ޑުރަގު ބޭނުންކުރިކަމަށް ރިއާ އެންމެ ފަހުން އެއްބަސްވެއްޖެ

ރިއާ ވަނީ ޑުރަގު ބޭނުންކުރި ކަމަށް އެއްބަސްވެފައި--

މީޑިއާތަކުގައި އެކި ފަހަރުމަތިންނާއި އިންޑިއާގެ ނާކޮޓިކްސް ކޮންޓްރޯލް ބިއުރޯ (އެންސީބީ) އިން ސުވާލުކުރިއިރު ޑުރަގު ބޭނުން ނުކުރާ ކަމަށް ބުނި ބަތަލާ ރިއާ ޗަކްރަބޯޓީ ޑުރަގު ބޭނުންކުރި ކަމަށް އެންމެ ފަހުން އެއްބަސްވެއްޖެ އެވެ.

މީގެ ކުރިން މީޑިއާތަކަށާއި އެންސީބީއަށް ރިއާ ބުނީ އެކި މީހުންނަށް ޑުރަގު ފޯރުކޮށްދިން ކަމަށާއި ނަމަވެސް އެއްވެސް އިރެއްގައި ޑުރަގު ބޭނުންކޮށްފައިނުވާނެ ކަމަށެވެ. އިއްޔެ އެންސީބީއިން ރިއާ އާ ސުވާލުކުރި އިރު ރިއާ ބުނީ އޭނާ ޑުރަގު ވެސް ބޭނުން ކުރި ކަމަށާއި އަދި ދޮގު ހަދަން ބަޔަކު މީހުން ބުނީ ކަމަށެވެ. އޭނާ ބުނީ އެ އެމީހުން އޭނާގާތު ޑުރަގު ބޭނުންކުރާ ކަމަށް އެއްބަސް ނުވުމަށް ބުނި ކަމަށެވެ.

އެކްޓަރު ސުޝާންތު ސިންހް ރާޖްޕުތުގެ މަރުގެ މައްސަލަ ތަހުގީގުކުރަމުން ދަނިކޮށް ޑުރަގުގެ މައްސަލަ ތިލަވިއިރު ރިއާ ވަނީ ޑުރަގު ބޭނުންކުރާ ބައެއް ބޮލީވުޑްގެ އެކްޓަރުންގެ ނަންތައް ވެސް އާންމުކޮށްފަ އެވެ. ދާދި ފަހުން ބޮލީވުޑްގެ އެކްޓަރު ދީޕިކާ ޕަދުކޯން، ވިކީ ކޯޝަލް، މަލައިކާ އަރޯރާ، ކަރަން ޖޯހަރު، އަރުޖުން ކަޕޫރު، ޝާހިދު ކަޕޫރު، ވަރުން ދަވަން، މީރާ ރާޖްޕުތް، ނަތާޝާ ދަލާލް، ޒޯޔާ އަޚްތަރު، އަޔާން މުކަރްޖީ އަދި ރަންބީރު ކަޕޫރާ ދެކޮޅަށް ޑުރަގު މައްސަލައެއް ވަނީ ހުށައަޅާފަ އެވެ.

ބަތަލާ ރިއާ ޑުރަގު ބޭނުންކުރާކަން އެއްބަސްވިއިރު އޭނާ ހުރީ ޖަލުގަ އެވެ. މި މަހު އަށް ވަނަ ދުވަހު އޭނާ ހައްޔަރުކުރި އިރު އޭނާގެ ބަންދަށް ވަނީ 14 ދުވަހުގެ މުއްދަތެއް ދީފަ އެވެ. އޭނާގެ ބަންދުގެ މުއްދަތު ހަމަވާނީ މި މަހު 22ގަ އެވެ.

comment ކޮމެންޓް