ކޮވިޑް ކޭސްތައް އިތުރުވާތީ ޔޫރަޕްގައި ފިޔަވަޅުތައް ހަރުކަށިކޮށްފި

އިނިގިރޭސިވިލާތުގެ މަގެއްގައި މީހަކު ހިނގައިފައިދަނީ---

ކޮވިޑް-19ގެ ކޭސްތައް އިތުރުވާތީ ބަލިން ރައްކާތެރިވުމުގެ ގޮތުން ޔޫރަޕްގައި ފިޔަވަޅުތައް ހަރުކަށިކޮށްފި އެވެ.

އެގޮތުން ގްރީސްއާއި ޑެންމާކު ފަދަ ގައުމުތަކުން އެގައުމުތަކުގެ ބޮޑެތި ސިޓީތަކުގައި މިހާރު ވަނީ އާ ހަރުކަށި ފިޔަވަޅުތައް އަޅައިފަ އެވެ.

އެ ފިޔަވަޅުތައް އެޅިއިރު ބަލީގައި މަރުވާ މީހުންނާއި އައިސީޔޫގައި އެޑްމިޓްކުރާ މީހުންގެ އަދަދު ވަނީ އިތުރުވާން ވެސް ފަށައިފަ އެެވެ. ހާއްސަކޮށް އެކަން ސްޕެއިންއާއި ފްރާންސުން ދަނީ ފެންނަމުންނެވެ.

ސްޕެއިންގެ ވެރިރަށް މެޑްރިޑްގައި ބަލި ފެތުރޭ ސަރަހައްދުގައި މީހުން އެއްވެ އުޅުން ދަނީ ކޮންޓްރޯލް ކުރަމުންނެވެ. އެގޮތުން ޕާކްތަކަށް ދިއުމާއި މީހުން އާންމުކޮށް ދާ ތަންތަނަށް އެއްވުން ދަނީ ކޮންޓްރޯލް ކުރަމުންނެވެ.

ފްރާންސުގައި މިހާރު އެންމެ ގިނައިން އެއްވެ އުޅެވެނީ ގިނަވެގެން 10 މީހުންނަށްވާ އިރު ޑެންމާކުގައި ގިނަވެގެން އެއްވެ އުޅެވެނީ 50 މީހުންނަށެވެ.

އިނގިރޭސިވިލާތުގައި ކޮވިޑްގެ ކޭސްތައް އިތުރުވެ އިއްޔެ ވަނީ 6000 ކޭސް އަލަށް ފެނިފަ އެވެ. ކޭސްތައް އިތުރުވާތީ އަލުން ފުރަބަންދަކަށް ދިޔުމާމެދު އެގައުމުން ދަނީ ވިސްނަމުންނެވެ.

އިނގިރޭސިވިލާތުގެ ބޮޑުވަޒީރު ބޮރިސް ޖޯންސަން ވިދާޅުވީ ކޮވިޑްގެ ދެވަނަ ރާޅެއް އަޅާނެ ކަމަށް ވަރަށް ބޮޑަށް ބެލެވޭކަމަށާއި އެހެންކަމުން ފިޔަވަޅުތައް ހަރުކަށީ ކުރަން ޖެހޭ ކަމަށެވެ.

ކޮރޯނާ ވައިރަސްއާ ގުޅިގެން އިއްޔެއިން ފެށިގެން އިސްރާއިލުން ވަނީ އެގައުމު ދެވަނަ ފަހަރަަށް ފުރަބަންދުކޮށްފަ އެވެ. -- ރޮއިޓާސް

comment ކޮމެންޓް