ރިސޯޓުތަކުން ފަތުރުވެރިންނަށް ވުރެން ގިނައިން ސްޓާފުން ކޮވިޑަށް ޕޮޒިޓިވް ވެފައިވޭ

ޑރ. އަހްމަދު ޝަހީދު

މީހުން ދިރިއުޅޭ ރަށް ރަށުގެ އިތުރުން ރިސޯޓަތަކުން ވެސް ކޮވިޑް-19ގެ ބަލި މީހުން ފެންނަމުން ދާއިރު ރިސޯޓްތަކުގައި ތިބި ފަތުރުވެރިންނަށް ވުރެ ގިނައިން އެ ތަންތާންގައި މަސައްކަތް ކުރާ މުވައްޒަފުންނަށް ބަލި ޖެހޭ އަދަދު އިތުރު ކަމަށް އެޗްއީއޯސީ އިން ބުނެފި އެވެ.

އެޗްއީއޯސީ އިން މިރޭ ދަރުބާރުގޭގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޓެކްނިކަލް އެޑްވައިޒަރީ ގްރޫޕްގެ ފަރާތުން ވާހަކަ ދެއްކި ޑރ. އަހްމަދު ޝަހީދު ވިދާޅުވީ، މާލެ ސަރަހައްދުން ރިސޯޓްތަކަށް މަސައްކަތު ދާ ފަރާތްތަކުން ވެސް ގައިޑްލައިނާ އެއްގޮތަށް ކަރަންޓީނުގެ މުއްދަތު ފުރިހަމަ ކުރުމަކީ ވަރަށް މުހިންމު ކަމެއް ކަަމަށެވެ.

"ރިސޯޓުތަކުގައި ވެސް ފަތުރުވެރިންނަށް ވުރެން ބޮޑަށް ޕޮޒިޓިވްވެފައިވާ ކަމަށް މި ފާހަގަކުރެވެނީ ރިސޯޓްތަކުގައި އެކި އެކި މަސައްކަތް ކުރާ މީހުންނާއި ސްޓާފުން،" ޑރ. އަހްމަދު ޝަހީދު ވިދާޅުވިއެވެ.

ރިސޯޓުތަކަށް އަންނަ ފަރާތްތަކުގެ ތެރެއިން ކަރަންޓީނު ފުރިހަމަ ކުރަންޖެހޭ ފަރާތްތައް އެކަށީގެންވާ ގޮތަށް ކަރަންޓީނު ނުކުރެވިއްޖެ ނަމަ އެ ރަށު ތެރެއަށް ބަލި ފެތުރުމުގެ ފުރުސަތު ވަރަށް ބޮޑުކަން ޑރ. ޝަހީދު ފާހަގަކުރެއްވި އެވެ.

ކޮވިޑް-19 ކޮންޓްރޯލް ކުރުމަށް ހުރިހާ ތަނެއްގައި އަމަލު ކުރަން ޖެހޭ ގޮތްތަކުގެ ގައިޑްލައިންތައް މިހާރު ވާނީ އާންމު ކޮށްފައި ކަމަށާއި އެ ގައިޑްލައިންތަކަށް ބޯލެނބުމަކީ ވަރަށް މުހިންމު ކަމެއް ކަން ޑރ. ވިދާޅުވި އެވެ.

ރާއްޖެ އަންނަ ހުރިހާ ފަތަރުވެރިން ވެސް ކޮވިޑަށް ޓެސްޓް ކުރަން މަޖުބޫރު ނަމަވެސް ރިސޯޓްތަކުގައި އަޅާފައިވާ ރައްކާތެރި ކަމުގެ ފިޔަވަޅުތައް ވަރުގަދަ ކޮށް ބެހެއްޓުމަކީ ވަރަށް މުހިންމި ކަމެއް ކަން ޑރ. ޝަހީދު ފާހަގަކުރެއްވި އެވެ.

"އަދި ވަރަށް މުހިންމު ކަމެއް ރިިސޯޓްތަކުން މީހުން ދިރިއުޅޭ ރަށް ރަށަށް ދިއުމުގައި ވެސް އެޗްޕީއޭއިން އެބަ އޮވޭ ގަވާއިދުތަކެއް ކަނޑައަޅާފައި. މި ގަވާއިދުތަކަށް ބޯލެނބުމަކީ ވެސް އަދި ވަރަށް މުހިންމު ކަމެއް،" ޑރ. ވިދާޅުވި އެވެ.

މިވަގުތު 25 ރިސޯޓެއްގައި ކޮވިޑް ބަލި މީހުން ތިބިއިރު ޖުމްލަ އަދަދަކީ 54 އެވެ. އޭގެ ތެރެއިން 39 މީހުންނަކީ ދިވެހިންނެވެ، ފަތުރުވެރިންގެ އަދަދަކީ 15 އެވެ.

ރާއްޖެ އިން އެންމެ ފުރަތަމަ ކޮވިޑް ފެނިފައިވަނީ ފަތުރުވެރިންގެ ފަރާތުންނެވެ. ނަމަވެސް ޓްރެވަލް ހިސްޓްރީއެއް ނެތް މީހަކު މާލެ އިން އެ ބައްޔަށް ޕޮޒިޓިވްވި ފަހުން ހަމަހަށް ވުރެން ގިނަ ދުވަސް ވެފައިވާއިރު އަދި ވެސް ރާއްޖެ އިން ކޮވިޑް ކޮންޓްރޯލް ކުރެވިފައެއް ނުވެ އެވެ.

comment ކޮމެންޓް