އޭޑީކޭގެ ޓީމެއްގެ އެހީއާއެކު އިކުއަޓޯރިއަލް ހޮސްޕިޓަލުގައި ފުރަތަމަ ފަހަރަށް ނިއުރޯސާޖަރީއެއް!

އައްޑޫ އިކުއަޓޯރިއަލް ހޮސްޕިޓަލު ހުންނަ އިމާރާތް-- ސަން ފޮޓޯ

އޭޑީކޭ ހޮސްޕިޓަލުގެ ނިއުރޯސާޖަރީ ޓީމެއްގެ އެހީއާއެކު އައްޑޫ އީކުއަޓޯރިއަލް ހޮސްޕިޓަލުގައި ފުރަތަމަ ފަހަރަށް ނިއުރޯސާޖަރީއެއް ކޮށްފި އެވެ.

އޭޑީކޭ ހޮސްޕިޓަލުން ބުނީ، އިއްޔެ އައްޑޫގައި އުމުރުން 62 އަހަރުގެ މީހެއްގެ ބޮލަށް ލިބުނު އަނިޔާއެއްގެ ސަބަބުން، އެ މީހާގެ ހާލު ސީރިއަސްވެ، އޭނާއަށް ފަރުވާ ދޭން ޖެހުމުން އައްޑޫ އީކުއަޓޯރިއަލް ހޮސްޕިޓަލުން އޭޑީކޭ ހޮސްޕިޓަލުގެ ނިއުރޯސާޖިރީ ޓީމުގެ އެހީއަށް އެދުނު ކަމަށެވެ.

އޭޑީކޭއިން ބުނި ގޮތުގައި އަނިޔާވި މީހާގެ ބޮލުގެ ނާށިގަނޑުގެ ތެރެއަށް ހުރީ ލޭ އެޅިފައެވެ. އަދި އޭނާގެ ހާލު އިތުރަށް ސީރިއަސްވެދާނެތީ މާލެއަށް ގެންގޮސްގެން ފަރުވާ ދިނުމަކީ އެންމެ ރައްކާތެރި ގޮތް ކަމަށް ނުބެލުވުނު ކަމަށް އެ ހޮސްޕިޓަލުން ބުންޏެވެ.

އެހެންކަމުން، ބޭނުންވާ ސާމާނާއެކު ޑޮކްޓަރުންގެ ޓީމެއް އައްޑޫއަށް ފޮނުވަން އޭޑީކޭއިން ހުށަހެޅީ ކަމަށް އެ ހޮސްޕިޓަލުން ބުންޏެވެ.

އެ ކޭސް އޭޑީކޭއާ ހަމައަށް އައީ އިއްޔެ 18:00 އެހާކަންހާއިރެވެ. އޭޑީކޭގެ ޑޮކްޓަރުންގެ ޓީމު އައްޑޫއަށް ފުރުވާލީ ރޭ 21:50 އެހާކަންހާއިރެވެ. އޭޑީކޭގެ ޓީމު އައްޑޫއަށް ގެންދިޔައީ އާސަންދައިގެ އެހީގަ އެވެ.

އެ ޓީމުގައި ހިމެނެނީ، ތަޖުރިބާކާރު ނިއުރޯސާޖަން ޑރ. އަލީ ނިޔާފާއި، ކްރިޓިކަލް ކެއާ މެޑިކަލް އޮފިސަރު ޑރ. އަދީލް ޝަރީފާއި، ނިއުރޯސާޖާރީ ސްކްރަބް ނަރުސް ޝައްމޫނާ އަލީ އެވެ.

އޭޑީކޭގެ ޓީމު އައްޑޫއަށް ގޮސް އިކުއަޓޯރިއަލް ހޮސްޕިޓަލުގެ ޑޮކްޓަރުންނާއި ނަރުހުންގެ އެހީއާއެކު އޮޕަރޭޝަން ފެށީ އެ ރޭ 23:45 އެހާކަންހާއިރުއެވެ.

އައްޑޫ އިކުއަޓޯރިއަލް ހޮސްޕިޓަލުގައި އަނިޔާވި މީހާގެ ބޯ އޮޕަރޭޓު ކުރަނީ --

އެ އޮޕަރޭޝަނުގައި ޑޮކްޓަރުން ވަނީ ސިކުނޑި ދުޅަވެ، އިތުރު ގެއްލުން ވިޔަނުދިނުމަށް ނާށިގަނޑުން ބައެއް ނައްޓާފަ އެވެ. އެއީ ޑީކޮމްޕްރެސިވް ކްރޭނިއެކްޓޮމީ އެވެ. އޭގެ އިތުރުން ނާށިގަނޑު ތެރޭގައި ހުރި ލޭ ވަނީ ކާމިޔާބުކަމާއެކު ނަގާފަ އެވެ.

އޭޑީކޭ ހޮސްޕިޓަލުން ބުނި ގޮތުގައި އައްޑޫގައި އޮޕަރޭޝަންކޮށްފައި، އެ މީހާއަށް އޭޑީކޭ ހޮސްޕިޓަލުުގައި އިތުރު ފަރުވާ ދިނުމަށް މިއަދު ފަތިހު 4:45ގައި އޭނާ ވަނީ މާލެއަށް ފުރުވާލައިފަ އެވެ.

މި އޮޕަރޭޝަނަކީ މި އަހަރުގެ ޖެނުއަރީ މަހުގެ ތެރޭގައި ހިދުމަތްތައް ފެށި އިއުކަޓޯރިއަލް ހޮސްޕިޓަލުގައި ކުރި ފުރަތަމަ ނިއުރޯސާޖަރީ އެވެ.

comment ކޮމެންޓް