މާފުށީ ޖަލުގައި ބަޑިޖަހައި މީހުން މެރި ގޮތުގެ ހަގީގަތް އަދިވެސް ނުހޯދޭ: އެމްޑީޕީ

އީވާން ނަސީމް ގަޔަށް ބަޑިޖަހައި މަރާލުމުން ޖަލުގެ ބައެއް ގައިދީންނާ ސިފައިންނާ ދެމެދު ހިނގައި ދިޔަ ކުރިމަތިލުމުގައި ބައެއް ގައިސީންނަށް އަނިޔާވެފައި ---

މ. އޭޝިޔާ އީވާން ނަސީމް ގަޔަށް މާފުށީ ޖަލުގައި ބަޑިޖަހައި މަރާލުމަށްފަހު، އެތަނުގައި ހިނގައިދިޔަ ހަމަނުޖެހުމުގައި އިތުރު ބައެއްގެ ގަޔަށް ބަޑިޖަހައި މަރާލި ގޮތުގެ ހަގީގަތް އަދިވެސް ހޯދިފައި ނުވާކަމަށް ވެރިކަން ކުރާ މައި ޕާޓީ އެމްޑީޕީ އިން ބުނެފި އެވެ.

ސެޕްޓެމްބަރު 19، 2003 ގައި ސިފައިންގެ އަނިޔާތަކުގައި އީވާން މަރުވެގެންދިޔަ ހާދިސާއާ ގުޅިގެން ޖެހިގެން އައި ހޮނިހިރު ދުވަހު މާފުށީ ޖަލުގައި ކުށްވެރިންނާއި ސިފައިންނާ ދެމެދު ހިނގި ހަމަނުޖެހުމުގައި ބަޑި ޖެހުމާ ގުޅިގެން ތިން މީހަކު މަރުވި އެވެ. އެއީ މ. ބިންއުނިމާގޭ އަބްދުﷲ އަމީނާއި ގއ. ވިލިނގިލީ ޖަނަވަރީމާގޭ އަހްމަދު ޝިޔާޒާއި ޅ. ނައިފަރު ސިނަމާގޭ އަލީ އަސްލަމެވެ. އަދި 16 މީހުންނަށް އަނިޔާވެފައިވެ އެވެ.

އެ ހާދިސާއަށް 17 އަހަރު ފުރުމާ ގުޅިގެން އެމްޑީޕީން މިއަދު ނެރުނު ބަޔާނެއްގައި ބުނީ، ރައީސް މައުމޫނު ޢަބްދުލްޤައްޔޫމުގެ ސަރުކާރުގެ 'އަނިޔާވެރި ޖަރީމާއަށް' ފަހު ޖަލުގައި މީހުންގެ ގަޔަށް ބަޑިޖަހާފައިވާ ގޮތުގެ ހަގީގަތް އަދި އަދަށް ދާން ދެން ހޯދިފައިނުވާ ކަމަށެވެ.

އެގޮތުން ބަޑިޖަހާފައި ވަނީ ސިފައިންގެ ގާނޫނުގައިވާ ގޮތުގެ މަތިން އޯޑަރު ކުރަން ތިބި ފަރާތްތަކެއްގެ އޯޑަރަށް ކަމަށްވާނަމަ، އޯޑަރުކުރި ފަރާތްތަކުގެ މައްސަލަތައް ބަލާފައި ނުވުމާއި، ބަޑިޖަހާފައިވަނީ އޯޑަރުގެ މަތިން ނޫންކަމަށްވާނަމަ ސިފައިންގެ ގާނޫނުގެ ދަށުން އޯޑަރެއް ނެތި ބަޑިޖެހި ކަމުގެ ތަހްގީގެއް ހިންގައި އެކަމަށް ޝަރީއަތްކޮށްފައި ނުވާތީ، އެކަމުގެ ހަގީގަތް އަދިވެސް ދިވެހި ރައްޔިތުންނަށް ސާފުވާންޖެހޭ ކަމަށެވެ.

އެ ޖަރީމާއަކީ ރާއްޖޭގެ ޖަލުތަކުގައި އޭރުގެ ސަރުކާރުން ސިސްޓަމެޓިކް ގޮތަކަށް ބޮޑެތި އަނިޔާތައް ދެމުންދިޔަކަމާއި، އެފަދަ އަނިޔާތަކުގެ ޝިކާރަކަށްވެ އެތައް ބަޔަކު ދުނިޔެދޫކޮށްފައިވާކަމުގައި އޭރު ވެސް ތުންތުންމަތިން ދެކެވެމުން ދިއަ ވާހަކަތަކުގެ ހަގީގަތް ރައްޔިތުންނަށާއި މުޅި ދުނިޔެއަށް ގަބޫލުކުރެވޭމިންވަރަށް ތިލަވެގެންދިއަ ޖަރީމާއެެއް ކަމަށް އެމްޑީޕީން ވަނީ ބުނެފަ އެވެ. އަދި އެކަމުގެ ސަބަބުން ރާއްޖެއަށް ސިޔާސީ އިސްލާހީ ބޮޑެތި ބަދަލުތަކެއް ގެންނަން އޭރުގެ ސަރުކާރަށް މަޖުބޫރުވެގެން ދިއަކަން ވެސް ވަނީ އެ ބަޔާނުގައި ފާހަގަކޮށްފަ އެވެ.

މީގެ ކުރިން ވެސް އެމްޑީޕީގެ ވެރިކަމުގައި އެ މައްސަލަ ތަހުގީގު ކުރުމަށް އެ ޕާޓީން ގޮވާލި އެވެ. އަދި އަލުން އެ މައްސލަ ބެލުމަށް ވަޒީރުންގެ މަޖިލިހުގެ އޭރު ތިން މެންބަރުންގެ މައްޗަށް ހިމެނޭ ކޮމިޓިއެއް ވެސް އެކުލަވާލި އެވެ.

ރައީސް މައުމޫނުގެ ދައުރުގައި، އެ މައްސަލަ ބެލުމަށް ރިޔާސީ ކޮމިޝަނެއް އުފެއްދުމަށް ފަހު އެ މައްސަލާގައި ދައުލަތުން 12 މީހެއްގެ މައްޗަށް ދައުވާކުރި އެވެ.

އޭގެ ތެރެއިން އީވާން މަރާލުމުގެ ކުށް ސާބިތުވެގެން އަށް މީހެއްގެ މައްޗަށަށް މަރުގެ ހުކުމް އިއްވާފައިވެ އެވެ. އަދި އޭނާ ރާލުމުގައި ބައިވެރިވުމުގެ ކުށް ސާބިތުވެގެން އެކަކުގެ މައްޗަށް ޖިނާއީ ކޯޓުން ވަނީ މަރުގެ ހުކުމް އިއްވައިފަ އެވެ. ނަމަވެސް އެ މައްސަލާގައި ޝާމިލްވެގެން މަރަށް ހުކުމް ކުރި މީހުގެން ތެރޭގައި ހިމެނޭ މއ. ދިހި، އާދަމް މުހައްމަދުގެ ކުށެއް ނެތް ކަމަށް 2006 އަހަރު ހައިކޯޓުން ވަނީ ހުކުމްކޮށްފަ އެވެ. އޭނާއަކީ އޭރުގެ އެންއެސްއެސް ކެޕްޓަން ކަމުގެ ރޭންކުގައި ހުންނެވި އަދި މާފުށީ ޖަލުގެ ސިކިއުރިޓީ ބަލަހައްޓާ ޔުނިޓުގެ އޮފިސަރު އިންޗާޖުގެ މަގާމުގައި ހުންނެވި ވެރިޔާ އެވެ.

އީވާން މަރާލުމުގެ ކުށް ސާބިތުވެގެން ފެބްރުއަރީ 24، 2005 ވަނަ ދުވަހު މަރަށް މަރު ކުހުމް އިއްވި އަށް މީހުންނަކީ އޭރު ޖަލުގެ ސަލާމަތީ ކަންތައް ބަލަހައްޓަމުން ދިޔަ އެންއެސްއެސް މިހާރުގެ އެމްއެންޑީއެފްގެ ޕްރައިވެޓުން ކަމަށްވާ ހ. ހިރަވެރި, ބަދުރު މުހައްމަދާއި ސ. ފޭދޫ ޔެލޯ ހައުސް, މުހައްމަދު ޝިއުނީޒާއި ސ. ހުޅުދޫ އިރުދޭމާގޭ އަބްދުﷲ އިބްރާހީމާއި ނ. ހޮޅުދޫ ބަގީޗާގޭ އިބްރާހިމް ރަމީޒާއި މ. ކޮޅުފުށީ އަސްރަފީގޭ އަހުމަދު ނިޔާޒާއި ވ. ކެޔޮދޫ ހިޔަލީ ގުލްޝަން ޝިޔާދު މުފީދާއި މ. މުލަކު އަލަމާގޭ މުހައްމަދު މަންސޫރާއި ތ. ތިމަރަފުށީ އިރުވައިގޭ އަހުމަދު ރިޔާޒެވެ.

އީވާން މަރާލުމުގައި ބައިވެރިވުމުގެ ކުށުގައި, ސެޕްޓެމްބަރު 18 2005 ވަނަ ދުވަހު ޖިނާއީ ކޯޓުން މަރަން ހުކުމް އިއްވީ ތ. ތިމަރަފުށީ ވިލާޑިލައިޓް އަބުދުﷲ ހަސަންގެ މައްޗަށެވެ.

comment ކޮމެންޓް