ކޮވިޑް19: ހޯނޑެއްދޫން ޕޮޒިޓިވްވި މީހުންގެ ޖުމްލަ 44 އަށް

ގދ. ހޯނޑެއްދޫ --

ގދ. ހޯނޑެދޫން މިހާތަނަށް ކޮވިޑް19އަށް ޕޮޒިޓިވްވި މީހުންގެ ޖުމްލަ 44 އަށް އަރާފައިވާ ކަމަށް އެރަށު ސިއްހީ މަރުކަޒުން ބުނެފިއެވެ.

ހޯނޑެއްދޫ ސިއްހީ މަރުކަޒުން ރޭ ބުނީ، އިއްޔެ އެރަށުން އިތުރު ދެމީހަކު ކޮވިޑަށް ޕޮޒިޓިވްވެފައިވާ ކަމަށާއި އެއާއެކު އެރަށުން މިހާތަނަށް ވައިރަހަށް ޕޮޒިޓިވްވީ މީހުންގެ އަދަދު 44 އަށް އަރާފައިވާ ކަމަށެވެ.

އެރަށުން ޕޮޒިޓިވްވީ މީހުންގެ ތެރެއިން ހަތަރު މީހަކު ވަނީ ރަނގަޅުވެފައެވެ. އެރަށުގައި މިވަގުތު ޕޮޒިޓިވް 38 މީހުން ތިބި އިރު، ދެ މީހަކަށް ފަރުވާދެމުން އަންނަނީ ގއ. އަތޮޅު އައިސޮލޭޝަން ފެސިލިޓީގައެވެ.

ކޮވިޑް19 އާ ގުޅިގެން އެރަށުގެ 32 ގެއެއް ވަނީ މޮނިޓަރިން އަށް ލައިފައެވެ.

އެރަށުން މިހާތަނަށް 344 ސާމްޕަލް ނަގާފައިވާއިރު، 50 ސާމްޕަލްގެ ނަތީޖާ އަދި ނުލިބެއެވެ.

ހޯނޑެއްދޫއިން އެންމެ ފުރަތަމަ ޕޮޒިޓިވް ކޭސްތައް ފެނިިފައިވަނީ މި މަހުގެ ތިން ވަނަ ދުވަހު އެވެ. އެ ދުވަހު ޕޮޒިޓިވްވެފައި ވަނީ ކަރަންޓީނުގައި ތިބި ހަތަރު މީހެކެވެ. އަދި ހަމަ އެ ދުވަހު އެމީހުންނާ ލިންކެއް ނެތް ދެ މީހެއްގެ ގައިން އަލާމާތްތައް ފެނިގެން އިތުރު ދެ މީހެއްގެ ގައިން ނެގުނު ސާމްޕަލްތައް ވަނީ ޕޮޒިޓިވްވެފަ އެވެ. އެ މީހުންނާ ބައްދަލުވި މީހުންގެ ފަރާތުން ރަށުގެ އެހެން މީހުންނަށް ވަނީ ބަލި ޖެހިފަ އެވެ.

އެޗްޕީއޭ އިން އަދިވެސް އަންނަނީ، އެރަށަށް ބަލި ފެތުރުނު ގޮތް ތަހުގީގު ކުރަމުންނެވެ. އެރަށު ކަރަންޓީންގައި ތިބި މީހުން ބައެއް މީހުންނާ ބައްދަލު ކުރި ކަމަށް ވާހަކަ ދެކެވެ އެވެ. އެހެން ނަމަވެސް މިހާތަނަށް އައި އިރު އެ ވާހަކަތަކަކީ ސައްހަ މައުލޫމަތުތަކެއްކަން ކަށަވަރު ނުވާ ކަމަށް އެޗްޕީއޭ އިން ވަނީ ބުނެފައެވެ.

comment ކޮމެންޓް