައެވެ. ބާރުގެ ބޭނުން ކޮށްގެންނާއި ބިރު ދައްކައިގެން ކަންކަން ކުރެވޭ ޒަމާން މާޒީވެއްޖެ ކަމަށާ އެމެރިކާ އަދިވެސް އުޅެނީ އިސްތިއުމާރީ ދުވަސްވަރުގެ ބޯދާ ފިކުރުން ސަލާމަތް ނުވެވިގެން ކަމަށް ޒަރީފް ވިދާޅުވިއެވެ.

މީގެއިތުރުން ޒަރީފް ވަނީ އީރާނުން ޗައިނާއާއި ރަޝިޔާއިން ހަތިޔާރު ގަތުން އެމެރިކާއަށް ނުހުއްޓުވޭނެ ކަމަށާ އެމެރިކާ އުޅެނީ ޚިޔާލީ ދުނިޔެއެއްގައި ކަމަށް ވިދާޅުވެފައެވެ. އެމެރިކާވަނީ އީރާނަށް ބިރު ދެއްކުމަށްޓަކައި ގަލްފުގެ ސަރަހައްދަށް ހަނގުރާމަމަތީ މަނަވަރުތަށްވެސް ޖަމާކުރަން ފަށާފައެވެ. (ނޫސްއެޖެންސީތައް)

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު