މިއަދު ޕޮޒިޓިވް ވީ 67 މީހުން

ރާއްޖޭގައި މިއަދު ކޮވިޑް-19 އަށް ޕޮޒިޓިވް ވެފައިވަނީ 67 މީހުން ކަމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ބުނެފިއެވެ.

އެޗްޕީއޭއިން އާންމުކޮށްފައިވާ މައުލޫމާތުގައި ބުނެފައިވަނީ ރޭގެ 1800 އިން ފެށިގެން މިއަދުގެ 1800 އަށް ރާއްޖެއިން 67 މީހުން ޕޮޒިޓިވް ވެފައިވާ ކަމަށެވެ. އޭގެތެރޭގައި ހިމެނެނީ 44 ދިވެހީންނާއި 23 ބިދޭސީންނެވެ.

މިއަދު ޕޮޒިޓިވްވި 67 މީހުންގެ ތެރެއިން 62 މީހަކީ މާލެ ސަރަހައްދުން ކޮވިޑް-19 އަށް ޕޮޒިޓިވްވި މީހުންނެވެ.

މިއަދު ޕޮޒިޓިވްވި ކޭސްތަކާއެކު ރާއްޖެއިން ކޮވިޑް-19 ޖެހުނު މީހުންގެ ޖުމްލަ އަދަދު ވަނީ މިހާރު 9،494 އަށް އަރާފައެވެ. އަދި އޭގެތެރޭގައި މިހާރު ހިމެނެނީ 1،422 އެކްޓިވް ކޭސްތަކެވެ.

އެކްޓިވް ކޭސްތަކުގެ ތެރެއިން 104 މީހަކަށް ދަނީ ހޮސްޕިޓަލުގައި ފަރުވާ ދެމުންނެވެ. އަދި 684 މީހަކު ތިބީ އައިސޮލޭޝަން ފެސިލިޓީތަކުގައި ކަމަށް އެޗްޕީއޭއިން ބުނެފައިވެއެވެ.

ބަލީން ރަނގަޅުވި މީހުންގެ އަދަދު މިހާރު ވަނީ 8،033 އަށް އަރާފައެވެ.

ރާއްޖެއިން ކޮވިޑްއަށް ޓެސްޓުކުރުމަށް މިހާތަނަށް ވަނީ 135،958 ސާމްޕަލް ނަގާފައި ކަމަށް އެޗްޕީއޭއިން ބުނެއެވެ.

ކޮވިޑް-19 ޖެހިގެން ރާއްޖެއިން ވަނީ މިހާތަނަށް 33 މީހަކު މަރުވެފައެވެ.

comment ކޮމެންޓް