ބާސެލޯނާގެ ރައީސްކަމުން ބާޓޮމެއު ވަކިކުރަން ބޮޑު ޕެޓިޝަނެއް ހުށައަޅައިފި

ބާސެލޯނާގެ ޕްރެޒިޑެންޓް ޖޯސެޕް މާރިއާ ބާޓޮމެއު -- ފޮޓޯ: އިންޑިޕެންޑެންޓް

ބާސެލޯނާގެ ރައީސް ޖޯސެޕް މާރިއާ ބާޓޮމެއު އެ މަގާމުން ވަކިކުރުމަށް އެދި 20،731 ކްލަބް މެމްބަރުންގެ ސޮއިއާ އެކު ޕެޓިޝަނެއް ހުށައަޅައިފި އެވެ.

ބާސެލޯނާގެ ކެޕްޓަން ލިއޮނެލް މެސީ އެކުލަބު ދޫކޮށްލަން ބޭނުންވާކަން އިއުލާން ކުރުމާ ގުޅިގެން އެކުލަބުގެ މެމްބަރުންތަކެއް ވަނީ ބާސެލޯނާގެ ރައީސްއާ ދެކޮޅަށް ތެދުވެފަ އެވެ. އަދި ކުލަބުގެ މެނޭޖްމެންޓްގެ ދޯހަޅި ވާހަކަ މެސީ އޭނާގެ ޓްރާންސްފާ ބަންދުވުމުގާ އެކު މީސްމީޑިއާއާ ހާމަކުރި ހިސާބުން ގިނަ މެމްބަރުންތަކެއް ވަނީ ރައީސް ވަކިކުރަން ވަގުތުން ވަގުތަށް މަސައްކަޔް ފަށައިފަ އެވެ.

ބާސެލޯނާގެ ހިންގާ ގަވާއިދުގައި ބުނާ ގޮތުން އިތުބާރު ނެތް ކަމުގެ މައްސަލަ ރަސްމީކޮށް ހުށަހެޅުމަށް ފަހު 14 ދުވަހުގެ ތެރޭގައި ބާސާގެ މެންބަރުންގެ ތެރެއިން 15 ޕަސަންޓް މެންބަރުންގެ ސޮއި ހޯދަން ޖެހޭނެ އެވެ. އެއީ ގާތްގަނޑަކަށް 17000 މެންބަރުންނެވެ.

ކަނޑައެޅިފައިވާ މުއްދަތުގައި އެ އަދަދަށް ސޮއި ހޯދިއްޖެ ނަމަ، ހުރިހާ މެންބަރުންގެ މެދުގައި ފެންނަ ނުފެންނަ ވޯޓަކަށް ހުޅުވާލެވޭނެ އެވެ. ބާސާގެ 154،000 މެންބަރުންގެ ތެރެއިން ތިންބައި ކުޅަ ދެބައި މެންބަރުން، އިތުބާރު ނެތް ކަމަށް ވޯޓް ދީފިނަމަ ދެ ވަނަ މަރުހަލާއަކީ އާ އިންތިހާބެއް ބޭއްވުމެވެ.

ބާސެލޯނާގެ މެމްބަރުންގެ ތެރެއިން 20،000 އަށް ވުރެން ގިނަ މެމްބަރުންގެ ސޮއިއާ އެކު މިހާރު އެކުލަބުގެ ރައީސް ބާޓޮމެއު ވަކިކުރަން ޕެޓިޝަން ހުށައަޅާފައިވާ އިރު މިހާރު ވަނީ ޕެޓިޝަނުގެ ސައްހަކަން ބެލުމުގެ މަރުހަލާ ފަށައިފަ އެވެ. ޕެޓިޝަންގެ ސައްހަކަން ބެލުމަށް ފަހު ކުރިއަށް އޮތް ތިންމަސް ތެރޭ ބާޓޮމެއުގެ މަގާމު ދެމެހެއްޓުމަށް އަލުން ވޯޓަކަށް ދާއިރު، މީގެ ކުރިން ދެ ފަހަރަކަށް ބާސެލޯނާގެ ރައީސް ވަކިކުރަން ވަނީ ވޯޓަކަށް ގޮސްފަ އެވެ. އެއީީ 1998 ވަނަ އަހަރު ލުއިސް ނުނެޒްއާއި 2008 ވަނަ އަހަރު ޖޯއާން ލަޕޯޓާ ވަކިކުރުމަށެވެ. އެކަމަކު މި ދެފަހަރުވެސް ވޯޓް ނިމިގެން ދިޔައީ އޭރު ތިބި ރައީސުންނާ އެއްކޮޅަށެވެ.

comment ކޮމެންޓް