ޖޫން މަހު ހަތް އަތޮޅަކުން ގްރީން ޓެކްސް ނުލިބޭ

ޖުލައި 15، 2020: ކޮވިޑް19އާ ގުޅިގެން ތިން މަހަށްވުރެ ގިނަ ދުވަހަށް ރާއްޖޭގެ ބޯޑަރު ބަންދު ކުރުމަށް ފަހު އަލުން ހުޅުވާލުން: ހުޅުވާލުމުގެ ގޮތުން ރާއްޖޭގެ މައި އެއާޕޯޓް، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ)އަށް ޖައްސާފައި ވަނީ ގަތަރު އެއާވޭސްގެ ފްލައިޓެކެވެ. އެ ފްލައިޓުން 104 ޓޫރިސްޓަކު މިއަދު ރާއްޖެ ވަނީ އައިސްފައި -- ސަން ފޮޓޯ/ ފަޔާޒު މޫސާ

މިއަހަރުގެ ޖޫން މަހު ހަތް އަތޮޅަކުން ގްރީން ޓެކްސް ނުލިބޭ ކަމަށް ފިނޭންސް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކައިފި އެވެ.

އެ މިނިސްޓްރީން އާންމުކޮށްފައިވާ ގްރީން ފަންޑް ރިޕޯޓުން ދައްކާ ގޮތުގައި ޖޫން މަހު ށ، ފ، ތ، ލ އަދި ގދ.ގެ އިތުރުން ފުވައްމުލަކާއި އައްޑޫ ސިޓީން ގްރީން ޓެކްސްގެ ގޮތުގައި އެއްވެސް ފައިސާއެއް ލިބިފައި ނުވެ އެވެ.

ޖޫން މަހު ގްރީން ޓެކްސްގެ ގޮތުގައި ޖުމުލަކޮށް ލިބުނީ 3.9 މިލިއަން ރުފިޔާ އެވެ. ގްރީން ޓެކްސް ދެއްކި އަތޮޅުތަކުގެ ތެރެއިން އެންމެ ގިނައިން ދެއްކި ތިން އަތޮޅަކީ ކ. އަތޮޅު (1.7 މިލިއަން ރުފިޔާ)، އދ އަތޮޅު (ތިން ލައްކަ ހަތް ހާސް ރުފިޔާ) އަދި ޅ. އަތޮޅު (ތިން ލައްކަ ހަ ހާސް ރުފިޔާ) އެވެ.

ޖޫން މަސް ނިމުނުއިރު ގްރީން ފަންޑުގައި ޖުމުލަކޮށް ހުރީ 918 މިލިއަން ރުފިޔާ އެވެ. ތިމާވެއްޓާ ގުޅުންހުރި ކަންތައްތަކަށާއި ދެމެހެއްޓެނިވި ތަރައްގީގެ މަޝްރޫއުތަކުގެ އިތުރުން ފެނާއި ނަރުދަމާ ގާއިމުކުރުމަށާއި ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއުތަކާއި ވޭސްޓް މެނޭޖުމެންޓުގެ މަޝްރޫއުތަކަށް އެ ފަންޑުން ހަރަދު ކުރެ އެވެ.

މި ފަންޑުން ޖޫން މަހު ހަރަދުކޮށްފައިވަނީ 41 މިލިއަން ރުފިޔާ އެވެ. ޖޫން މަހު އެންމެ ބޮޑު ހަރަދެއް ހިނގާފައިވަނީ ތިލަފުށީގެ ބިން ހިއްކުމާއި ރިވެޓްމަންޓް ޖެހުމަށެވެ. އެކަމަށް 16 މިލިއަން ރުފިޔާ ގްރީން ފަންޑުން ވަނީ ހަރަދުކޮށްފަ އެވެ.

ގްރީން ޓެކްސްގެ ގޮތުގައި ރިސޯޓަކުގައި ތިބޭ ފަތުރުވެރިންގެ އަތުން ރެއަކާ ދުވާލަށް ހަ ޑޮލަރު ނަގަން ފެށީ 2015 ވަނަ އަހަރުން ފެށިގެން އެވެ. އަދި ގެސްޓްހައުސްތަކުގައި ޗުއްޓީ ހޭދަކުރާ ފަތުރުވެރިން އަތުން ރެއަކާ ދުވާލަށް ތިން ޑޮލަރު ނަގަން ފެށީ، 2016 އިން ފެށިގެން އެވެ.

ގްރީން ޓެކްސްގެ ގޮތުގައި ދައުލަތަށް ލިބޭ ފައިސާ ދަށްވާން ފެށީ ކޮވިޑް19އާ ގުޅިގެން މާޗް މަހުގެ ފަހުކޮޅު ރާއްޖޭގެ ބޯޑަރު ބަންދުކޮށް، ފަތުރުވެރިކަން މެދުކަނޑައިލުމުންނެވެ. އޭގެ ކުރިން މިއަހަރުގެ ޖެނުއަރީ މަހު 84.9 މިލިއަން ރުފިޔާ، ފެބްރުއަރީ މަހު 77.2 މިލިއަން ރުފިޔާ އަދި މާޗް މަހު 74 މިލިއަން ރުފިޔާ ގްރީން ޓެކްސްގެ ގޮތުގައި ދައުލަތަށް ލިބިފައިވެ އެވެ.

ފަތުރުވެރިންނަށް ރާއްޖޭގެ ބޯޑަރު އަލުން ހުޅުވައިލީ ޖުލައި މަހުގެ 15ވަނަ ދުވަހުގަ އެވެ. އެހެން ނަމަވެސް ބައެއް ރިސޯޓުތައް އަދިވެސް ނުހުޅުވާ އޮތްއިރު، ބޯޑަރު ބަންދުކުރުމުގެ ކުރިން ރާއްޖެއަށް ފަތުރުވެރިން އަންނަ އަދަދާ އަޅާބަލާއިރު މިހާރު އަންނަ މިންވަރު ވަނީ ވަރަށް ބޮޑަށް ހީނަރުވެފަ އެވެ.

comment ކޮމެންޓް