ވިންދޭ ތިއީ ...

އައިވަން އައިއިރު، އަނަމްގެ ފޮށިތައް ކާރަށް އަރުވައިފި އެވެ. އޭނައަށް އަނަމް އާއި ހަމައަށް ދެވުނީ ކިރިޔާ އެވެ. ކާރަށް އަރަން ތައްޔާރުވެލި އަނަމްގެ އަތުގައި ހިފައި ދަމާލައިފި އެވެ.

********

އަނަމް ސިހިފައި، ހަޅޭއްލަވައިގަތެވެ. އޭނަގެ ތޫނު ދެލޮލުން ފެންނަމުންދިޔައީ ޖެހިލުންވުމުގެ އަސަރެވެ. ތެޅިގަނެފައި ކައިރީގައި ހުރި މީހަކާއި ދިމާއަށް އޭނަ ބަލައިލީ، އެފަދަ ކަމެއް ކުރާނީ ކާކު ބާއޭ ހިތަށް އަރާ ހާލުގަ އެވެ. އައިވަން ފެނުމުން، އެ މޫނުމަތީގައިވާ ސިހުން ފިލައި، ހައިރާންކަން ފެނިގެން ދިޔަ އެވެ.

ވަރުބަލިވެގެން މާނޭވާ ލެވިލެވި ހުރި އައިވަންއަށް އަނަމްގެ މޫނު ރަނގަޅަށް ފެންނަވަރުވީ، ކުޑަ އިރުކޮޅެއް ފަހުންނެވެ. އޭރު އަނަމް ހުރީ ދެބުމަ ގޮށްޖަހައިގެން އޭނައަށް ބަލާށެވެ. އެހުރިހާއިރު ހުރެވުނީ އަނަމްގެ އަތުގައި ހިފަހައްޓައިގެން ކަން އިހުސާސްވުމުން، އޭނަ އަވަސް އަވަހަށް އެ އަތުން ދޫކޮށްލައިފި އެވެ. އަނަމް ވަގުތުން ކާރަށް އެރުމަށް އެނބުރިލި އެވެ.

"އެކަނި ދަނީތަ؟..." އައިވަންއަށް އަހައިލެވުނެވެ.

"ހޫމްމް.." އަނަމް އެ ހުރިގޮތަށް ހުރެ، ޖަވާބު ދިނެވެ.

"ކޮންތާކަށް؟..." އައިވަން ސުވާލު ކުރި އެވެ.

ކުރެވުނު ސުވާލުގެ މޮޔަކަން އޭނައަށް އިހްސާސް ކުރެވުނީ، އަނަމް އެއްޗެއް ނުބުނުމުންނެވެ. އޭނައަށް ތިރީ ތުންފަތުގައި ދަތްއަޅާލެވުނީ އަމިއްލަ މޮޔަކަން ހިތަށް އަރާފަ އެވެ.

"އެކަނި ދަނިކޮށް ކަމެއް ވެއްޖެއްޔާ..." އައިވަންއަށް ބުނެވުނީ އެހިސާބަށެވެ. އިތުރަށް އެތަނުގައި މަޑުކުރުމެއްނެތި އަނަމް ގޮސް ކާރަށް އަރައިފި އެވެ.

އައިވަން ވެސް އަނަމްގެ ފަހަތުން ގޮސް ކާރަށް އެރި އެވެ. މަންޒަރު ބަލަން ނޫމާން ހުރީ ދެލޯ ބޮޑުވި ގޮތަށް އެސްފިޔަ ޖަހައިލަން ވެސް ނޭނގިފަ އެވެ. ކާރު ގޮސް އޭނަގެ ލޯމަތީން އޮބައިލަންދެން ބަލަން އޭނަ ހުއްޓެވެ.

********

ޝާކިރު ގެއަށް އައިއިރު ނަސްމާ އިނީ ސޯފާގަ އެވެ. އޭނަ ފެނުމުން ފުންމައިގެން ތެދުވިގޮތުން، ކަމެއް ގޯސްވެއްޖެ ކަން އޭނަގެ ވިސްނުންތޫނު ސިކުނޑިއަށް ނަގައިގަނެވުނެވެ.

"ކޮންތާކަށްތަ ފޯނު ލައިގެން ތިއުޅެނީ؟..." ނަސްމާ ހިތްހަމަނުޖެހިފައި ސުވާލު ކުރި އެވެ.

"ފޯނު ނިވިފައޭ އޮތީ... ކިހިނެއްވީ؟..." ޝާކިރު ކަންބޮޑުވެގެން ނަސްމާގެ ދެކޮނޑުގައި ހިފަހައްޓައިލި އެވެ.

"އެމަންޖެގެ ޚަބަރެއް ވެގެންނޭ އަހަރެން މިހާ ވަރަށް މި ގުޅަނީ..." ނަސްމާގެ މޫނުމަތިން ނުތަނަވަސްކަން ފިލައި ނުދިޔަ އެވެ. "އެމަންޖެ ހުރީ ނުވެސް ދަންނަ ބައެއްގެ ކައިރީގަޔޯ..." ކުރިއަށްވުރެ ދެރަވެލާފައި ނަސްމާ ވާހަކަ ދެއްކި އެވެ.

"ކިހިނެއް ނަސްމާއަށް އެނގުނީ؟..." ޝާކިރުގެ މޫނުމަތިން ފެނުނީ ހައިރާން ކަމެވެ.

"އަހަންނަށޭ އެމަންޖެ ގުޅީ... މިއޮތީ ނަންބަރު... ނޭނގޭ ކޮން ހިސާބެއްގެ ކޮން ތާކަށް ކަމެއްވެސް ގޮސް އެހުރީ؟... ނަސީބެއްނު ޝާކިރަށް ނުގުޅާ އަހަންނަށް ގުޅި ކަންވެސް..." އަނަމް ގުޅި ނަންބަރު ޝާކިރަށް ދައްކައިލަމުން ނަސްމާ ބުންޏެވެ.

"ދެން ނަސްމާ ނުވެސް އަހަންތަ ކޮންތާކުތޯ ތި ހުރީކީ؟..." ފޯނުގެ އިސްކުރީނުން ނަޒަރު ވަކިކޮށް، ނަަސްމާގެ މޫނަށް ބަލައިލަމުން ޝާކިރު ސުވާލު ކުރި އެވެ.

"ހާސްވެފަ ހުރި ވަރުން އަހަންނަކަށް ތި ހުރިހާ ސުވާލެއް ނުކުރެވުނު... އަހަރެން އަވަހަށް ބޮޑުބޭބެއަށް ގުޅާފަ ބުނީ، އެމަންޖެ ގުޅި ނަންބަރަށް ގުޅާފަ، ހުރި ތަނެއް އޮޅުންފިލުވައިގެން ބަލާ ދާށޭ.. އާނ... ނޭނގެތާ ކޮންކަހަލަ ބަޔަކު އުޅޭ ތާކު ކަމެއްވެސް ހުރީކީ... އަނަމް ބުނި އެމީހުން ރަނގަޅޭ... އެކަމަކު އަހަރެން އިތުބާރެއް ނުކުރަން..." ނަސްމާ ބުންޏެވެ.

"ނަސްމާ ކީއްކުރަންތަ ބޮޑުބޭބެ ކައިރީ ބުނީ؟..." ޝާކިރު ހިތްހަމަނުޖެހިފައި ސުވާލު ކުރި އެވެ.

"އަހަރެން ދެން ކާކު ކައިރީތަ ބުނާނީ؟... ޝާކިރަށްވެސް ގުޅުނީކީ ނޫން ވިއްޔަ... އެހެން ނޫނަސް، ޝާކިރުގެ ރައްޓެހިން ކައިރީ ބުނުމަށްވުރެ، އަހަންނަށް އަހަރެންގެ އާއިލާގެ މީހަކު ކައިރީ ބުނަންވެސް މާ ހިތަށް ފަސޭހަވާނެ ދޯ..." ނަސްމާ ބުންޏެވެ.

ޝާކިރު ދެފަރާތަށް ބޯ ހޫރާލީ އެވެ. ފޯނު ރިންގްވާން ފެށުމުން، ނަސްމާ އާއި ދިމާއަށް ބަލައިލާފައި އޭނަ ގޮސް ގެއިން ނުކުތެވެ.

********

ކާރު ދުއްވަމުން ދިޔައީ ވަކި މަންޒިލެއް ނެތި އެވެ. ހަލަބޮލިވެފައިވާ މަގުތަކުން ދަތުރު ކުރަމުން ދިޔައިރު، އެއްވެސް މީހަކު އަނގަޔަކުން ނުބުނެ އެވެ. ދާންވީ މިސްރާބެއް ނޭނގިގެން ޑްރައިވަރު ދެތިން ފަހަރަކު ސުވާލު ކޮށްލި އެވެ. އަނަމް އެދުނީ ކުރިއަށް ދިޔުމަށެވެ. އޭނަ ދިޔައީ، ކުއްޔަށްދޭ ކޮޓަރިގަނޑެއް ނަމަވެސް ފެނޭތޯ މަސައްކަތް ކުރަމުންނެވެ. އައިވަންއަށް ނޭނގޭނޭހެން ލޮލުގެ ހިމަކޮޅުން މަގުގެ ދެފަރާތަށް ބަލާބަލައި އޭނަގެ ދެލޮލުގައި ވެސް ރިއްސަން ފެށި އެވެ.

އަނަމްއަށް ނޭނގުނަސް، އެ ހުރިހާ މަންޒަރެއް އައިވަންއަށް ރީތިކޮށް ފެނުނެވެ. އަނަމްގެ ހާސްކަމާއި، ދެކޮޅު ހޯދައި ބެލުމުން، އޭނަ އެ މަސައްކަތް ކުރަނީ ހުންނާނެ ތަނެއް ހޯދަން ކަން އޭނައަށް ވިސްނުނެވެ. ތަފާތު ފިކުރުތަކުން އައިވަންގެ ހިތުގައި އަނަމް އާއި މެދު ހަމްދަރުދީ އުފެދުނެވެ. ހަޤީޤަތް ހާމަ ނުކޮށް ގޭގައި ބެހެއްޓުނުނަމައޭ ހިތަށް އެރި އެވެ.

އައިވަންއަށް އެގޮތުގައި މާގިނަ އިރަކު ކެތެއް ނުކުރެވުނެވެ. ހިތުގައި އުފެދުނު ހަމްދަރުދީ، އޭނަގެ އަޒުމަށް ގުޑުން އަރުވައިލި އެވެ. އޭނަ ޑްރައިވަރުގެ ކައިރީގައި އެދުނީ، މަގުގެ އެއްފަރާތަށް ކާރު ހުއްޓުމަށެވެ. ޑްރައިވަރު ކާރު ހުއްޓުމާއިއެކު، ކާރުން ފައިބައިގެން ގޮސް އަނަމް އިން ޝީޓުގެ ދޮރު ހުޅުވައިލި އެވެ. އެއަށްފަހު، ދޮރުފަތުގައި އަތް އަޅުވައިލަމުން އަނަމް އާއި ދިމާއަށް ގުދުވެލި އެވެ.

ދާދި ކައިރިން އައިވަން ފެނުމާއިއެކު އަނަމްގެ ނޭވާ ހުއްޓުނުހެން ހީވި އެވެ. އޭނައަށް ހިންދިރުވައިލެވުނީ ވެސް އުނދަގުލުންނެވެ. ދުވި ފިރެހެންވަންތަ ލުއި ސެންޓުގެ މީރުވަހުން ސިކުނޑި ތާޒާ ކުރުވީ، އޭނައަށް ދެލޯ މަރައިލަން މަޖުބޫރު ކުރުވާ މިންވަރަށެވެ.

އައިވަންގެ ކަޅުކަން ގަދަ ދެބުމަ ކައިރިކޮށްލައިގެން ބަލަމުންދިޔައިރު، އެ ތޫނު ދެލޮލުގެ ތެރޭގައި ޤައިދުކޮށްލަފާނޭހެން އަނަމްއަށް ހީވި އެވެ. އަވި އެޅިފައި ހުރުމުން އޭނަގެ މަޑު މުށި ކުލައިގެ ކަޅި ހީވަނީ ދިއްލިލާފައިވާ ހެންނެވެ. އެ ދެލޮލުގެ ތެރެއަށް ފީނައިގަނެވެމުންދިޔަ ވަރަކަށް، އޭނައަށް އައިވަންގެ ކޮންމެ ސިފައެއް ކޮންމެވެސް ކަމަކާއި ގުޅުވައިލެވުނެވެ. ހުދާއި ކަޅު ކުލައިގެ ރޮނގުދެމި އަތްދިގު ޓީޝާޓާއި ނޫ ޖީންސްގައި އޭނައަށް އައިވަން ވައްތަރުވީ، މޮޑެލް އަކާއި އެވެ. އައިވަން އަދާކުރާ ވަޒީފާ އާއި މެދުވެސް އޭނައަށް ވިސްނައިލެވުނީ ދެނެވެ.

"އަހަންނަށް ހުރިހާ ކަމެއްވެސް އެނގިއްޖެއޭ... ހުންނާނެ ތަނެއް ނެތްއިރު އެއްނު، ނުވެސް ބުނެ ގެއިން ނުކުމެގެން ތިއައީ..." ކުރިއަށްވުރެ ބޮޑަށް ދެބުމަ ކައިރިކޮށްލަމުން އައިވަން ބުންޏެވެ.

އަނަމްއަށް އިސްޖަހައިލަން މަޖުބޫރު ވިއެވެ. އެ ދެލޮލުގެ ތެރޭގައި ޤައިދުވެގެން ބޭޒާރުވެދާނެ ކަމުގެ ބިރުގަ އެވެ.

"ނުރުހުމުގަ އެއްވެސް ކަމެއް ކުރުވާކަށް ނެތިން... އަހަރެން މިވަރުން މި އަހަނީ، މިވަގުތު ތިހުރީ އަހަރެންގެ ބެލުމުގެ ދަށުގަ ކަމަށް ވީމަ... ކަމެއް ވިޔަސް، އަހަރެން ކިހިނެއް އެކަމުގެ ޒިންމާ ނަގާނީ؟..." އައިވަން ތެދުވެ ހިންދެމިލި އެވެ. ދެޖީބަށް އަތް ޖަހައިލަމުން އޭނަ އަނަމްގެ މޫނަށް ފުން ނަޒަރެއް ދިނެވެ.

"އަހަރެން މިދެނީ އެންމެ މިނެޓެއް... އަނގައިން ނުބުންޏަސް، ބޯ ޖަހާލައިފިއްޔާ، އަހަރެންގެ ހެލްޕް ބޭނުންވާ ކަމަށް ބަލާނީ..." އައިވަންއަށް ބުނެވުނީ އެހިސާބަށެވެ. އަނަމް މަޑުމަޑުން ބޯ ޖަހައިލި ތަން ފެނުނެވެ.

އައިވަންގެ ތުންފަތަށް ވެރިވީ ލުއި ހިނިތުންވުމެކެވެ. އެ ގާތްކަމުން ހުދު އަނަމްގެ ހިތަށް ވެސް ފިނިކަމެއް ލިބިއްޖެ އެވެ. އެފަދަ އަޅާލުމާއި އޯގާތެރިކަމެއް އޭނައަށް އެންމެ ބޮޑަށް އިހުސާސް ކުރެވުނީ އޭނަގެ މާމަ ދުނިޔޭގަ އެވެ. މާމަގެ މަތީން ހަނދާންވުމުން، އަނަމްގެ ދެލޯ ފެންކަޅި ވިއެވެ.

ދިހަ ވަރަކަށް މިނެޓުގެ ދަތުރަކަށްފަހު، ކާރު ގޮސް މަޑުކޮށްލީ އުސް އިމާރާތެއްގެ ކުރިމައްޗަށެވެ. އިމާރާތުގެ ތިރިން ފެށިގެން މައްޗަށް އަނަމްގެ ނަޒަރު ދަތުރުކޮށްލި އެވެ.

"ކިންގްސް އިން..." އިމާރާތުގެ ނަންބޯޑު ކިޔައިލި އަނަމްގެ ކައިރިއަށް ހިނި އަންނަން އުޅުނެވެ.

"ރަސްކަލުން އެކަނި ވަންނަ ހަދާފަ ހުރި ތަނެއް ކަންނޭނގެ..." އަނަމް ހިތާއި ހިތުން ވާހަކަ ދައްކަމުން ދިޔަ އެވެ.

އަނަމް ކާރުން ފޭބުމުގެ ކުރިން އައިވަން އައިސް ދޮރު ހުޅުވާލަދިނެވެ. އޭނަ އެތެރެއަށް ވަނީ، ޑްރައިވަރުގެ ކައިރީގައި ކާރުގެ ޑިކީގައި ހުރި ފޮށިތައް އެތެރެއަށް ވެއްދުމަށް އެދިފަ އެވެ. ކައުންޓަރުގެ ކައިރިއަށް ގޮސް، އެތަނުގައި އިން ކުއްޖާ އާއި ވާހަކަތަކެއް ދައްކާފައި އޭނަ އެނބުރުނުއިރު، އަނަމް ހުރީ ދޮރުމަތީގައި މަޑުކޮށްލައިގެންނެވެ.

އައިވަންގެ ކޮންމެ ހަރަކާތަކަށް ބަލަން ހުރި އަނަމްއަށް އެތަނުގައި އިތުރު ބަޔަކު އުޅޭކަން ނުވެސް އެނގޭ ކަހަލަ އެވެ. އެ ނުދަންނަ ޒުވާނާގެ ކޮންމެ ހަރަކާތަކުންވެސް އޭނަ ހިތަށް ގޮތްތަކެއް ވަމުން ދިޔަކަން ޤައިމެވެ. ވަކީން ޚާއްސަކޮށް، މީހުންނާއި ދޭތެރޭގައި އެބަހައްޓާ އަޅާލުމާއި އޯގާތެރިކަމުގެ ސަބަބުން އޭނަގެ ހިތުން އެ ޒުވާނާއަށް ޚާއްސަ ޤަދަރެއް ދެވިއްޖެ އެވެ.

އަނަމް އެގޮތަށް ޤަބުވެފައި ހުއްޓައި އައިވަން އެނބުރި އަންނަތަން ފެނުނެވެ. އޭނަ އަވަސް އަަވަހަށް އެހެން ދިމާއަކަށް ނަޒަރު ހުއްޓާލައިފި އެވެ.

"ދީބަލަ ފޯނު..." އައިވަން އެދުނެވެ.

ވަގުތުން ފޯނު ދޭން ހިތް އެދުނު ނަމަވެސް، އަނަމް އިރުކޮޅަކު މަޑުކޮށްލި އެވެ. ނުދޭން ދެފިކުރެެއްގައި ހުރެފައި ކަހަލަ ގޮތަކަށް އޭނަ ފޯނު ނެގި އެވެ. އައިވަން ވަގުތުން އެ އަތުލާފައި އަތުގައި އޮތް ސިމު ލައްވައިފި އެވެ. އެއަށްފަހު، އޭނަގެ ފޯނުން އެ ނަންބަރަށް ގުޅި އެވެ.

"މީ އަހަރެންގެ ނަންބަރު... ކަމެއް ބޭނުންވެއްޖެއްޔާ ގުޅާލާ..." އަނަމްގެ ފޯނުގެ އިސްކުރީން ދައްކައިލަމުން އައިވަން ބުންޏެވެ. "ކޮޓަރި ތައްޔާރުކޮށްލާފަ އެކުދިން ބުނެލާނެ... އެތާ އިށީނދެލާ..." ތަންކޮޅެއް ދުރުގައި ހުރި ސޯފާތަކެއް ދައްކައިލަމުން އައިވަން ބުންޏެވެ. އޭނަ ދާން ހިނގައިގަނެފައިވެސް ހުއްޓުނެވެ.

"މިތަނުން ކޮޓަރިއެއް ހަމަޖައްސައިީފަ އަހަރެން މިދަނީ... އެއްވެސް ކުއްޔެއް ދައްކާކަށް ނުޖެހޭނެ... ޓޭކް ކެއަރ..."

އައިވަން ނުކުމެގެން ދިޔައީ އެވެ. ހަމަ ޤައިމުވެސް އަނަމްގެ ހިތަށް ތަދުވެއްޖެ އެވެ. އައިވަން އެދިޔައީ އޭނަ އާއި ވަދާއުގެ ސަލާން ކޮށްފައި ހެއްޔެވެ؟ ދެން ދުވަހަކުވެސް އޭނަ އާއި ދިމާނުވާނެ ހެއްޔެވެ؟

އައިވަން ދިޔަ ދިމާއަށް ބަލަން ހުރި އަނަމްއަށް އެކަނިވެރިކަން އިހުސާސް ކުރެވެން ފެށި އެވެ. މުޅި ތަން ފަޅުވެފައިވާހެން އޭނައަށް ހީވި އެވެ. ކޮޓަރި ތައްޔާރުވެފައި ހުރިކަން އެންގުމަށް ތަނުގެ މުވައްޒަފަކު އައުމުން، ފަހު ފަހަރަށް އައިވަން ދިޔަ ދިމާއަށް ބަލައިލާފައި، އޭނަ އެކުއްޖާ އާއިއެކު ގޮސް ކޮޓަރިއަށް ވަނެވެ.

ބޭރުގައި އިރުކޮޅަކު މަޑުކޮށްލާފައި އައިވަން ގޮސް ޓެކްސީއަށް އެރި އެވެ. ފޯނުގެ އިސްކްރީނުގައިވާ އަނަމްގެ ނަންބަރަށް ބަލަން އިނދެފައި، އޭގައި ޖަހާނެ ނަމަކާއިމެދު ވިސްނައިލި އެވެ.

"އެންގްރީ ގާލް..." އައިވަންގެ ހިތަށް އައި ނަން ޖަހައި އޭނަ އެ ނަަންބަރު ފޯނުގައި ރައްކާކޮށްލައިފި އެވެ. އޭރު އޭނަގެ ތުންފަތުގައި ވަނީ ލުއި ހިނިތުންވުމެކެވެ. އެ ނަން ފެނުމުންވެސް އެއާޕޯޓުގެ ތެރޭގައި އަނަމް އުޅުނު ގޮތް އޭނައަށް ސިފަވެގެން ދިޔަ އެވެ.

********

"ހޭނެކަމެއް ނެތޭ... އަހަރެމެންނަށް ކަމެއް ކުރެވުނު ކަމަށް ވާނީ، އޭނަ މުށަށްލައި ފިތާލެވުނީމަ..." ޝުވޭބު ވާހަކަ ދައްކަމުން ދިޔައީ އޭނަ އާއިއެކު ތިބި ހަތަރު ފިރެހެނުންނަށެވެ.

އޭގެ ތެރެއިން ދެ މީހެއްގެ ކަރުގައި ރިހި ފަށެއް އަޅާފައިވާއިރު، އަތާއި ފައިގައިވެސް ގަހަނާ އަޅާފައި ހުއްޓެވެ. އިސްތަށިގަނޑު ކޮނޑާއި ހަމައަށް ދިގުކޮށްފައިވާއިރު، އެއިން ޒަމާނަކުވެސް، ފެންވަރައިގެން ތިބި ވައްތަރެއް ނުޖަހަ އެވެ. އަނެއް ދެމީހުން ތިބީ ޝާހީކޮށް ހެދުން އަޅާފަ އެވެ. ފެންނަ ފެނުމަށް ގޯސް ގޮތަކަށް އުޅޭ ބައެއް ވައްތަރު ނުޖަހަ އެވެ.

"އެއީ ބޮލެއް ނެތް ގަމާރެއް... އަހަރެން ގޮސް އަހާލާއިރަށް ހުރިހާ މައުލޫމާތެއް ދީފި..." އެތަނުން އެކަކު ބުންޏެވެ.

އޭނަގެ ކައިރީގައި ހުރި މީހަކު ހީގަނެފައި އެކަކު އަނެކެއްގެ އަތުގައި ޖަހައިލި އެވެ.

"ގަމާރުވީމަ އަހަރެންމެންނަށް އޭގެ ފައިދާ ކޮށްފިތާ... ދެން ކޮބާ މައްސަލައަކީ؟..." އަނެކަކު ބުންޏެވެ.

"އާނ!.. އާނ.!... ކަލެއަށް އެނގޭތަ، އަދި މިއޮތީ އެޑްރެސްވެސް ލިޔެލާފަ ދީފައޭ... ގަމާރުވިޔަސް ބޮޑުވަރެއްނު..." އެމީހާގެ ބުރަކަށީގައި ބޮނޑިއެއް އަޅައިލަމުން އެހެން މީހަކު ބުންޏެވެ.

"އޭނަ އަންހެނުން ނުކުންނަންވާއިރަށް މަގެއާ ސާންޗޭ އާ ދެމީހުން ބަޗައިފިން އެ ތަނުން... މަގޭ ވަކި ހިސާބަކަށް ގޮއްސަ ބަލައިލިއިރު ވެސް އޭނަ އަންހެނުން ހުރި ވަރަށް ފާޑަކަށް ބަލަހައްޓައިގެން... ނޭނގެ އަހަރެމެން އެންމެން އެއްކޮށް ތިއްބާ ފެނުނީމަ ޝައްކު ނުވާނެ ކަމެއްވެސް..."

"ޝައްކެއް ނުވާނެ... ކަލޭމެން ތިތިބީ އެ އަނަމްގެ ބޭބެ ހެދިފައެއްނު..." ދެންތިބި އެންމެން ހީގަތެވެ.

"އައްސަލާމްއަލައިކުމް... އަޅުގަނޑަކީ އަނަމްގެ ބޭބެ އަހުމަދު... ދެން މިހުރީ އަޅުގަނޑުގެ ޑްރައިވަރު... އަޅުގަނޑު މިއައީ އަޅުގަނޑުގެ ހަމައެކަނި ކޮއްކޮ ބަލާ..." އެމީހާ ހީގަތެވެ. "ކަލޯ މީ އަހަރެން ބުނިހާވެސް އެއްޗަކީ..."

"ކަލޯ އޭނަ ހަމަ އެހެން ބުނާއިރަށް އެ ފިރެހެންމީހާ ހެދިއްޖެއޭ..." ދެން ހުރި މީހާ ހީގަންނަމުން ބުންޏެވެ.

********

"ނުނަގާތަ؟..." ނުހާ ހާސްވެފައި ސުވާލު ކުރީ، ފޯނު ކަންފަތުގައި ޖަހައިގެން ހުރި ނޫމާނަށެވެ.

"އާނއެކޭ..." ނޫމާން ހާސްވެފައި ބުންޏެވެ.

"ދެން ކިހިނެއް ހަދާނީ؟... ކީއްކުރަންތަ އެމީހުންނަށް ހުރިހާ މައުލޫމާތެއް ދިނީ؟... މިހާރު ނޭނގެ ބޮނޑިއެއް ނުދޭ ކަމެއްވެސް... އައިވަންއަށް ކަމެއް ވެއްޖެއްޔާ، ފާރޫޤުބެއަށް އަހަރެން ދައްކާނީ ކޮން މޫނެއް... އަޅެ ނޫމާން!... ކީއްވެތަ ކުރިން އަހަންނަށް ހަޤީޤަތް ކިޔައިނުދިނީ..." ނިތްކުރިމަތީގައި އަތުން ފިރުމައިލަމުން ނުހާ ބުންޏެވެ.

(ނުނިމޭ)

comment ކޮމެންޓް