އިސްލާހީ ބަދަލުތައް ގެންނަން ގޮވާލައި ތައިލެންޑްގައި މުޒާހަރާތައް ކުރިއަށް

ތައިލެންޑްގައި ކުރިއަށްދާ މުޒާހަރާތަކުގެ ތެރެއިން--

އިސްލާހީ ބަދަލުތައް ގެނައުމަށް ގޮވާލައި ތައިލެންޑްގައި ފަށައިފައިވާ މުޒާހަރާތައް ހުއްޓުމެއްނެތި ކުރިއަށް ގެންދަން ފަށައިފި އެވެ.

މިއީ 2014 ވަނަ އަހަރު ބަޣާވާތަކުން އެގައުމުގެ މިހާރުގެ ބޮޑުވަޒީރު ޕްރަޔޫތު ޗާން އޮޗާ ވެރިކަމަށް ވަޑައިގެންފަހުން އެގައުމުގައި ބާއްވާ އެންމެ ބޮޑު އެއް މުޒާހަރާ އެވެެ.

ތައިލެންޑްގައި މިދިޔަ އަހަރު ބޭއްވި އިންތިހާބްގައި ޕަލަންގް ޕަރަޗަރަތު ޕާޓީން ވަނީ ބޮޑުވަޒީރުގެ މަގާމަށް ޕްރަޔޫތު ޕްރޮމޯޓްކޮށް އަނެއްކާާވެސް އެމަނިކުފާނު ބޮޑުވަޒީރުކަމަށް އައްޔަނުކޮށްފަ އެވެ.

މުޒާހަރާކުރާ މީހުން ވަނީ ތައިލެންޑްގެ ތައްމަސަތު ޔުނިވާސިޓީއާ ދިމާލަށް މިސްރާބު ޖަހައިފަ އެވެ. އެ ޔުނިވާސިޓީއަކީ ޑިމޮކްރަސީގެ ނިޝާނެއްގެ ގޮތުގައި ވަރަށް ކުރިއްސުރެވެެސް އެގައުމުގައި ބަލާ ތަނެކެވެ.

މުޒާހަރާއަށް އެތައް ހާސް ބަޔަކު އެއްވާނެކަމަށް ބެލެވިފައިވާއިރު ފުލުހުން ބުނީ އެ މުޒާހަރާ ރޫޅާލާނެ ކަމަށެވެ.

ތައިލެންޑްގެ ކިޔަވާ ކުދިން އިސްވެތިބެ ކުރަމުންދާ މުޒާހަރާގައި ތިން ކަމަކަށް އެމީހުން ދަނީ ޑިމާންޑްކުރަމުންނެވެ. އެގޮތުން ޕާލަމަންޓް އުވާލައި، މިލިޓަރީ އިސްވެ އޮވެ އެކުލަވާލައިފައިވާ ގާނޫނު އަސާސީ ބަދަލުކޮށް އިދިކޮޅު ފަރާތްތަކާ ދެކޮޅަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތައް ހުއްޓާލުން ހިމެނެ އެވެ.

ދެހާސް ސާދަވަނަ އަހަރު އަސްކަރިއްޔާއިން ގެނައި ބަޣާވާތަށްފަހު އެގައުމުގެ ގާނޫނު އަސާސީ ބަދަލުކޮށް ރަސްގެފާނަށް އޮންނަ ބާރުތައް ވަނީ އިތުރުކޮށްފަ އެވެ.

މުޒާހަރާކުރަމުންދާ މީހުން ވަނީ ރަސްގެފާނުގެ ބާރުކުޑަކުރުމަށްވެސް ގޮވާލަމުންނެވެ. ތައިލެންޑްގެ މިހާރުގެ ގާނޫނު އިންނަގޮތަށް ރަސްގެފާނަށް ކުޑައިމީސްކޮށް ބަސްބުނެފިނަމަ ގިނަވެގެން 15 އަހަރުގެ ޖަލުގެ ހުކުމެއް އާދެ އެވެ. -- އަލްޖަޒީރާ

comment ކޮމެންޓް