ޓިކްޓޮކްގެ ބަދަލުގައި ބޭނުންކުރާނެ އެޕްތަކަށް އެމެރިކާ ތައްޔާރުވަނީ

މަޝްހޫރު ސޯޝަލް މީޑިއާ ޕްލެޓްފޯމް "ޓިކްޓޮކް" އެމެރިކާގައި ބޭނުންކުރުން މަނާކުރުމާ ދިމާލަށް މިސްރާބު ޖަހާފައި ހުރުމުން އެ ޕްލެޓްފޯމުގެ ބަދަލުގައި ބޭނުންކުރާނެ އެހެނިހެން އެޕްތަކެއް ހޯދައި ބޭނުންކުރުމަށް އެގައުމުން ތައްޔާރުވާން ފަށައިފި އެވެ.

ދުނިޔޭގެ އެކި ކަންކޮޅުތަކުން ބޮޑު މަގުބޫލުކަމެއް ހޯދަމުންދާ ޓިކްޓޮކްއަކީ އަކީ ޗައިނާގެ ސޯޝަލް ނެޓްވޯކިންގް ސާވިސްއެކެވެ. ޓިކްޓޮކް މެދުވެރިކޮށް އެމެރިކާގެ އާންމުންގެ ޒާތީ މައުލޫމާތުތައް ޗައިނާއިން ހޯދައި އެ މައުލޫމާތު ބޭނުންކުރާ ކަމުގެ ވާހަކަތައް ވަނީ ފެތުރިފައެވެ. އެކަމާ ގުޅިގެން އެމެރިކާގެ ރައީސް ޑޯނަލްޑް ޓްރަމްޕް ވަނީ އެގައުމުގައި ޓިކްޓޮކް ބޭނުންކުރުން މަނާކުރާނެ ކަމަށް ވިދާޅުވެފައެވެ.

ޓިކްޓޮކް އެމެރިކާގައި ބޭނުންކުރެވޭނެ ގޮތެއް ހޯދުމަށް މަޝްވަރާތައް ކުރިއަށްދާއިރު މިހާރު ދަނީ އޭގެ ބަދަލުގައި ބޭނުންކުރަން ފެށިދާނެ އެޕްލިކޭޝަންތައް ހޯދަން ފަށާފައެވެ. އެގޮތުން ދާދި ފަހުން ވަނީ "ޓްރިލާ"ގެ ނަމުގައި އެމެރިކާއިން އެޕްލިކޭޝަނެއް ނެރެފައެވެ.

ޓްރިލާއަކީ ޓިކްޓޮކް ފަދައިން ވީޑިއޯ ޝެއަރިން އެޕްލިކޭޝަނެކެވެ. ޓިކްޓޮކްގެ އެންމެ މަގުބޫލު ކޮންޓެންޓް ކްރިއޭޓަރުންގެ ތެރޭގައި ހިމެނޭ ޗާލީ ޑިއެމީލިއޯވެސް ވަނީ ދާދި ފަހުން ޓްރިލާގައި އެކައުންޓެއް ހުޅުވާފައެވެ.

ޓްރިލާގެ އިތުރުން "ބައިޓް" ނަމުގައި ދާދި ފަހުން ވަނީ ޕްލެޓްފޯމެއް ތައާރަފުކޮށްފައެވެ. އެމެރިކާގައި ޓިކްޓޮކް ބޭނުން ކުރުން މަނާކޮށްފާނެތީ ބައިޓް އަށް ލިބޭ މަގުބޫލުކަންވެސް ދަނީ އިތުރުވަމުންނެވެ.

އިންސްޓަގްރާމް އާއި ސްނެޕްޗެޓް އިންވެސް ދަނީ މިހާރު ޓިކްޓޮކްއިން ބޭނުންކުރާ ފަދަ ހިދުމަތްތައް އެ ޕްލެޓްފޯމަށް ތައާރަފުކުރަމުންނެވެ. އެގޮތުން ލަވައަށް ލިޕްސިންކް ކުރުން ފަދަ ހިދުމަތްތައް ދަނީ ސްނެޕްޗެޓްއާއި އިންސްޓަގްރާމްއަށް ތައާރަފުކުރަމުންނެވެ.

comment ކޮމެންޓް